01 Oct 2019, 14:44
ދިވެހި ފިލްމީ އުފެއްދުންތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ގައުމީ ފެންވަރެއްްގައި ދެމުން އަންނަ ދިވެހި ފިލްމް އެވޯޑްސް އަންނަ މަހުގައި ބޭއްވުމަށް ހަމަޖައްސައިފި އެވެ.
ނޭޝަނަލް ސެންޓަ ފޮ ދި އާޓްސްގެ މިއަހަރުގެ "ދިވެހި ފިލްމު އެވޯޑްސް 9" ގައި ބައިވެރިކުރާނީ 2017 ވަނަ އަހަރާއި މިދިޔަ އަހަރުގެ ފިލްމުތަކެވެ.
ސެންޓަ ފޮ ދި އާޓްސް އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ ދިވެހި ފިލްމް އެވޯޑްސް 9 އަށް ފިލްމު ބައިވެރިކުރުމުގެ ފުރުސަތު މިއަދުން ފެށިގެން ހުޅުވާލާފައިވާ ކަމަށެވެ.
އެ އެވޯޑަށް ނަން ހުށަހެޅުމުގެ އެންމެ ފަހުގެ ތާރީހަކީ މިމަހުގެ 10 ވަނަ ދުވަސް ކަމަށް ވަނީ އިއުލާނުގައި ބުނެފަ އެވެ.
މީގެ އިތުރުން، ދިވެހި ފިލްމު ފެސްޓިވަލް އާއި ފިލްމު އެވޯޑްސްގެ އުސޫލުވެސް މިއަދު ވަނީ އާންމުކޮށްފަ އެވެ. އެ އުސޫލުގައިވާ ފިލްމު ފެސްޓިވަލްގެ ބައި ކުރިއަށްގެންދާނީ ފިލްމު އެވޯޑްސް 10ގައި ކަމަށްވެސް އެ ސެންޓަރުން ބުނެ އެވެ.
ފާއިތުވި ދެ އަހަރު ވަނީ ދިވެހި ފިލްމު އިންޑަސްޓްރީގައި ތަފާތުވައްތަރުގެ ގިނަ ފިލްމް ނެރެފަ އެވެ.