ފްރީ ޑައިވް ވޯލްޑް ރެކޯޑް ރާއްޖެއިން މުގުރާލައިފިއެވެ.

"ފްރީ ޑައިވް ވޯލްޑް ރެކޯޑް" އަކީ އެންމެ ގިނަ ބަޔަކު އެއް ތަނަކަށް އެއްވެ ރެކޯޑު ހަދަން ބާއްވާ އިވެންޓެކެވެ.

އެ ރެކޯޑް މުގުރާލައިފައިވަނީ "ނޭވާ" ގެ ނަމުގައި ޓޫރިޒަމް މިނިސްޓްރީން މިއަދު ހަވީރު ފެށި ޚާއްސަ ޑައިވް ހަރަކާތުގެ ތެރެއިންނެވެ. އެ ރެކޯޑް ހެދުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާއި ސަރުކާރުގެ އިސްބޭފުޅުންވެސް ވަނީ ބައިވެރިވެލައްވައިފައެވެ.

އެ ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ ބަރޮސްގެ ފަޅުގެ ތެރޭގައެވެ.

ރާއްޖެއިން ފްރީޑައިވިންގް ރެކޯޑް ހެދުމުގައި ރައީސުލްޖުމްހޫރިއްޔާއާއެކު ޖުމްލަ 521 ޑައިވަރުން މިއަދު ފީނާފައި ވެއެވެ. ޑައިވަރުން މި ރެކޯޑް ހެދުމަށް 30 ސިކުންތު ވަންދެން ތިން މީޓަރު އަޑިއަށް ފީނާފައިވެއެވެ.

"ފްރީ ޑައިވް ވޯލްޑް ރެކޯޑް" ހެދުމަށް ބޭއްވި ހަރަކާތުގެ ތެރެއިން --- ސަންފޮޓޯ/

ރާއްޖެއިން އެ ރެކޯޑް މުގުރާލިއިރު މީގެ ކުރިން އެ ރެކޯޑް އޮތީ އިޓަލީގެ އަތުގައެވެ. އެގައުމުގެ ވެރޯނާގައި މީގެ ދިހަ އަހަރު ކުރިން އެ ރެކޯޑް ހެދި ހަރަކާތުގައި 280 މީހުން ބައިވެރިވިއެވެ.

ދުނިޔޭގެ ޓޫރިޒަމް ފެއާ ފާހަގަކުރުމުގެ ގޮތުން ޓޫރިޒަމް މިނިސްޓްރީން ދަނީ ގިނަ ހަރަކާތްތަކެއް ބާއްވަމުންނެވެ. އޭގެ ތެރޭގައި ޖޮބް ފެއާއަކާއި ކެނޯ ރޭހެއް ހިމެނެއެވެ.