ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ތުހުމަތުކުރެވޭ މަނީ ލޯންޑަރިން މައްސަލައިގެ ޝަރީއަތުގެ އަޑުއެހުން މި މަހުގެ ނުވަވަނަ ދުވަހަށް ތާވަލުކޮށްފިއެވެ.

ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ ކުރަނީ އެމްއެމްޕީއާރްސީ މެދުވެރިކޮށް ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު އެމަނިކުފާނުގެ އިސްލާމިކް ބޭންކް އެކައުންޓުގެ ޖެނެރަލް އިންވެސްޓްމެންޓް އެކައުންޓަކަށް ބަދަލުކޮށް، އެ ފައިސާ އޭސީސީގެ އެސްކްރޯ އެކައުންޓަކަށް ޖަމާކުރަން އެންގުމުން، އެހެން އެއް މިލިއަން ޑޮލަރެއް އެސްކްރޯ އެކައުންޓަށް ޖަމާކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައިގައެވެ.

ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ޓީވީއިން ދުރަށް ދައްކައިގެން ބާއްވާ އެ މައްސަލައިގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސް މިހާރު ވަނީ ހެކިބަސް ނެގުމުގެ މަރުހަލާ ނިންމާލާފައެވެ. ދެން އޮތީ ދެ ފަރާތުން ހުލާސާ ބަޔާން އިއްވަން ބާއްވާ އަޑުއެހުމެވެ.

ރައީސް ޔާމީންގެ މައްސަލައިގައި މިދިޔަ ހަފްތާގެ ބުދަ ދުވަހު ބޭއްވި އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޒީ އަހުމަދު ހައިލަމް އިއުލާނު ކުރެއްވީ، ހުލާސާ ބަޔާން އިއްވާ އަޑުއެހުން އޮންނަނީ މި މަހުގެ 10 ވަނަ ދުވަހުގައި ކަމަށެވެ. އެނގިފައިވާ ގޮތުގައި ގާޒީ ހައިލަމްއަށް އެ ތާރީހު އިއުލާނު ކުރެއްވުނީ އޮޅުމަކުންނެވެ. އެ އަޑުއެހުން ބާއްވަން ނިންމާފައި ވަނީ މި މަހުގެ ނުވަވަަނަ ދުވަހުއެވެ.

ރައީސް ޔާމީންގެ ވަކީލު އަބްދުﷲ ސިޔާޒު ވިދާޅުވީ، ހުލާސާ ބަޔާން އިއްވާ އަޑުއެހުން މި މަހުގެ ނުވަވަނަ ދުވަހަށް ތާވަލުކޮށް ކްރިމިނަލް ކޯޓުން ޗިޓު ފޮނުވާފައިވާ ކަމަށެވެ.

ހުލާސާ ބަޔާން އިއްވައި ނިމުމުން، މައްސަލައިގެ ހުކުމް 30 ދުވަހުގެ ތެރޭގައި އިއްވާނެއެެވެ.