ނިޔުޔޯކް (އޮކްޓޯބަރ 1): އިންޑިއާއިން ހަތިޔާރު ގަންނަންވީ ގައުމުތައް އެހެން ގައުމަކަށް ކިޔައިދޭން ނޭނގޭނެ ކަމަށާއި އެހެން ގައުމަކުން އެކަމުގެ ތެރެއަށް ވަނުމުގެ ފުރުސަތު ނުދޭނެކަމަށް އިންޑިއާއިން ބުނެފި އެވެ.

އިންޑިއާގެ ހާރިޖީ ވަޒީރު ޖައި ޝަންކަރު ވިދާޅުވީ އިންޑިއާއަކީ މިނިވަން މުސްތަގިއްލު ގައުމެއްކަމަށާއި އިންޑިއާ ބޭނުންވާ ހަތިޔާރު ގަންނަންވީ ގައުމުތަށް ކަނޑައެޅުމުގެ ހައްގު އޮންނާނީ ހަމައެކަނި އިންޑިއާއަށް ކަމަށެވެ.

ޖައިޝަންކަރު މިފަދަ މޭރުމަކުން ވާހަކަ ދައްކަވާފައި މިވަނީ، ރަޝިޔާގައި އުފައްދާ އެސް 400 މަރުކާގެ ދިފާއީ ނިޒާމެއް ގަތުމުގެ މަސައްކަތް އިންޑިއާއިން ކުރިޔަށްގެންދާތީ އެކަމާ ދެކޮޅަށް އެމެރިކާ ދެމުންގެންދާ އިންޒާރުތަކަށް ނުސީދާގޮތެއްގައި ރައްދު ދެއްވުމުގެ ގޮތުންކަމަށްވަނީ ބެލެވިފަ އެވެ.

ނިޔުޔޯކްގައި ނޫސްވެރިންނަށް ދެއްވި ބަޔާނެއްގައި އޭނާ ވިދާޅުވީ ރަޝިއާ އަތުން ގަންނަންވީ އެއްޗަކާއި ނުގަންނަންވީ އެއްޗެއް އެހެން ގައުމަކުން އިންޑިއާއަށް ބުނެ ނުދެވޭނެ ކަމަށެވެ. އަދި އެމައްސަލާގައި އެމެރިކާ، އިންޑިއާއަށް ކުރިމަތިކުރާ ފިއްތުންތަކަށް ޖައި ޝަންކަރު ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވަފަ އެވެ.

ޖައި ޝަންކަރު މިމޭރުމުން އެމެރިކާއަށް ނުސީދާ ގޮތެއްގައި ނުރުހުން ފާޅުކުރެއްވީ އެމެރިކާގެ ހާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ އާ ނިޔުޔޯކްގައި ބައްދަލުކުރެއްވުމުގެ ތަންކޮޅެއްކުރިންނެވެ.

އެހެންކަމުން މިއީ ރަޝިޔާއިން އުފައްދާ އެސް 400 މަރުކާގެ ދިފާއީ ނިޒާމެއް ގަތުމުގެ މަސައްކަތް އިންޑިއާއިން ކުރިޔަށްގެންދާތީ އެކަމާ ދެކޮޅަށް އެމެރިކާ ދެމުންގެންދާ އިންޒާރުތައް އިންޑިއާ ބޯނުލަނބާނެކަން ޕޮމްޕެއޯ އަށް އެންގުމުގެ ގޮތުން ދެއްވި ވަރުގަދަ ބަޔާނެއްކަމަށް މުރާސިލުން ސިފަކުރެ އެވެ.

އެމެރިކާ ވަނީ ރަޝިއާ އިން އުފައްދާ ހަތިޔާރު ގަންނަ ގައުމުތަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް ބާރުދޭ ގާނޫނެއް ފާސްކޮށްފަ އެވެ. މިކަމުގެ ބޭނުމަކީ އެމެރިކާގެ ހަތިޔާރުގެ ސޭލް ދަށްވެ ރަޝިޔާގެ ހަތިޔާރުގެ ސޭލް މަތިވަމުންދާތީ ރަޝިޔާގެ ހަތިޔާރު ގަންނަ ފަރާތަކަށް ބިރުދެއްކުން ކަމަށް ރަޝިޔާއިން ދެކެއެވެ.

ރަޝިޔާގައި އުފައްދާ އެސް 400 މަރުކާގެ ދިފާއީ ނިޒާމެއް ގަތުމުގެ މަސައްކަތް އިންޑިއާއިން ކުރިޔަށްގެންގޮސް އެޑީލް މިހާރު ނިމުމާ ހަމައަށް ގޮސްފައިވާއިރު މިއަހަރު ނިމުމުގެ ކުރިން އޭގެ ބައިތައް ރަޝިޔާއިން އިންޑިއާއަށް ފޯރުކޮށްދޭން ފަށާނެކަމަށް ރިޕޯޓްތައް ބުނެއެވެ.

އެހެންކަމުން އެމެރިކާގެ ހާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ، އިންޑިއާގެ ހާރިޖީ ވަޒީރު ޖައިޝަންކަރާ ބައްދަލުކުރައްވާއިރު މިމައްސަލާގައި އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކާ އިންޑިއާ ކުރިމަތިލާންޖެހޭނެކަމުގެ އިންޒާރު ޕޮމްޕެއޯ ދެއްވާނެކަމަށްވަނީ ބެލެވިފަ އެވެ.

ތުރުކީވެސް ވަނީ ރަޝިގައި އުފައްދާ އެސް 400 މަރުކާގެ ދިފާއީ ނިޒާމެއް ދާދިފަހުންގަނެފަ އެވެ. އެ މައްސަލާގައި އެމެރިކާއިން ވަނީ އެމެރިކާގައި އުފައްދާ އެފް-35 މަރުކާގެ ފައިޓާޖެޓް މަޝްރޫއުން ތުރުކީ ބޭރުކޮށް އެމަރުކާގެ ފައިޓާޖެޓް ތުރުކީއަށް ނުވިއްކުމަށް ނިންމާފަ އެވެ. ނަމަވެސް އެ މައްސަލާގައި ތުރުކީއާ ދެކޮޅަށް ދަތިކުރުމުގެ އިތުރު ފިޔަވަޅުތައް އަޅަން އެމެރިކާއަށް އަދި ކެރިފައެއް ނުވެ އެވެ.

އެމެރިކާއަށް މިކަން ކުރަން ނުކެރިގެން އުޅެނީ އެމެރިކާއިން އިތުރު ފިޔަވަޅެއް އަޅައިފިނަމަ އެމެރިކާއިން ހަތިޔާރު ގަތުން ވަރަށް ބޮޑަށް މަދުކޮށް އޭގެބަދަލުގައި ރަޝިޔާގެ އެސް 57 މަރުކާގެ ފައިޓާޖެޓް ފަދަ ޒަމާނީ ފައިޓާޖެޓްތަކާއި ޓޭންކްތައް ގަންނާނެކަމުގެ އިންޒާރު ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ދެއްވުމާ ގުޅިގެން ކަމަށްވަނީ ބެލެވިފަ އެވެ. (ނޫސްއެޖެންސީތައް)