ކުނި މެނޭޖްކުރުމާބެހޭ ގަވާއިދުގައި ބުނެފައިވާ މިންގަނޑާ ހިލާފަށް ކުނި ބަރުކޮށްގެންދާ އުޅަނދުފަހަރުގެ ކުނި މާލޭގެ ވޭސްޓް ޓްރާންސްފާ ސްޓޭޝަނާއި ތިލަފުށްޓަށް ބަލައި ނުގަންނާނެކަމަށް އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ބުނެފި އެވެ.

އީޕީއޭ އިން ކުރި އިއުލާނެއްގައި ބުނެފައި ވަނީ ކުނި މެނޭޖްކުރުމާބެހޭ ގަވާއިދާ ހިލާފަށް އެކި ފަރާތްތަކުން ކުނި އުފުލާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

ކުނި މެނޭޖްކުރުމާއިބެހޭ ގަވާއިދުގައިވާ ގޮތުން، ކަނޑުމަތީގައާއި އެއްގަމު އުޅަނދުފަހަރުގައި އެއްތަނުން އަނެއްތަނަށް ކުނި ގެންދަންވާނީ ކުންޏާއި އޭގެ ވަސް މާހައުލަށް ނުފެތުރޭގޮތަށް ރަނގަޅަށް ނިވާކޮށް، ކުންޏާއި އޭގައި އެކުލެވޭ ދިޔަ އެއްވެސް ވަރަކަށް ބޭރުނުވާ ގޮތަށެވެ.

ކުނި އުފުލާ އުޅަނދުފަހަރު ހުންނަޖެހޭނެ ގޮތުގެ ކުރެހުމެއް --

  • އެއްތަނުން އަނެއްތަނަށް ކުނި ގެންދާއިރު، ކުނިތައް ހުންނަން ވާނީ ފެނުން ރައްކާތެރިވާނެ ހެން ވޯޓާ ޕްރޫފް ސަތަރިއެއް ނުވަތަ އެފަދަ އެހެން އެއްޗެއް އަޅައި އެއްކޮށް ނިވާކުރެވިފައި

  • ކުނި އުފުލުމަށް ހާއްސަ އުޅަނދެއްނަމަ އުޅަނދު ތެރޭގައި ހަރުނުކޮށް ހުންނަ ފިލާ، ޕެލެޓް ބޭނުން ކުރުމަކީ މަނާ ކަމެއް
  • ތެތް ކުނި، ގާކުނޑި، ނުވަތަ ވެލި އުފުލާ އުޅަނދުފަހަރު ޑިޒައިން ކުރެވިފައި ހުންނަން ވާނީ ހިރަފުސް، ފެން ނުވަތަ ދިޔާ އެހެން އެއްޗެއް މަގުމައްޗަށް ނުފައިބާނެ ގޮތަށް

އެހެންކަމުން، ކުނި މެނޭޖްކުރުމާބެހޭ ގަވައިދާ ހިލާފަށް ކުނި އުފުލާ ފަރާތްތައް ހުއްޓުވައި، އެފަދަ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެކަމަށް އީޕީއޭ އިން ވަނީ ބުނެފަ އެވެ.

އަދި ގަވާއިދުގައި ބުނާ މިންގަނޑާ ހިލާފަށް ކުނި ބަރުކޮށްގެންދާ އުޅަނދުފަހަރުގެ ކުނި ބަލައި ނުގަންނާނެކަމަށް ވެސް އީޕީއޭ އިން ވަނީ އަންގައިފަ އެވެ.