01 Oct 2019, 12:27
ރާއްޖޭގެ ވޮލީއަށް މިއަދު ދިމާވެފައި އޮތް ހާލަތުން އަރައިގަނެވޭނީ ވޭތުވެދިޔަ ފަސް ވަރަކަށް އަހަރުތެރޭ ވޮލީ ކުޅުނު ބޮޑެތި ކުލަބުތަކުން އިންތިހާބެއް ނުވަތަ ކޮންގްރެސެއް ބާއްވައިގެން ކަމަށް ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އެތެރޭގައި ގިނަ މައްސަލަތަކެއް ހުރިކަން ފާހަގަކޮށް ސްޕޯޓްސް ކޮމިޝަނަރު ވަނީ މިދިޔަ ޖޫން މަހުގެ 10 ވަނަ ދުވަހު ވޮލީބޯޅަ އެސޯސިއޭޝަނުގައި އޭރު ރައީސަކަށް ހުރި މުހައްމަދު ލަތީފް މަގާމުން ވަކިކޮށް އޭރުގެ ލީޑާޝިޕް އުވާލުމަށްފަހު ނޯމަލައިޒޭޝަން ކޮމެޓީއެއް އެކުލަވާލާފައެވެ.
އެކަމަކު ދުނިޔޭގެ ވޮލީބޯޅައިގެ މައި އިދާރާ ކަމަށްވާ އެފްއައިވީބީން ވަނީ އެ ކޮމެޓީ ބަލައިނުގަންނަން ނިންމާފައެވެ. އަދި އެފްއައިވީބީން އެންގި ގޮތަށް އެ ފެޑެރޭޝަނުގެ ނިންމުމަށް އިހުތިރާމުކޮށް، ވީއޭއެމް ހިންގުން އަނބުރާ ލަތީފަށް ހަވާލުކުރުމަށް އެދި އޭނާ ވަނީ ކޮމިޝަނާ އޮފް ސްޕޯޓްސް އަރިހަށް މިމަހުގެ 15 ވަނަ ދުވަހު ސިޓީއެއް ފޮނުވާފައެވެ.
ނަމަވެސް އެއާއެކު ލަތީފަށް ވަނީ ޝަހްސު އޮޅުވާލައިގެން އުޅޭ ކަމަށް ބުނެ ސްޕޯޓްސް ކޮމިޝަނަރަކަށް މިވަގުތު ހުރި (ހީނާ) އަހުމަދު ސަލީމް އިތުރު އިންޒާރެއް ދީފައެވެ. އެއާއެކު ދެން ފެނުނީ އެފްއައިވީބީން ރާއްޖެ ސަސްޕެންޑް ކޮށްފާނެ ކަމުގެ އިންޒާރު ދިނުމަށްފަހު އަނެއްކާވެސް ސިޓީއެއް ފޮނުވި ތަނެވެ.

ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ --- ސަން ފޮޓޯ: އަހްމަދު އަވްޝަން އިލްޔާސް
ސްޕޯޓްސް މިނިސްޓްރީގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކުޅިވަރާ ބޭހޭ ވަޒީރު އަހްމަދު މަހްލޫފް ވިދާޅުވީ ރާއްޖޭގައި ވޮލީބޯޅަ މިހާރު އޮތް ހާލަތުން އަރައިގަތުމަށް ދެން ޖެހޭނީ ވޭތުވެ ދިޔަ ފަސްވަރަކަށް އަހަރުތެރޭ ވޮލީ ކުޅުނު ކުލަބުތަކުން ކޮންގްރެސްއެއް ބާއްވަން ކަމަށެވެ.
"އަޅުގަނޑަށް ގަބޫލުކުރެވެނީ، އިލެކްޓުކޮށްފަ އޮތް ބޮޑީއެއް ނެތީމަ އެބޭފުޅުންނަށް ކޮމިއުނިކޭޓުކުރުމަށް ދަތިވެގެން އެއުޅެނީ. އެކަމަށް ހައްލެއް ދެން ލިބޭނީ ވޭތުވެ ދިޔަ ފަސް ވަރަކަށް އަހަރު ތެރޭ ވޮލީ ކުޅުނު ކުލަބުތަކުން އިންތިހާބެއް ބޭއްވިގެން،" މަހްލޫފް ވިދާޅުވިއެވެ.
މަހްލޫފް ވިދާޅުވީ މުޅި ރާއްޖޭގެ ވޮލީ ކޮމިއުނިޓީ އޮތީ މިހާރު އެ ދާ ކަންތައްތަކަށް ސަޕޯޓް ކޮށްގެން، [ލަތީފްއާއެކު ކުރީގެ ލީޑާޝިޕް ދުރުކުރުމަށް]. އަދި ސްޕޯޓްސް ކޮމިޝަނަރު ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ނޯމަލައިޒޭޝަން ކޮމިޓީއެއް އުފެއްދެވީ މައްސަަލަ ހައްލުކުރުމަށް ކަމަށާއި އެ މައްސަލައިގައި އެފްއައިވީބީން ލިއުންތަކެއް އައިކަން އެނގިވަޑައިގަންނަވާ ކަމަށްވެސް މަހްލޫފް ވިދާޅުވިއެވެ.
މީގެ އިތުރުން އިންތިހާބެއް ބޭއްވުމުން އެފްއައިވީބީއާ އޮތް މައްސަލަ ހައްލުވާނެ ކަމަށް ގަބޫލުކުރެވޭ ކަމަށާ، ހައްލު ނުވެއްޖެނަމަ މިނިސްޓްރީން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމަށް މަހްލޫފް ވިދާޅުވިއެވެ.
"މި މައްސަަލައިގައި އަޅުގަނޑު ގަބޫލުކުރަނީ އެހާ ސީރިއަސް ހިސާބަކަށް ގޮސްފިނަމަ މިނިސްޓްރީއަށް ވެސް އަންނާނެ. ވާހަކަ ވެސް ދައްކާނެ. އެކުރަންޖެހެ ކަމެއް ކުރާނެ ކުއްލިއަކަށް ނިދާފައި ހޭލާއިރު ސަސްޕެންޑު ކުރާނީކީ ނޫން. އަދި އަޅުގަނޑު ކަންބޮޑުވެގެން އެމީހުންނާ އެވާހަކަ ދައްކާ ހިސާބަށް ކަންކަން ގޮސްފިކަމަށް ގަބޫލެއް ނުކުރަން. އެފްއައިވީބީއާއި އޭވީސީންވެސް ގަބޫލުކުރޭ ރާއްޖޭގެ ވޮލީއަށް ސަރުކާރުން ކަންކަން ކޮށްދެމުންދާކަން. އެެހެންވީމަ ހިއެއްނުވޭ ރާއްޖޭގެ ވޮލީބޯޅަ އެމީހުންވެސް ގަސްތުގައި ހަލާކުކޮށްލާނެހެނެއް" މަހްލޫފް ވިދާޅުވިއެވެ.