ބަޣްދާދު (އޮކްޓޯބަރު 2): އިރާގުގައި މުޒާހަރާކުރި ފަރާތްތަކާ ދެކޮޅަށް ފުލުހުން ބާރުގެ ބޭނުންކުރި މައްސަލާގައި ހިތްހަމަޖެހިވަޑައިނުގަންނަވާ ކަމާއި މުޒާހަރާކުރި ފަރާތްތަކުގެ ބޭނުންތައް ސަރުކާރުން ހާސިލް ކޮށްދޭންޖެހޭނެ ކަމަށް އެގައުމުގެ ރައީސް ބަރްހަމް ސާލިޙް ވިދާޅުވެއްޖެ އެވެ.

އިރާގުގެ ރައީސް ބަރްހަމް ސާލިޙް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މުޒާހަރާކުރާ ރައްޔިތުންނާ ދެކޮޅަށް ބާރުގެ ބޭނުންކުރުމުގެ ބަދަލުގައި އަހަރެމެންގެ ވާޖިބަކަށް ވާންޖެހޭނީ ރައްޔިތުން އެދޭއެދުންތަކަށް އިޖާބަދިނުން ކަމުގައެވެ.

އިރާގުގެ ވެރިރަށް ބަޣްދާދުގެ މެދުތެރޭގައި އިއްޔެ ހަވީރު މުޒާހަރާކުރި ފަރާތްތަކާ ދެކޮޅަށް އަމަނާބެހޭ ފަރާތްތަކުން ބާރުގެ ބޭނުންކުރުމުގެ ސަބަބުން އެކަކުމަރުވެ 200 މީހުން ޒަޚަމްވެފައިވާއިރު ޒަޚަމްވި މީހުންގެ ތެޜޭގައި ފުލުހުންގެ 40 މީހުން ހިމެނޭކަމަށް އިރާގުގެ ދާޚިލީ ވުޒާރާއިން ބުނެއެވެ.

ބާރުގެ ބޭނުންކުރަންޖެހުނީ މުޒާހަރާކުރި ފަރާތްތައް ހަމަޖުހެނުންހިންގައި ފުލުހުންނަށް ހަމަލާދީ ތަންތަނަށް ގެއްލުން ދޭން މަސައްކަތް ކުރުމުން ކަމަށް ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

ބަޣްދާދުގެ މެދުތެރޭގައި އެތަށް ހާސްބަޔަކު މުޒާހަރާކުރީ އިރާގުގައި ކޮރަޕްޝަން ބޮޑުވުމާއި ރައްޔިތުންނަށް ލިބެންޖެހޭ އާންމު ޚިދްމަތްތައް ލިބުން ދޯދިޔާވެ ވަޒީފާ ނެތުމާއި ރައްޔިތުން ގެ އަތްމަތި ދަތިވުންފަދަ މައްސަލަތަކާ ގުޅިގެންނެވެ.

މިއީ މިފަހަކަށް އައިސް އިރާގުގައި ކުރި އެންމެ ބޮޑު މުޒާހަރާކަމަށް މުރާސިލުން ބުނެއެވެ.

އިރާގަކީ ސުލްޙަވެރިކަމާއެކު މުޒާހަރާ ކުރުމުގެ ހައްގު ގާނޫނީގޮތުން ރައްޔިތުންނަށް ލިބިދީފައިވާ ގައުމެކެވެ. މުޒާހަރާކުރި ފަރާތްތަކާ ދެކޮޅަށް ފުލުހުން ބާރުގެ ބޭނުންކުރި މައްސަލަ ތަހްގީގް ކުރުމަށް އިރާގުގެ ބޮޑުވަޒީރު އާދިލް އަބްދުލްމަހްދީވެސް ވަނީ އެގައުމުގެ އަމަނާބެހޭ އިދާރާތަކަށް އަންގަވާފައެވެ. (އަލްޖަޒީރާ)