14 Nov 2011, 17:00
ށ. އަތޮޅު ކައުންސިލުން ހުސްވެފައިވާ ދެ ގޮނޑީގެ ބައި އިލެކްޝަން އަންނަ މަހު 31ވާ ހޮނިހިރު ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު އިއުލާންކޮށްފި އެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނީ ށ. އަތޮޅު ކައުންސިލްގެ ބައި އިލެކްޝަން ބޭއްވުމަށް އިއުލާންކުރީ މަގުބޫލު އުޒުރަކާ ނުލައި ވިދިވިދިގެން ކައުންސިލްގެ ހަތް ޖަލްސާއަށް އެމްޑީޕީގެ ދެ ކައުންސިލަރުން ކަމަށްވާ ފިރާގު އިބުރާހިމާއި އަބްދުﷲ އާތިފު ހާޒިރުވެވަޑައިގެންފައި ނުވާތީ ކަމަށެވެ.
މަގުބޫލު އުޒުރެއް ނެތި ކައުންސިލްގެ ހަތް ޖަލްސާ އަށް ހާޒިރުވެވަޑައިގެންފައި ނުވާ ކަމަށް ބުނެ ފިރާގާއި އާތިފް ކައުންސިލް މެންބަރުކަމުން ވަކިކޮށްދިނުމަށް ށ. އަތޮޅު ކައުންސިލުން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވަނީ އޮކްޓޯބަރު11،2011ގައި އެ ކައުންސިލްގެ އަނެއް ހަތަރު މެންބަރުން ވޯޓުދީގެން ފާސްކުރި ގަރާރަކުންނެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމާ ބެހޭ ގާނޫނުގެ 119 ވަނަ މާއްދާގެ (ށ)ގައި ވަނީ މަގުބޫލު އުޒުރެއްނެތި ކައުންސިލަރަކު ވިދިވިދިގެން ހަތް ޖަލްސާ އަށް ހާޒިރުވެވަޑައި ނުގެންފި ނަމަ ކައުންސިލްގެ މެންބަރު ކަމުގެ މަގާމުން ވަކިވާނެ ކަމަށެވެ.
ށ. އަތޮޅު ކައުންސިލްގެ ރައީސް މޫސާ ފަތުހީ އާދަމް ކުރިން ވިދާޅުވެފައި ވަނީ އެ ދެ ކައުންސިލަރުން ކައުންސިލްގެ ރަސްމީ މަސައްކަތަށް އެއްވެސް ގޮތަކަށް ކައުންސިލް އިދާރާ އަށް ހާޒިރުވެވަޑައިގެންފައި ނުވާ ކަމަށެވެ.