01 Oct 2019, 16:13
އިއްޔެ ޓީ-ޗެޓީ ސަރަހައްދުގައި ހިނގި އަލިފާނުގެ ހާދިސާގައި އެންމެ ފުރަތަމަ ރޯވެފައި ވަނީ ތެޔޮ ބައުޒަރުގައި ނޫން ކަމަށާއި އެންމެ ފުރަތަމަ އަލިފާން ރޯވީ، ލޯންޗުގައި ކަމަށް ފުލުހުން ބުނެފި އެވެ.
އިއްޔެ އަލިފާނުގެ ހާދިސާގައި ފުރަތަމަ ރޯވީ ބައުޒަރުގައިތޯ ނުވަތަ ލޯންޗުުގައިތޯ ސުވާލު އުފެދިފައިވަނިކޮށް، އަދައިގެން ދިޔަ ލޯންޗު "ނެވި 3" ގެ ވެރިޔާ އަބްދުﷲ ޒިޔާދު "ސަން" އަށް އިއްޔެ ބުނ، އެންމެ ފުރަތަމަ ރޯވެފައި ވަނީ ލޯންޗު ކައިރީގައި އޮތް ތެޔޮ ބައުޒަރުގައި ކަމަށެވެ.
ނަމަވެސް މިއަދު ފުލުހުން މީޑިއާތަކަށް މައުލޫމަތު ދެމުން ބުނީ، ލޯންޗެއްގައި އަލިފާނު ރޯވެފައިވާ ކަމުގެ މައުލޫމަތު އެ މުއައްސަސާއަށް ލިބުނީ، އިއްޔެ މެންދުރު 3:40 އެހާކަންހާއިރު ކަމަށެވެ. އަދި ލޯންޗުގައި ރޯވެގެން ހިނގި ހާދިސާގައި ލޯންޗާއެކު ފަސް ބައުޒަރެއް ބޭނުން ނުކުރެވޭ ވަރަށް އަނދައި، 10 ބައުޒަރަކަށް އެކި ވަރުގެ ގެއްލުން ލިބިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
"މިހާތަނަށް ބެލި ބެލުމުން އެނގިފައިވަނީ، މި އަލިފާން ފުރަތަމަ ރޯވެފައިވަނީ ނެވި 3 ލޯންޗިގައި" ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ، މި ހަދިސާގައި އެވަގުތު ލޯންޗުގައި ތިބި ހަތަރު ދިވެއްސަކަށް އަނިޔާ ލިބިފައިވާ ކަމަަށާއ އޭގެ ތެރެއިން ދެ މީހަކު 50 ޕަސަންޓް ފިހިފައިވާ ކަމަށެވެ. އޭގެ އިތުރުން، އެ ލޯންޗު ކައިރީގައި މުދާ އުފުލާ ދޯންޏެއެއްގައި ތިބި އިތުރު ދެ ބިދޭސީއަކަށް އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ. މިހާދިސާގައި އަނިޔާ ލިބިގެންނާއި ދުމުގެ އަސަރުކޮށްގެން ޖުމްލަ ނުވަ މީހަކު އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އައިޖީއެމްއެޗް އިން ބުނެފައިވާ ގޮތުގައި އެންްމެގެ ހާލުވެސް މިހާރު ރަނގަޅެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
މާލޭގައި އަލިފާނުގެ ހާދިސާއެއް ހިނގާފައި މިވަނީ، މާލޭ އަބަދަށްފެހި މަގުގައި ހުރި ކެމިކަލް ގުދަނެއްގައި ރޯވެ ހިނގި އަލިފާނުގެ ހާދާސާ ހިނގިތާ މާ ގިނަ ދުވަހެއް ނުވަނީސް އެވެ.