14 Nov 2011, 15:00
ރާއްޖޭގައި ވަޒީފާއަދާ ކުރާ ދިވެހިންގެ އަދަދު 30،000ގައި އުޅޭ އިރު ރާއްޖޭގައި ވަޒީފާއަދާ ކުރާ ބިދޭސީންގެ އަދަދު 73،800 އަށް އަރައި އެވްރެޖުކޮށް ކޮންމެ ހަތަރު މީހަކަށް ބިދޭސީންގެ އަދަދު އުފުލިއްޖެ އެވެ.
ޖުމްހޫރީ ދުވަހު އައްޑޫ ސިޓީގައި ގައުމާ މުހާތަބުކުރައްވައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވީ ދާދިފަހުން ސަރުކާރުން ކުރި ދިރާސާއަކުން އެނގުނު ގޮތުގައި ވަޒީފާއަށްދާ އުމުރުފުރައިގެ ދިވެހިންގެ ތެރެއިން 30000 އަށް ވުރެ ގިނަ ދިވެހިން ވަޒީފާ އަކަށް ނުދާއިރު ބިދޭސީންގެ އަދަދު 73،840 އަރާފައިވާ ކަމަށެވެ.
"ދާދިފަހުން ސަރުކާރުން ކުރި ދިރާސާތަކުން އެނގުނު ގޮތުގައި، އާމްދަނީއެއް ލިބޭ މަސައްކަތެއް ނުކޮށް، ނުވަތަ އެފަދަ ވަޒީފާއެއް ނުހޯދައި، ނޫނީ ވަޒީފާއެއް ލިބުން ދަތިވެފައި ތިބި، 30،000 އަށް ވުރެ ގިނަ ދިވެހިން ތިބިކަން ފާހަގަވި .މިނަތީޖާއާ އެކު ދެން ސަރުކާރުން ބެލީ، ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ޖުމްލައަކީ ކޮބައިތޯ. ސަރުކާރަށް އެނގުނު ގޮތުގައި، 40،000 އާ ގާތް ކުރާ ދިވެހިން، އަތް އުރާލައިގެން ތިބި އިރު، 73،840 ބިދޭސީން ދަނީ، ރާއްޖޭގައި ވަޒީފާ އަދާކުރަމުން،" ރައީސް ވިދާޅުވި އެވެ.
އެ ދިރާސާގެ މައްޗަށް އަލިއަޅުވާލައްވަމުން ރައީސް ވިދާޅުވީ އެ އަދަދަށް ބިދޭސީން ރާއްޖޭގައި އުޅޭއިރު ފަންނުވެރި 8500 ދިވެހިން އިތުރަށް އުފައްދަން ޖެހޭ ކަމަށާއި "ހުނަރު" ޕްރޮގުރާމަކީ އެ ހިސާބުތަކުގެ މައްޗަށް ބެލިގެން ފަރުމާކުރި ޕްރޮގުރާމެއް ކަމަށެވެ.
ރާއްޖޭގައި އެ އަދަދަށް ބިދޭސީން އުޅެމުންދާ އިރު 2010 ވަނަ އަހަރުގެ ބޯހިމެނުމުގެ ހިސާބުތަކުން ދައްކާ ގޮތުން ރާއްޖޭގެ އާބާދީ އުޅެނީ 313,920 ގަ އެވެ. އެއީ ގާތްގަނޑަކަށް ރާއްޖޭގެ އާބާދީގެ ހަތަރު ބައިކޮށްފަ އެއްބަ އެވެ.