01 Oct 2019, 15:38
ސައިކަލެއްގެ މަތީގައި އިށީނދެ އިން ބިދޭސީއެއްގެ ގަޔަށް ދިވެއްސަކު ފެން ބާލިދީއެއް ޖަހާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން އެކަމުގައ ހިމެނޭ މީހުން ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.
މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ފެންނަނީ ސައިކަލެއްގެ މަތީގައި ފޯނާ ކުޅެން އިން ބިދޭސީއެއްގެ ގަޔަށް ފެން ބާލިދީއެއް ޖަހާ ތަނެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން" އަށް މިއަދު ވިދާޅުވީ އެ ވީޑިއޯގެ މައްސަލަ ފުލުހުންގެ ސަމާލުކަމަށް މިހާރު އައިސްފައިވާ ކަމަށެވެ.
އަދި އެ އަމަލާ ގުޅިގެން ބަލަންޖެހޭ ކަންކަން ބެލުމުގެ ގޮތުން ވީޑިއޯއިން ފެންނަ މީހުން ދެނެގަތުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ވީޑިއޯގައި ހިމެނޭ މީހުން ހޯދަން ފުލުހުން މަސައްކަތް ކުރަމުން އަންނަ އިރު، ވީޑިއޯގައި ފެން ބާލިދީ ޖަހާ ދިވެހި މީހާ ކަމަށް ބެލެވޭ މީހެއްގެ ފޮޓޯ ސޯޝަލް މީޑިއާގައި ވަނީ އާންމުކޮށްފަ އެވެ.
އެ ވީޑިއޯ އާންމުވުމާ އެކު ގިނަ ބަޔަކު އަންނަނީ ދިވެހި މީހާގެ އަމަލު ކުށްވެރިކުރަމުންނެވެ. އަދި މައްސަލަ ބަލައި ފިޔަވަޅު އެޅުމަށް ގިނަ ބަޔަކު އަންނަނީ ފުލުހުންނަށް ގޮވާލަމުންނެވެ.
އޭގެ އިތުރުން "ފިލިކޯޅި" ކިޔާ ފޭސްބުކް ޕޭޖަކުން ވެސް އަންނަނީ ވީޑިއޯއިން ފެންނަ ބިދޭސީ މީހާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އެ ޕޭޖުން ބުނީ އެ ބިދޭސީ މީހާއަށް ފޯނަކާއި، ޓީޝާޓަކާއި ސޯޓެއް ދޭނެ ކަމަށެވެ.