01 Oct 2019, 14:26
ބައިނަލްއަގުވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމުގެގޮތުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި އޭޖްޑް ކެއާ މޯލްޑިވްސް ގުޅިގެން، އުމުރުން ދުވަސް މީހުން މާލީ ދާއިރާއަށް ހޭލުންތެރިކުރުވުމުގެ ބޭނުމުގައި ހާއްސަ ބައްދަލުވުމެއް ބާއްވައިފި އެވެ.
ބީއެމްއެލް އިން ބުނީ މިއަދު ކުރިއަށް ދިޔަ ބައްދަލުވުމުގައި ބޭންކިން އާއި ރައްކާތެރި ގޮތުގައި އޮންލައިން ބޭންކިން ބޭނުންކުރުމާ ގުޅޭ މައުލޫމާތު ބައްދަލުވުމުގެ ބައިވެރިންނަށް ދީފައިވާނެ ކަމަށެވެ.
މިއަދު ސޯލްޓް ރެސްޓޯރަންޓްގެ ކޮންފަރެންސް ރޫމްގައި ބޭއްވި އެ ބައްދަލުވުމުގައި 30 މީހުން ބައިވެރިވި އެވެ.
އުމުރުން ދުވަސް މީހުން މާލީ ދާއިރާއަށް ހޭލުންތެރިކުރުވުމުގެ ބޭނުމުގައި ބޭއްވި ބައްދަލުވުން --- ފޮޓޯ: ބީއެމްއެލް
ބީއެމްއެލް އިން ބުނީ، އެކި ކުންފުނިތަކާއި މުއައްސަސާތަކުގެ ނަމުގައި ގުޅާ އޮޅުވާލައިގެން ފައިސާ ހޯދުމާއި ކާޑުގެ މައުލޫމާތު
ހޯދަންކުރާ މަސައްކަތްތަކަށް ސަމާލުވެ ރައްކާތެރިވުމުގެ ގޮތުން ކުރަންޖެހޭ ކަންތައްތަކާ ގުޅޭ މައުލޫމާތުވެސް ބައިވެރިންނާ
ހިއްސާކޮށްފައިވާނެ ކަމަށެވެ.
ހަމައެއާއެކު ބޭންކުން ވަނީ އޮންލައިންކޮށް ހިދުމަތްތައް ހޯދުމުގައި ސަމާލުވާން ޖެހޭ މުހިންމު ކަންކަން ވެސް ބައިވެރިންނަށް ކިޔައިދީފަ އެވެ.
އުމުރުން ދުވަސް މީހުން މާލީ ދާއިރާއަށް ހޭލުންތެރިކުރުވުމުގެ ބޭނުމުގައި ބޭއްވި ބައްދަލުވުން --- ފޮޓޯ: ބީއެމްއެލް
މީގެ އިތުރުން އިންޓަނެޓް، މޮބައިލް އަދި ސެލްފް ސާވިސް ބޭންކިން މެދުވެރިކޮށް ފަސޭހަކަމާ އެކު ހިދުމަތް ހޯދޭނެ ގޮތްތަކާ ބެހޭ މައުލޫމާތު ވެސް ބީއެމްއެލްއިން ވަނީ ބައިވެރިންނާ ހިއްސާކޮށްފަ އެވެ.