01 Oct 2019, 15:55
ސަރުކާރު ޒިންމާދާރު ކުރުމަށް އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ބައިވެރިވެވަޑައިގަންވާ ގޮތަށް މި ހަފްތާ ބަންދުގައި އިދިކޮޅު ކޯލިޝަނުން ތުލުސްދޫ ދާއިރާ އަށް ދަތުރެއް ކުރާ ގޮތަށް ހަމަ ޖައްސައިފި އެވެ.
ސަރުކާރު ޒިންމާދާރު ކުރުމަށް މިދިޔަ މަހުން ފެށިގެން އިދިކޮޅު ކޯލިޝަނުން ދަނީ ރާއްޖޭގެ އެކި ސަރަހައްދުތަަކަށް ދަތުރު ކުރަމުންނެވެ.
މި ހަފްތާ ބަންދުގެ ދަތުރުތަކާ ގުޅޭ ގޮތުން އިދިކޮޅު ކޯލިޝަން، ޕީޕީއެމް/ޕީއެންސީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވީ، އަންނަ ބުރާސްފަތި ދުވަހު ފަށާ މި ދަތުރުގައި ތުލުސްދޫގެ ތިން ރަށަށް ދަތުރު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެގޮތުން ބުރާސްފަތި ދުވަހު ދިއްފުށި އަދި ތުލުސްދޫ އަށް، ހުކުރު ދުވަހު ހުރާ އަށް، އަދި ހޮނިހިރު ދުވަހު ހިންމަފުއްޓަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް ޝުޖާއު ވިދާޅުވި އެވެެ.
އޭނާ ވިދާޅުވީ، ދަތުރުތަކުގެ މަގްސަދު ހާސިލްވަމުންދާ ކަމަށާއި ދަތުރުތަކުން މި ސަރުކާރަށް ވަރަށް "އަސަރު ކުރަމުންދާ" ކަމަށެވެ. އެގޮތުން އެންމެ ފަހުން މ. އަތޮޅަށް ކުރެއްވި ދަތުުރުން އެކަން ވަރަށް ބޮޑަށް ހާމަވެފައިވާ ކަމަށް ސުޖާއު ވިދާޅުވި އެވެ.
"މ. އަތޮޅު ދަތުރު ފެއްޓުމަށްޓަކައި މީޑިއާ އަށް މައުލޫމަތު ދިން ހިސާބުން، މިނިސްޓަރުން މ. އަތޮޅަކީ ވަރަށް ރަނގަޅަށް އެބޭފުޅުން ކަވާ ކުރާ، އެތަނުގެ ކަންތައްތަކާއި ހޮސްޕިޓަލުގެ ހާލަތާއި ފުޓްބޯޅަ ދަނޑުގެ ހާލަތާއި މި ކަންތައް ބެލުމަށްޓަކައި ދައުލަތް އެއްކޮށް މި ދުއްވައިގަންނަނީ އެ އަތޮޅަށް،" އިދިކޮޅު ދަތުރުތަކުގެ މަގްސަދު ހާސިލްވަމުންދާކަން ފާހަގަ ކުރައްވާ ޝުޖާއު ވިދާޅުވި އެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީންގެ ސަރުކާރުގެ ހައުސިން މިނިސްޓަރު އަދި ޕީޕީއެމްގެ ނައިބު ރައީސް މުހައްމަދު މުއިއްޒު ވިދާޅުވީ، އިދިކޮޅު ކޯލިޝަންގެ ދަތުރުތަކުގެ ބައިވެރިންނަށް މަރުހަބާ ދެންނެވުމަށާއި ޖަލްސާތަކަށް ވަޑައިގަންނަވާ ސަރުކާރުގެ މުވައްޒިފުންނަށް ބިރުދެއްކުމަށް މި ސަރުކާރުން ކަންކަން ކުރާ ކަމަށެެވެ. އޭނާ ވިދާޅުވީ، މުވައްޒިފުންނަށް ބިރު ނުދައްކާނެ ކަމަށް ބުނެ އައި ސަރުކާރަކުން އެފަދަ ބިރުދެއްކުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
"އެކަންކަން އެގޮތަށް ކުރަމަކީ، އަޅުގަނޑުމެން ކުރާ މަސައްކަތްތަކުގެ މެދުގައި، ރައީސް ޔާމީން ރަށްރަށަށް ވަޑައިގެން މި ކުރައްވާ މަސައްކަތުގެ ބަދަލު. އެކަމަށް މި ސަރުކާރުން ބިރު ހީވަނީއޭ،" މުއިއްޒު ވިދާޅުވި އެވެ.