01 Oct 2019, 16:03
ހަތަރު ރަށެއްގެ ބިން ހިއްކުމުގެ މަޝްރޫއުގެ ޑިޒައިން އަދި އީއައިއޭ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށް، އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.
ޕްލޭނިން މިނިސްޓްރީން މިއަދު އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ އއ. އުކުޅަސް، އއ. ބޮޑުފޮޅުދޫ، ތ. ހިރިލަންދޫ އަދި ލ. މާވަށުގެ ބިންހިއްކުމުގެ މަޝްރޫއުގެ ޑިޒައިން އަދި އީއައިއޭގެ މަސައްކަތެވެ.
ބޮޑުފޮޅުދޫ އަދި އުކުޅަހުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ 418،340.68 ރުފިޔާއަށެވެ. ހިރިލަންދޫ އާއި މާވަށުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ 510،810.69 ރުފިޔާއަށެވެ.
މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން، ހަތަރު ރަށުގެ ބިން ހިއްކުމުގެ މަޝްރޫއުގެ ޑިޒައިން އަދި އީއައިއޭ މަސައްކަތް 45 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭނެއެވެ.
އެކަމަށްޓަކައި މިއަދު ޕްލޭނިން މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޕާމަނެންޓް ސެކްރެޓަރީ ޒީނިޔާ އަހަމްދު ހަމީދެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީއޯއޯ ޝާހިދު ހުސައިން މޫސާ އެވެ.