ބޮޑު ކަނޑުގެރިއެއް އޭގެ އުމުރުން ފަސް މަހުން ފެށިގެން އޮޅުކޮށްގެން ގެންގުޅުނު ދެކުނު އެފްރިކާ މީހަކު އެންމެ ފަހުން އޭގެ ހަމަލާއެއްގައި މަރުވެއްޖެ އެވެ.

ދެކުނު އެފްރިކާ މީހެއް ކަމަށްވާ އުމުރުން 41 އަހަރުގެ މަރިއަސް އެލްސް އޭނާގެ ކަނޑުގެރި] ހިޕޮޕޮޓަމަސް[ ކުރިން ސިފަކޮށްފައި ވަނީ "ދަރިއެއް ފަދަ" އެއްޗެއްގެ ގޮތުގަ އެވެ.

ނަމަވެސް މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އެލްސްގެ ފަޅިފަޅިވެފައިވާ ހަށިގަނޑު އޭނާގެ ދަނޑުބިމުގެ ތެރެއިން ގޮސްފައިވާ ކޯރެއްގެ ތެރެއިން ފެނިގެން އެކަން ތަހުގީގުކުރުމުން އެނގުނީ އޭނާގެ ގައިގެ އެތަން މިތާ ދަތް އަޅައި އޭނާ މަރާލީ ލޯބިން ގެންގުޅުނު ކަނޑުގެރި ކަމެވެ.

އެލްސް ޕެޓެއްގެ ގޮތުގައި ގެންގުޅޭތާ ހަ އަހަރުވެފައިވާ، ބަރުދަނުގައި 1200 ކިލޯ ]1.2 ޓަނު[ ހުންނަ ކަނޑުގެރީގެ ބުރިކަށި މައްޗަށް ސަވާރުވެގެން އޭތި ދުއްވާ މަންޒަރު ފެންނަ ފޮޓޯތައް މިދިޔަ އަހަރު ވަނީ ދުނިޔޭގެ ނޫސްތަކުގައި ޝާއިއުކޮށްފަ އެވެ.

"ހަމްފްރީ އަކީ އަހަރެންނަށް ދަރިއެއް ފަދަ އެއްޗެއް، އެއީ ހަމަ އިންސާނެއް ފަދަ އެއްޗެއް،" ކަނޑުގެރީގެ މައްޗަށް ސަވާރުވެގެން ދުއްވުމަށް ފަހު ވާހަކަ ދައްކަމުން އެލްސް މިދިޔަ އަހަރު ބުނެފައިވެ އެވެ.
އޭރު އޭނާ ބުނެފައިވާ ގޮތުގައި ކަނޑުގެރި އާއި އޭނާއާ ދެމެދު ގުޅުމެއް އޮވެ އެވެ. އަދި ބައެއް މީހުންނަށް އޮޅުން ނުފިލަނީ އެކަމެވެ.

"ބައެއް މީހުން ހީކުރާ ގޮތުގައި ޕެޓްގެ ގޮތުގައި ގެންގުޅެވޭނީ ކުއްތާ އާއި ބުޅާ ފަދަ ގެވެހި ޖަނަވާރު، ނަމަވެސް އަހަރެން މިގެންގުޅެނީ އެފްރިކާގެ އެންމެ ނުރައްކާތެރި ޖަނަވާރު،" އެލްސްއާ ހަވާލާދީ އިނގިރޭސި ޑެއިލީ މެއިލްގައިވެ އެވެ.

ކަނޑުގެރި ނުވަތަ ހިޕޮޕޮޓަމަސް އަކީ އެންމެ ބާރަށް ދަތް އަޅާ ޖަނަވާރުތަކުގެ ތެރޭގައި ފާހަގަ ކުރެވޭ ޖަނަވާރެކެވެ. ގަޑިއަކު 30 ކިލޯމީޓަރުގެ ބާރުމިނުގައި ދުވާ އެ ޖަނަވާރަކީ އެއްވެސް ސަބަބަކާ ނުލައި އިންސާނުންނަށް އޭގެ ވަރުގަދަ ދަތްތަކުން ހަމަލާދޭ ކަމަށް ވެސް ފާހަގަ ކުރެވޭ ޖަނަވާރެކެވެ.