ޗައިނާގެ 14 އަހަރުންދަށުގެ ކްރިކެޓް ޓީމެއް ފުވައްމުލަކަށް ދާން ހަމަޖެހިފައިވާ ކަމަށް ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްއިން ބުނެފިއެވެ.

ކްރިކެޓް ބޯޑުގެ ޖެނެރަލް ސެކްރެޓަރީ މުހައްމަދު ފައިސަލް މިއަދު ވިދާޅުވީ، ތަމްރީން ދަތުރެއްގައި ޗައިނާގެ 14 އަހަރުން ދަށުގެ ކްރިކެޓް ޓީމެއް އައްނަ އަހަރުގެ މެއި މަހުގެ ތެރޭގައި ފުވައްމުލަކަށް ދާން ވަނީ ހަމަޖެހިފައި ކަމަށެވެ. އެގޮތުން ފުވައްމުލަކަށް ޗައިނާގެ ޓީމް ކުރާ ދަތުރުގައި ފުވައްމުލަކުގެ ކްރިކެޓް ދަނޑުގައި ޕްރެކްޓިސް މެޗްތަކެއް ކުޅުމަށް ވަނީ ހަމަޖެހިފައި ކަމަށް ފައިސަލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ޗައިނާގެ ޓީމް ފުވައްމުލަކަށް ކުރާ ޓްއާގައި ހަފްތާއެއްހާ ދުވަސް ވާނެ ކަމަށެވެ. އަދި ޕްރެކްޓިސް މެޗުތަކެއް ކުޅުމަށްފަހު ޗައިނާގެ ކުރިކެޓް ޓީމް ހެރެތެރެ ރިސޯޓްގައި ޗުއްޓީއެއް ހޭދަކޮށްލުމަށްވެސް ވަނީ ހަމަޖެހިފައި ކަމަށް ފައިސަލް ވިދާޅުވިއެވެ.

"އެމީހުން އަންނަނީ ހަތެއް ނުވަތަ އަށް ދުވަހަށް، އެއީ ޗުއްޓީ ހޭދަކޮށްލުމަށާއި ޕްރެކްޓިސް މެޗުތަކެއް ކުޅުމަށްޓަކައި، ފުރަތަމަ ހަތަރު ދުވަސް އެމީހުން ހޭދަކުރާނީ ފުވައްމުލަކުގައި ޕްރެކްޓިސް މެޗްތަކެއް ކުޅުމުގައި އަދި ބާކީ ދުވަސްތައް ހެރެތެރޭގައި ޗުއްޓީ ހޭދަކޮށްލަން. " ފައިސަލް ވިދާޅުވިއެވެ.

ޗައިންނާއިން އައްނަ ޓީމާއެކު ޕްރެކްޓިސް މެޗުތަކެއް ކުޅޭނީ ރާއްޖޭގެ ޓީމަކާ އެކު ކަމަށާއި ނަމަވެސް މި މެޗުތައްކުޅޭނެ ދިވެހި ޓީމެއް އަދި ކަނޑައެޅިފައިނުވާކަމަށް ފައިސަލް ވިދާޅުވިއެވެ.

ޗައިނާގެ ކްރިކެޓް ޓީމުގެ ދަތުރުގެ އިތުރުން ފުވައްމުލަކުގައި ކްރިކެޓް ޔޫތު ޑިވޮލޮޕްމަންޓް ޕްރޮގްރާމެއް ފެށުމަށްވެސް ކްރިކެޓް ބޯޑުންދަނީ ތައްޔާރުވަމުންނެވެ.

އައްޑޫގައި ނިމިގެންދިޔަ ސާކް ސަމިޓްގެ ހަވާސާގައި ފުވައްމުލަކުގައި ބޭއްވި ސާކް ގައުމުތަކުގެ ކްރިކެޓް މުބާރާތް ކުޅުމަށް ފުވައްމުލަކުގައި ހެދި ކްރިކެޓް ދަނޑަކީ ފުވައްމުލަކާއި ދިވެހި ރާއްޖޭގެ ކްރިކެޓްގެ އާފެށުމެއްކަމަށް ކްރިކެޓަށް ލޯބިކުރާ ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ. މިއީ ރާއްޖޭގެ ކުރިކެޓްގެ އާ ފެށުމެއްކަމަށް ކްރިކެޓް ބޯޑުގެ ވެރިންވެސް ބުނެފައި ވެއެވެ.