ދިވެހި ޒުވާނެއް ހިލޭ އޭނާގެ ކިޑްނީ ހަދިޔާކުރަން ނިންމައިފިއެވެ.

ހިލޭ ކިޑްނީ ހަދިޔާ ކުރަން ނިންމީ އައްޑޫ ސިޓީ ހުޅުދޫ، އުމުރުން 33 އަހަރުގެ އަހުމަދު ފިރާޒެވެ.

ފިރާޒް "ސަން" އަށް މިރޭ ބުނީ ކިޑްނީ ހަދިޔާކުރަން ނިންމީ، ކިޑްނީ ބަލިތަކުގައި އުޅޭ މީހުން އުޅޭ ހާލު ފެނިފައި ދެރަވިވަރުން ކަމަށެވެ.

"މިއަދުވެސް ފެނުނު ކޮންމެވެސް ނޫހަކުން ކިޑްނީއެއް ބޭނުންވެގެން އުޅޭމީހެއް. ދެން ވަރަށް ދުވަސްވެއްޖެ ޔޫޓިއުބުގައިވެސް ކިޑްނީދޭން މީހުން އުޅޭ ހާލު ބަލައި ހަދާތާވެސް،" ފިރާޒް ބުންޏެވެ.

ފިރާޒް ބުނީ އޭނާ ހުރީ ބޭނުން ކޮންމެ މީހަކަށްވެސް ކިޑްނީ ދޭން ތައްޔާރަށް ކަމަށެވެ. އަދި އެކަން ފޭސްބުކްގައި އިއުލާންކުރިއްސުރެވެސް އޭނާއަށް ކެނޑިނޭޅި ކޯލް އަންނަމުންދާ ކަަމަށް އޭނާ ބުންޏެވެ.

ފިރާޒް ބުނީ ކިޑްނީ ބަދަލުކުރުމާއި އެހެނިހެން ހަރަދުތައް ކުރަން ޖެހޭނީ ކިޑްނީ ބޭނުންވާ ފަރާތުން އަމިއްލައަށް ކަމަށާއި އެފަދަ މާލީ ތަނަވަސްކަމެއް އޭނާގެ ނެތް ކަމަށެވެ.

"ހިތަށް އަރާ 100 މީހުންނަށްވެސް ކިޑްނީ ދެވޭނެ ނަމައޭ. އެއްވެސް އެއްޗެއް ބޭނުމެއް ނޫން. ބޭނުންވަނީ ހަމައެކަނި ކިޑްނީ ލިބޭ ފަރާތުން އަހަރެންނަކީ އާއިލާގެ މެމްބަރެއްގެ ގޮތުގައި ދެކުން،" ފިރާޒް ބުންޏެވެ.

ފިރާޒް ބުނީ އޭނާ މިވަގުތު ހުރީ އެއްވެސް ވަޒީފާއެއްގައެއް ނޫން ކަމަށެވެ. އަދި ވަރަށް އަވަހަށް ވަޒީފާއަކަށް ދާން ތައްޔާރުވަމުންދާ ކަމަށްވެސް އޭނާ ބުންޏެވެ.