01 Oct 2019, 16:10
އިއްޔެ މާލޭ ޓީ-ޖެޓީ ސަރަހައްދުގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި އެ ސަރަހައްދުގައި އޮތް 10 ތެޔޮ ބައުޒަރެއްގައި އަލިފާން ރޯވި ކަމަށާއި، ފަސް ބައުޒަރެއް ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
އިއްޔެ ހަވީރު 3:40 ހާއިރު ރޯވި އަލިފާން ކޮންޓްރޯލް ކުރެވުނީ ހަވީރު 5:00 ހާއިރު އެވެ. އެ ހާދިސާގައި ފިހިގެން ހަތް މީހަކަށް އައިޖީއެމްއެޗް ހޮސްޕިޓަލްގައި ވަނީ ފަރުވާދީފަ އެވެ.
ފުލުހުން ބުނީ މިހާތަނަށް ބެލި ބެލުމުން، ފުރަތަމަ އަލިފާން ރޯވީ ފަޅުގައި އޮތް "ނެވި 3" ލޯންޗުގައިކަން އެނގިފައިވާ ކަމަށެވެ.
އަލިފާނުގެ ސަބަބުން އެ ސަރަހައްދުގައި އޮތް 10 ތެޔޮ ބައުޒަރަކަށް އެކި ވަރުގެ ގެއްލުން ލިބިފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ. އަދި އޭގެ ތެރެއިން ފަސް ބައުޒަރު ބޭނުން ނުކުރެވޭ ވަރަށް އަނދާފައި ވާއިރު، "ނެވި 3" ލޯންޗު ވެސް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިފަ އެވެ.
އެ ލޯންޗު ވަނީ އިއްޔެ ފަޅުތެރެއަށް އަޑިއަށް ވެސް ގޮސްފަ އެވެ. ފުލުހުން ބުނީ މިއަދު 2:15 ހާއިރު ލޯންޗު ފަޅުތެރެއިން ނަގާފައިވާ ކަމަށެވެ.
ލޯންޗުގެ ވެރި ފަރާތުން "ސަން" އަށް ބުނީ، ލޯންޗު މުޅިން އެނދުމުގެ ސަބަބުން ހަތަރު މިލިއަން ރުފިޔާއަށް ވުރެ ބޮޑު ގެއްލުމެއް ލިބިފައިވާ ކަމަށެވެ.
ފުލުހުން ބުނީ މައްސަލައިގައި އިތުރަށް ސާފުކޮށް ޔަގީންކުރަން ޖެހޭ ކަންތައްތައް ޔަގީންކޮށް، މައްސަލައިގެ ތަހުގީގު ކުރިއަށްދާ ކަމަށެވެ.
އަލިފާނުގެ ހާދިސާއާ ގުޅިގެން އައިޖީއެމްއެޗްގައި ނުވަ މީހަކަށް ވަނީ ފަރުވާ ދީފަ އެވެ. ފިހިގެން ހޮސްޕިޓަލަށް ގެންދިޔަ ހަތް މީހުންނަށް އަދިވެސް އެޑްމިޓްކޮށްގެން އަންނަނީ ފަރުވާދެމުންނެވެ.
މީހުންގެ ތެރޭގައި ލޯންޗުގެ ކެޕްޓަނާއި ތިން ފަޅުވެރިން ހިމެނެއެވެ.އޭގެ ތެރޭގައި ހިމެނެނީ އުކުޅަހު ތިން މީހުންނާއި މަތިވެރިއަށް ނިސްބަތްވާ މީހެކެވެ.
ފުލުހުން ބުނީ ހާދިސާ ހިނގި ވަގުތު ލޯންޗުގައި ތިބި ހަތަރު މީހުންގެ ތެރެއިން ދެމީހެއްގެ ހަށިގަނޑުގެ 50 ޕަސެންޓު ފިހިފައިވާ ކަމަށެވެ.
ލޯންޗު ކައިރީގައި އޮތް މުދާ އުފުލާ ދޯންޏެއްގައި ތިބި ދެ ބިދޭސީންނަށް ވެސް ވަނީ ހާދިސާގައި އަނިޔާވެފައެވެ. އެކަކު ކުޑަކޮށް ފިހިގެން އައިޖީއެމްއެޗްގައި ފަރުވާ ހޯދަމުން އަންނައިރު، އަނެއް މީހާއަށް ދުމުގެ އަސަރުކޮށްގެން ފަރުވާދީ ރޭ ވަނީ ދޫކޮށްލައިފަ އެވެ.
އަލިފާނުގެ ހާދިސާގައި ދެން ފިހިފައި ވަނީ ކައިރީ އޮތް ތެޔޮ ބޯޓެއްގައި ހުރި މީހަކާއި ތެޔޮ ބައުޒަރުތައް ދުރަށް ޖައްސަން އުޅުނު މީހެކެވެ.