ސަންޖޭ ލީލާ ބަންސާލީ އާ ފިލްމު "ގަންގްބާއީ"ގެ ފިރިހެން ލީޑުން ފެނިގެންދާނީ ކާމިޔާބު ބަތަލު ކާތިކް އާރްޔަން ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ކާތިކް ފިރިހެން ލީޑުން ފެނިގެންދާނެ ކަމަށް ހަބަރުތައް ފެތުރުނުއިރު ފިލްމުގެ އަންހެން ލީޑަކީ އާލިއާ ބަޓް ކަމަށް ވެސް ހަބަރުތައް ބުނެ އެވެ. ބޮލީވުޑް ހަންގާމާ އިން ބުނީ ފިލްމާ ގުޅޭ ގޮތުން ބަންސާލީއާ އެކު ދާދި ފަހުން ކާތިކް ގިނަ ބައްދަލުވުންތަކެއް ބާއްވައިފައިވާ ކަމަށާއި ފިލްމާ ގުޅޭ ގޮތުން ގިނަ މަޝްވަރާތަކެއް ކޮށްފައިވާ ކަމަށެވެ.

ނަމަވެސް ބަންސާލީ މިހާތަނަށް ރަސްމީކޮށް އެއްވެސް ވާހަކައެއް ނުދައްކަ އެވެ. ފިލްމު ރަސްމީކޮށް އިއުލާންކޮށްފައިނުވާއިރު ވެސް ބެލެވޭ ގޮތުގައި މިމަހު ފިލްމު ރަސްމީކޮށް އިއުލާންކުރާނެ އެވެ.

"މިރޯ" ނޫހުން ކުރިން ބުނިގޮތުގައި ބަންސާލީގެ ޝައުގުވެރިކަން ޕްރިޔަންކާ ޗޯޕްރާ އަށް ހުއްޓިފައިވާ ކަމަށާއި ދެން ފިލްމެއް ހަދާނަމަ ލީޑު ތަރިއަކަށް އޭނާ ހަމަޖައްސާނެ ކަމަށެވެ. އަދި އެ ފިލްމާ ގުޅޭ ގޮތުން ބަންސާލީ ޕްރިޔަންކާ އާ ވާހަކަ ވެސް ދައްކާފައިވާ ކަމަށެވެ.

އެކަމާ ގުޅޭ ގޮތުން ޕްރިޔަންކާ ބުނީ ފިލްމުގެ ވާހަކަ ވަރަށް ކަމުދާ ކަމަށާއި ބަންސާލީ އަކީ އަބަދު ވެސް އޭނާގެ ފޭވަރިޓެއް ކަމަށެވެ.

"އެކަމަކު އެއްވެސް ހިންދީ ފިލްމަކަށް އަދި ސޮއިއެއް ނުކުރަން،" ޕްރިޔަންކާ ބުންޏެވެ.

ބަންސާލީ އާއެކޮށް ފިލްމު "އިންޝާﷲ"ގައި މަސައްކަތްކުރަން ލިބުނު ފުރުސަތު އާލިއާ އަށް ވަނީ ސަލްމާން ހާންގެ ސަބަބުން ގެއްލިފަ އެވެ.

ފިލްމުގެ ބަތަލާއަކީ އާލިއާކަން ކަށަވަރު ކަމަށް ބޭރުގެ ގިނަ މީޑިއާތަކުން ބުނެ އެވެ.

ފިލްމުގެ ލީޑު ތަރިންގެ ގޮތުގައި ބަންސާލީ، އާލިއާ އަދި ކާތިކް ހަމަޖައްސައިފި ނަމަ މި ފިލްމުވެގެންދާނީ އެ ޖޯޑު އެއްކޮށް ސްކްރީނުން ފެނިގެންދާނެ ފުރަތަމަ ފިލްމަށެވެ.

އެ ފިލްމަކީ އިންޑިއާގެ ކުރީގެ ވަރަށް މަޝްހޫރު އަންހެން ގޭންގްސްޓާރު ގަންގްބާއީ ކޮތޭވާލީގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. ލިޔުންތެރިޔާ އެސް ހުސައިން ޒައިދީގެ ފޮތް "މާފިއާ ކްއީންސް އޮފް މުމްބާއީ"ގެ މައްޗަށް ބިނާކޮށް އެ ފިލްމު ގެނެސްދޭން ވަނީ ނިންމައިފަ އެވެ.