ޑިޓްރޮއިޓް (ނޮވެމްބަރ 14) : އެމެރިކާ ސިފައިންގެ ތެރޭގައި މުސްލިމަކު ހުރެގެން ނުވާނެ ކަމަށާއި މުސްލިމުންގެ ކިބައިން އެމެރިކާ ސިފައިންގެ ލަޝްކަރުތައް މިނިވަންކުރުމަށް އެމެރިކާގެ ކޮންގްރެސްގެ މެންބަރެއް ކަމަށްވާ ރިކް ވުމިކް ގޮވާލައްވައިފި އެވެ.

އެމެރިކާގެ މުސްކުޅި ހަނގުރާމަވެރިންގެ ދުވަސް ކަމަށްވާ "ވެޓެރަން ޑޭ" ފާހަގަ ކުރުމުގެ ގޮތުން ބޭއްވި އިޙްތިފާލެއްގައި ވާހަކަ ދައްކަވަމުން އެމެރިކާގެ އިދިކޮޅު ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ ރިކް ވުމިކް އިއްޔެ ވިދާޅުވީ މުސްލިމުންނަކީ ކީރިތި ޤުރްއާނާއި ރަސޫލާގެ ސުންނަތަށް ތާބާވާ ބައެއް ކަމަށާއި ޤުރްއާނާއި ސުންނަތަށް ތަބާވާ މީހަކަށް އެމެރިކާ ސިފައިންގެ ތެރެއިން ޖާގަ ދެވިގެންނުވާނެ ކަމުގަ އެވެ. ކޮންގްރެސްގައި ޓިނިސީ ސްޓޭޓް ތަމްޘީލް ކުރައްވާ ވުމިކް އަކީ ޔަހޫދީ ހަރުކަށި ޒަޔަނިސްޓް ޖަމާއަތްތަކާ ގުޅުން ބޮޑު ބޭފުޅެކެވެ.

ވުމިކް ވިދާޅުވީ އޭނާ މުސްލިމުންދެކެ "ބިރުގަންނަނީ" އެމީހުންނަކީ ކިރިތި ޤުރްއާނާއި މުޙައްމަދުގެފާނުގެ ސުންނަތަށް ތާބާވާ ބައެއްކަމަށްވާތީ ކަމަށާއި މުސްލިމުންނަކީ އެ މީހުންގެ ބޭރުފުށުގެ ސުލޫކާ ޚިލާފަށް "އެތެރެ ނުބައި" ބައެއްކަމުގަ އެވެ. ވުމިކް އަކީ އެމެރިކާގައި އިސްލާމީ ޝަރީޢަތާ ގުޅޭ އެއްވެސް ކަމެއް ނުވަތަ ޝިޢާރެއް ފާޅުކުރުން މަނާކުރާ ޤާނޫނެއް ފާސްކުރަން ކޮންގްރެސްގައި މަސައްކަތްކުރައްވާ ހަރުކަށި މެންބަރުންގެ ތެރޭގައި ހިމެނޭ ބޭފުޅެކެވެ.

އޭނާ ވަނީ އެމެރިކާގައި އިސްލާމީ ޝީޢާރުތައް ފާޅުކުރުމާއި އިސްލާމީ ޝަރީޢަތާ ގުޅޭ ގޮތަށް ކަންކަންކުރުމުގެ މިނިވަންކަން އޮތުމަކީ އެމެރިކާގެ މުސްތަޤްބަލް ހަލާކުވެގެންދާނެ ކަމެއް ކަމަށް ސިފަކުރައްވައި ކޮންގްރެސްގައި ވާހަކަ ދައްކަވާފަ އެވެ. އިސްލާމީ ޝަރީޢަތް މިލަފްޒު ވެސް އެމެރިކާގައި ބޭނުންކުރެވިގެން ނުވާނެކަމަށާއި ހުރިހާ ކަމެއްގައި ވެސް ބޭނުންކުރަން ޖެހޭނީ ވެސްޓާން ލޯވް (ހުޅަނގުގެ ޤާނޫނޫތައް) ކަމަށް ވިދާޅުވެ ވުމިކް ކޮންގްރެސްގައި އަޑުއުފުއްލަވާފައިވެ އެވެ.

އެމެރިކާގެ މުސްލިމުންގެ ޙައްޤުތަކަށް މަސައްކަތްކުރާ "އެމެރިކަން މުސްލިމް ރިލޭޝަންސް ކައުންސިލް" (ކީރު) އިންވަނީ އެމެރިކާ ސިފައިންގެ ތެރޭގައި މުސްލިމަކު ހުރެގެން ނުވާނެ ކަމަށް ވިދާޅުވެ ވުމިކް ދެއްކެވި ވާހަކަތައް ކުށްވެރިކޮށް އެއީ އެމެރިކާގެ މަދަނީ ޙައްޤުތަކާއި އިންސާނީ ހައްޤުތަކާ ބެހޭ އެމެރިކާގެ ޤާނޫނުތަކާ މުޅިން ޚިލާފު ކަމެއް ކަމަށް ސިފަކޮށް ބަޔާނެއް ނެރެފަ އެވެ. އެބަޔާނުގައި ވުމިކްގެ ވާހަކަތައް ބަލައިނުގަންނަކަން ހާމަކުރުމަށް އޭނާ ނިސްބަތްވާ ރިޕަބްލިކަން ޕާޓީއަށް ވެސް "ކީރު" އިންވަނީ ގޮވާލާފަ އެވެ.

ވުމިކް ނިސްބަތްވެ ވަޑައިގަންނަވާ ޓިނިސީ ސްޓޭޓުގެ އިތުރުން އެމެރިކާގެ ވަރަށް ގިނަ ސްޓޭޓްތަކުން ގެންދަނީ އެމެރިކާގެ ދަސްތޫރުގައި ކަށަވަރުކޮށްދީފައިވާ ދީނީ ޝިޢާރު ފާޅުކުރުމުގެ މިނިވަންކަމުން މުސްލިމުން މަހްރޫމްކޮށް މިސްކަތްތަކާއި އިސްލާމީ މަރުކަޒުތަކާއި އިސްލާމީ ސްކޫލްތައް ބިނާކުރުމަށް ނުސީދާގޮތެއްގައި ހުރަސްތައް އަޅަމުންނެވެ.
އެމެރިކާގައި މުސްލިމުންނަށް އެންމެ ނިކަމެތިކޮށްހިތައި އިސްލާމް ދީނަށް އެންމެ ބޮޑަށް ގޯނާކޮށް ޖެއްސުންކުރަމުން ގެންދަނީ "ބައިބްލް ބެލްޓް"ގެ ނަމުން ނަންދެވިފައިވާ ސްޓޭޓްތަކުގަ އެވެ. "ބައިބްލް ބެލްޓް" ސްޓޭޓްތަކުގެ ތެރޭގައި ހިމެނެނީ ޓެނިސީގެ އިތުރުން އަލަބާމާ، ފްލޮރިޑާ، މިސޫރީ، ސައުތް ކެރޮލައިނާ، ނޯތް ކެރޮލައިނާ، މިސީސިއްޕީ، ވަރޖީނިޔާ، ޓެކްސަސް، ކެންޓަކީ، އަރކެންސޫ އެވެ. (އަލްޖަޒީރާ)