01 Oct 2019, 13:25
ރައްޔިތުންގެ މަޖިލިސް އެއްމަހެއްހާ ދުވަހުގެއް ޗުއްޓީއަކަށް ދިއުމަށް ފަހު، އަންނަ ބުރާސްފަތި ދުވަހު ޖަލްސާތައް ފެށުމަށް ހަމަޖައްސައިފި އެވެ.
ރައްޔިތުންގެ މަޖިލިސް ޗުއްޓީއަށް ގޮސްފައިވަނީ، މިއަހަރުގެ ދެވަނަ ދައުރު އިތުރަށް ފަސް ދުވަސް މަސައްކަތް ކުރުމަށްފަހު، މިދިޔަ މަހުގެ ފަސްވަނަ ދުވަހު އެވެ. ގަވައިދުގައިވާ ދެވަނަ ދައުރު ނިމޭނީ، އޮގަސްޓް މަހުގެ ނިޔަލަށެވެ.
މަޖިލީހުގެ އިދާރާގެ މީޑިއާ އެންޑް ކޮމިއުނިކޭޝަންސް ޑިރެކްޓަރު ހަސަން ޒިޔާއު މިއަދު "ސަން" އަށް ވިދާޅުވީ، މިއަހަރުގެ ތިންވަނަ ދައުރުގެ ފުރަތަމަ ޖަލްސާ އަންނަ ބުރާސްފަތި ދުވަހުގެ ހެންދުނު 9:00 އަށް ބާއްވަން މިހާރު ނިންމަވާފައިވާ ކަމަށެވެ. ނަމަވެސްް އަދި އެޖެންޑާ ފައިނަލް ކުރެވިފައި ނުވާ ކަމަށް އެނާ ވިދާޅުވި އެވެ.
މަޖިލިސް ގަވައިދުގައިވާ ގޮތުން ތިން ވަނަ ދައުރު ފެށޭނީ އޮކްޓޯބަރުމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ. އަދި ކޮންމެ ދައުރެއްގެ ފުރަތަމަ ޖަލްސާ ބައްވަން ޖެހޭނީ، އެ މަހެއްގެ އެންމެ ފުރަތަމަ ބުރާސްފަތި ނުވަތަ އާދިއްތާ ދުވަހު ކަމަށްވެސް ގަވައިދުގައި ބުނެއެވެ.
މަޖިލިސް ޗުއްޓީއަށް ގޮސްފައިވީ ނަމަވެސް ދައުރުން ބޭރުން ތިން ޖަލްސާއެއް ބޭއްވުނެވެ. އެއީ ސަރުކާރުން ޓެރަރިޒަމްގެ ހުއްޓުވުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު އަވަސް ކުރުމަށްޓަކައި އެވެ. ބިލު މިހާރު ވަނީ ފާސްވެސް ކޮށްފައެވެ. އޭގެ އިތުރުން ދެ ކޮމިޓީގެ މަސައްކަތްވެސް މަޖިލިސް ޗުއްޓީގައި ކުރިއަށް ދިޔައެވެ. އެއީ ޓެރަރިޒަމް ބިލުގެ ދިރާސާ ކުރި، ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީއާއި މަރު ކޮމިޝަނުން ރިލްވާންގެ މަރުގެ ތަހުގީގު ޑްރާފްޓް ރިޕޯޓު ދިރާސާ ކުރާ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ އެވެ.
ތިން ވަނަ ދައުރު އަންނަ ބުރާސްފަތި ދުވަހު ފަށާއިރު، މި ދައުރުގައި އެންމެ ބޮޑު މަސައްކަތަކަށް އޮންނާޏީ، ލާމަރުކަޒީ ގާނޫނާއި، ބޯހިޔާވަހިކަމުގެ ގާނޫނު ކަމަށް މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ. ލާމަރުކަޒީ ގާނޫނު މިހާރު އޮތީ ކޮމިޓީ މަރުހަލާގައެވެ. ބޯހިޔާވަހިކަމުގެ ގާނޫނު މަޖިލީހަށް ނައި ނަމަވެސް ދެވަވަ ދައުރުގައި ވަނީ، ބޯހިޔާވަހިކަމާ ގުޅޭ ތިން ގަރާރެއް މަޖިލީހަށް ހުށަހަޅާފައެވެ.
މިދިޔަ މެއި މަހު ހުވާ ކުރެއްވި 19 ވަނަ މަޖިލީހުގެ ފުރަތަމަ ދައުރު ނިންމާލީ 47 ޖަލްސާ ބާއްވާ އެންމެ ގިނަ ޖަލްސާ ބޭއްވި ދައުރުގެ ރިކޯޑާއެކުއެވެ. ރައީސް ނަޝީދު 19 މަޖިލީހުގެ ފުރަތަމަ ދައުރަށް ދެއްވީ "ބީ ޕްލަސް" އެކެވެ. އަދި މަސައްކަތްތަކާ މެދު ހިތް ހަމަ ޖެހޭ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. ނަމަވެސް އިދިކޮޅުން ބުނާ ގޮތުން ގިނަ ޖަލްސާ ބޭއްވި ނަމަވެސް އުފެއްދުންތެރި މަސައްކަތެއް ކުރެވިފައި ނެތް ކަަށެވެ.
ފުރަތަމަ ދައުރު ނަމްބަރުން:
31 ބިލެއް ހުށަހެޅުނު؛ 14 ބިލެއް ނިމިފައި.
- 21 ގަރާރެއް ހުށަހެޅުނު؛ 9 ގަރާރެއް ނިމިފައި.
- 15 މައްސަލައެއް ސަރުކާރުން ހުށަހެޅި؛ 12 މައްސަލައެއް ނިމިފައި.
- 22 މައްސަލައެއް ރިޔާސަތުން ހުށަހެޅުނު؛ 17 މައްސަލައެއް ނިމިފައި.
- 9 މައްސަލައެއް މެމްބަރުން ހުށަހެޅި؛ 9 މައްސަލައެއް ނިމިފައި.
- 39 އެހެނިހެން މައްސަލަތަކުގެ ރިޕޯޓު؛ 35 މައްސަލައެއް ނިމިފައި.
- 20 ފަހަރަށް މިނިސްޓަރުންނާ ސުވާލުކުރަން އެދުނު؛ 14 ފަހަރު ސުވާލު ކުރެވިިފައި.