02 Oct 2019, 09:27
ދިވެހިންނަކީ އެކި ވައްތަރުގެ ފިލްމުތަކާއި ސީރީޒް ތަކަށް މަރުދޭ ބައެކެވެ. ތުރުކީ ސީރީޒްތަކުން ފެށިގެން ސްޕެނިޝް ފިލްމުތަކާއި ކޮރެއާ ސީރީޒްތަކަށް ދިވެހިންގެ ހިތް އޮންނަނީ ދޫވެފަ އެވެ.
އެކަމަކު ބައެއް ފިލްމުތަކަކީ ދިވެހިންގެ ޕްލޭ ލިސްޓްގައި އަބަދުހެންމެ، އޮންނަ ފިލްމްތަކެކެވެ. ފޫހިނުވެ އެއްފަހަރަށް ވުރެ ގިނަ ފަހަރު މި ފިލްމްތައް ބަލައިލެވެ އެވެ. މިއީ އޭގެ ތެރެއިން ބައެއް ފިލްމުތަކެވެ.
3 އިޑިއަޓްސް
މި ފިލްމަކީ ރާޖްކުމާރު ހިރާނީ 2009 ވަނަ އަހަރު ގެނެސްދިން ފިލްމެކެވެ. އާމިރު ހާން އާއި ކަރީނާ ކަޕޫރު ލީޑު ރޯލުން ފެނިގެންދާ މި ފިލްމަކީ މިއަދުވެސް ދިވެހިންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ ފިލްމެކެވެ. ކޮލެޖުގައި އެއްކޮށް އުޅޭ ތިން އެކުވެރިއަކަށް ބިނާކޮށް މި ފިލްމު ތައްޔާރުކޮށްފައިވާއިރު މި ފިލްމަކީ ހުރިހާ ރަހަތަކަށް އެކުލެވޭ ފިލްމެކެވެ.
ތާރޭ ޒަމީން ޕަރް
މި ފިލްމަކީ ވެސް އާމިރު ހާން ލީޑު ރޯލުން ފެނިގެންދާ ފިލްމެކެވެ. ދެހާސް ހަތް ވަނަ އަހަރު ނުކުތް ފިލްމު، "ތާރޭ ޒަމީން ޕަރް" އަކީ އަދިވެސް ގިނަ ބަޔަކު ރޮއްވާލާ ފިލްމެކެވެ. ގިނަ އެވޯޑުތަކެއް ހޯދައި ރެކޯޑުތަކެއް އާކުރި ފިލްމު ވެގެން ގޮސްފައި ވަނީ މިހާތަނަށް ވެސް ބޮލީވުޑުން ފެނުނު އެންމެ ކާމިޔާބު އެއް ފިލްމަށެވެ. އުނގެނުމަށް ދަތިތަކެއް ކުރިމަތިވެފައިވާ ކުއްޖެއްގެ ހަޔާތަށް ފިލްމު އުފައްދާ ޑައިރެކްޓްކޮށްފައިވަނީ އާމިރު ހާނެވެ.
އަ ވޯކް ޓު ރިމެމްބާ
އެޑަމް ޝަންކްމެން ޑައިރެކްޓްކޮށް އުފައްދާފައިވާ މި ފިލްމަކީ ޒުވާނުންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ހޯދި ފިލްމެވެ. މިހާރުވެސް ދޭތެރެ ދޭތެރެއިން މި ފިލްމު ބަލައި ޒުވާނުން އުޅޭނެއެވެ. ރޯލަން ބޭނުންވެއްޖެނަމަ މި ފިލްމު ވަރެއް ނެތް ކަމަށް ގިނަ ޒުވާނުން ބުނެއެވެ.
ޓައިޓޭނިކް
މީގެ 107 އަހަރު ކުރިން އެޓްލާންޓިކް ކަނޑުގެ އަޑިއަށް ދިޔަ މަޝްހޫރު ކްރޫޒް ލައިނާ "ޓައިޓޭނިކް" އަޑިއަށް ދިޔަ ހާދިސާގެ މައްޗަށް އުފެއްދި ފިލްމު "ޓައިޓޭނިކް" އަކީ ޖޭމްސް ކެމެރަން ޑައިރެކްޓްކޮށް ގެނެސްދިން ފިލްމެކެވެ. އެ ފިލްމު އެންމެ ބޮޑަށް މަޝްހޫރުވީ އެއްސަބަބަކަށްވީ "ޓައިޓޭނިކް" ބޯޓަށް ދިމާވި ހާދިސާއެވެ. ބޯޓުން ދަތުރުކުރި 2224 މީހުންގެ ތެރެއިން ފުރާނައާގެން ސަލާމަތްވެވުނީ އެންމެ 710 މީހުންނަށެވެ. މި ފިލްމަކީ ރޮމޭންޓިކް ފިލްމެކެވެ. އަދި ފިލްމުގައ ހިމެނޭ "މައި ހާޓް ވިލް ގޯ އޮން" އަކީ މިއަދުވެސް ގިނަ ބަޔަކަށް އެންމެ ކަމުދާ ލަވައިގެ ލިސްޓުގައި ހިމެނޭ ލަވައެކެވެ.
ޕީކޭ
ޕީކޭ އަކީ އަނުޝްކާ ޝަރްމާ އާއި އާމިރު ހާން ލީޑު ރޯލުން ފެނިގެންދާ ފިލްމެވެ. މި ފިލްމަކީ އިންޑިއާގެ ފިލްމީ ތާރީހުގައި މިހާތަނަށް އެންމެ ބޮޑު ކާމިޔާބީ އެއް ހޯދި ފިލްމެވެ. ރާޖްކުމާރު ހިރާނީ ޑައިރެކްޓްކޮށްފައިވާ ޕީކޭ ރިލީޒްކުރިތާ ދެހަފްތާ ތެރޭގައި އެ ފިލްމަށް 276 ކްރޯޑް އަށް ވުރެ ގިނަ ރުޕީސް ލިބިފައިވެ އެވެ. އެ ފިލްމަކީ އެހެން ދުނިޔެއަކުން އިންސާނުން ދިރިއުޅެމުންދާ ގޮތުގެ ދިރާސާއެއް ކުރުމަށް ބިމަށް އަންނަ އޭލިޔަނެއްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. ހެއްވާ މަޖާ މި ފިލްމަކީ އަދިވެސް ދިވެހިން ބަލައި ފޫހިނުވާ ފިލްމެވެ.
އަބަދުވެސް ބަލައި ފޫހިނުވާ ބައެއް ފިލްމުތައް
މޮހޮއްބަތައިން
ނޯޓްބުކް
އެވަޓާ
ބިފޯ ސަންސެޓް
މީ ބިފޯ ޔޫ
ސަނަމް ތޭރީ ކަސަމް
މި ލިސްޓުގައި ހިމަނާލައިފައިވާ ފިލްމުތަކަކީ ބައެއް ޒުވާނުންގެ 'ޗޮއިސް'އެވެ. ދިވެހިންނަށް އަބަދުވެސް ކަމުދާ ކިތަންމެ ފަހަރަކު ބެލިޔަސް ބަލައި ފޫހިނުވާނެ ފިލްމުތަކެވެ. މިއީ މިހާރުވެސް އެންމެ މަޝްހޫރު އަދި އެންމެ މަގްބޫލު ފިލްމުތަކެވެ. ކިޔުންތެރިން މި ލިސްޓަށް ފިލްމު އިތުރުކޮށްލާށެވެ!