ނެޓްފްލިކްސްގެ ހިޓް ޝޯ "ސްޓްރޭޖާ ތިންގްސް" ހަތަރު ވަނަ ސީޒަނަކަށް އެނބުރި އަންނާނެ ކަމަށް ނެޓްފްލިކްސް އިން ކަށަވަރުކޮށްދީފިއެވެ.

މެޓް އާއި ރޮސް ޑަފާގެ މަޝްހޫރު ސައިފައި އެޑްވެންޗަ ޝޯ ހަތަރު ވަނަ ސީޒަން އަކަށް އަންނާނެ ކަމަށް ނެޓްފްލިކްސް އިން ހާމަކޮށްފައިވަނީ ރޭގައެވެ.

ޝޯގެ ހަތަރު ވަނަ ސީޒަނެއް އަންނާނެ ކަން ކަށަވަރު ކުރުމުގެގޮތުން ނެޓްފްލިކްސް އިން ވަނީ ޓީޒަރެއް އާންމުކޮށްފައެވެ.

އެ ޓީޒަރުން ޝޯގެ މާ ގިނަ ވާހަކަތަކެއް އެނގިގެނެއް ނުދެއެވެ. ނަމަވެސް ޝޯއިން ފެނިގެންދާ "ހޯކިންސް"ގެ ބަދަލުގައި މަންޒަރުތައް ފެނިގެންދާނީ އެހެން ތަނަކުން ކަމަށް ވަނީ އިޝާރާތްކޮށްފައެވެ. ޓީޒާގައި ހާމަކޮށްފައިވާ ޓެގެއްގައި ބުނަނީ "ވީ އާރ ނޮޓް އިން ހޯކިންސް އެނީމޯ" އެވެ.

ސްޓްރޭންޖާ ތިންގްސްގެ އޮރިޖިނަލް ކާސްޓު ޝޯއަށް އެނބުރި އައުމަށް ހަމަޖެހިފައިވާއިރު ޓީޒާއިން ޝޯއާ ގުޅޭ އިތުރު މައުލޫމާތެއް އެނގިގެންގޮސްފައެއް ނުވެއެވެ.

އެ ޝޯގެ ހަތަރު ވަނަ ސީޒަން ރިލީޒްކުރާނެ ތާރީހެއް ނެޓްފްލިކްސް އިން އަދި ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ވާހަކަ ދެކެވޭ ގޮތުގައި އެ ޝޯ ހަތަރު ވަނަ ސީޒަން އަންނާނީ އަންނަ އަހަރުގެ ފަހުކޮޅުގައެވެ.