ހެންވޭރުގައި ހިނގާދިޔަ ބޮޑު އަލިފާނުގެ ހާދިސާގައި ގެއްލުންވި އިމާރާތްތަކުގެ ތެރެއިން ނުވަ އިމާރާތެއް އާންމުންގެ ސަލާމަތަށްޓަކައި ތަޅާލާފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ އިން ބުނެފި އެވެ.

ހެންވޭރުގައި ހިނގާދިޔަ ބޮޑު އަލިފާނުގައި އެކަކު މަރުވެ ގިނަ ބަޔަކު ވަނީ ދިރިއުޅުނު ގެ ދޫކޮށްލަން ޖެހިފަ އެވެ.

މިއަދު ޑިޒާސްޓާ މެނޭޖްމެންޓުން އާންމު ކުރި ތަފާސް ހިސާބުތައް ދައްކާގޮތުން ޖުމްލަ 31 ގެއަކަށް ވަނީ އެ އަލިފާނުގެ ހާދިސާގައި ގެއްލުންވެފަ އެވެ. އޭގެ ތެރެއިން ނުވަ ގެއެއް މިހާރު ތަޅާލާފައިވާ ކަމަށް ޑިޒާސްޓާ މެނޭޖްމެންޓު އޮތޯރިޓީން ބުންޏެވެ.

ލިބުނު ގެއްލުންތަކާ ގުޅިގެން އާންމުންގެ ރައްކާތެރި ކަމަށް ތަޅާލީ ހަ ގުދަނާއި ތިން ތިން ގެ އެކެވެ. އެއީ އަލިފާން ފުރަތަމަ ރޯވި ހ. ތިލަފުށި ގުދަނާއި، ހ. މާޓިން ގުދަނާއި، ހ. އަހްމީން ގުދަނާއި، ހ.ކަޅުހުރާގެ ގުދަނާއި، ހ. އަލްހުރާ ގުދަނުގެ އިތުރުން ހ. ކިޔެވް، ހ. ނެއިބަރ އަދި ހ. ނިގާރަން ގެ އެވެ.

އަދި ހެންވޭރުގެ އެ ބޮޑު އަލިފާނުގެ ހާދިސާގެ ސަބަބުން މީހުން ދިރި ނޫޅެވޭ ވަރުގެ ގެއްލުން ލިބުނު ހަ އިމާރާތެއް ހުރި ކަމަށް ޑިޒާސްޓާ މެނޭޖްމެންޓު އޮތޯރިޓީން ބުންޏެވެ. އެއީ ހ. އިވާއު، ހ. ރަދުވާނިޔާގެ، ހ. އިރާނުގެ، ހ. ކަޅުހުރާ ގާޑަން، ހ. ކަޅުހުރާގެ، އަދި ހ. އަލްފާ އެވެ.

ގެއްލުވި އިމާރާތްތަކުގެ ތެރެއިން މަރާމާތުކޮށްގެން އަލުން ބޭނުން ކުރެވޭ ވަރުގެ ފަސް އިމާރާތެއް ހުރި ކަަމަށް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީން ބުންޏެވެ. އެއީ ހ. އަދޫ، ހ.ނިޝާން ޕްލާޒާ، ހ. ކީލް، ހ. އިމޯޝަން އަދި ހ. ގަސްވާ އެވެ.

އޭގެ އިތުން ވަގުތީ ގޮތުން 11 ގެއަކުން މީހުން ހުސްކުރި ނަމަވެސް މިހާރު އެމީހުން ގެއަށް ފޮނުވާފައިވާ ކަމަށް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީއިން ވަނީ ބުނެފަ އެވެ.

އަލިފާނުގެ ހާދިސާގައި ގެއްލުންވި މީހުންނަށް ސަރުކާރުން ކޮންމެވެސް ވަރެއްގެ ބަދަލެއް ދޭނެ ކަމަށް ވަނީ ބުނެފަ އެވެ. ނަމަވެސް ބަަދަލު ދިނުމުގެ ކަންކަން ކުރިއަށްދާ ގޮތެއް އަދި ސާފެއް ނުވެ އެވެ. އިމާރާތްތަކަށް ގެއްލުންވި މީހުން އަދިވެސް ދިރިއުޅެމުން ދަނީ ވަގުތީ ހިޔާގަ އެވެ.

ހެންވޭރު އަބަދަށް ފެހި މަގުމަގުގައި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ހ. ތިލަފުށީ ގުދަނުގައި ހުރި ކެމިކަލްތަކެއްގައި ރޯވެގެންނެވެ. އެތަނުގައި ރޯވާން ދިމާވި ސަބަބެއް އަދިވެސް ސާފެއް ނުވެ އެވެ. އެމައްސަލަ ދަނީ ތަހުގީގު ކުރަމުންނެވެ.