ބިދޭސީންގެ ދިގު ކިއުތަކަށް ހަލެއް ހޯދުމަށް، ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ރަޖިސްޓްރީ ކުރުން ގަލޮޅު ދަނޑަށް ބަދަލުކުރުމުގެ މަސައްކަތް ފަށައިފި އެވެ.

ގާނޫނާއި ހިލާފަށް ރާއްޖޭގައި މަސައްކަތް ކުރަމުންދާ ބިދޭސީން ގާނޫނީ އިމުގެ ތެރެއަށް ވަނުމުގެ ފުރުސަތު ދިނުމަށް އިއުލާން ކުރުމާއެކު، ކުރީގެ ޕީޖީ އޮފީސް ހިންގި އިމާރާތުގައި ހުންނަ، އިކޮނޮމިކް މިނިސްޓްރީގެ ރެގިއުލަރައިޒޭޝަން ޔުނިޓް ދޮށުގައި ރޭގަނޑުން ފެށިގެން ދިގު ކިޔޫ ޖައްސަމުން ދެއެވެ. އެކަށީގެންވާ ވަރަށް ވަސީލަތް ނެތުމުން މިނިސްޓްރީން ދުވާލަކަށް ދޫކުރަމުން އަންނަނީ، 100-150 ކިއު ނަންބަރެވެ.

ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން އަލުން ރަޖިސްޓްރީ ކުރުމަށް އިކޮނޮމިކް މިނިސްޓްރީން ހިންގާ ޕްރޮގްރާމުގައި ބިދޭސީން ކިޔޫ ހަދައިގެން ކޮޅަށް ތިބެންޖެހޭ މައްސަލައަށް ނިމުމެއް ގެނައުމަށް އިކޮނިމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އާއެކު މަސައްކަތް ފަށައިފައިވާ ކަމަށެވެ.

އެގޮތުން މިއަދު މިނިސްޓަރު ފައްޔާޒް އާއެކު ގަލޮޅު ދަނޑު ބަލާފައިވާ ކަމަށާއި ވީއެންމެ އަވަހަކަށް މަސައްކަތް ބަދަލުކުރަން ނިންމާފައިވާ ކަމަށެވެ.

ކިޔޫގެ މައްސަލައަށް ހައްލެއް ހޯދުމަށް ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ރަޖިސްޓްރީ ކުރުމަށް އިތުރު ސެންޓަރެއް ގާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް މިނިސްޓަރު ފައްޔާޒު ވަނީ މީގެކުރިން ވިދާޅުވެފައެވެ.

އަދި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންނަށް ދެވަނަ ފުރުސަތު ދިނުމުގެ ޕްރޮގްރާމް ހިންގާނީ މާލޭގައި އެކަނި ނޫން ކަމަށާއި މުޅި ރާއްޖެއަށް އެ މަސައްކަތް ފުޅާ ކުރާނެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

އިމިގްރޭޝަން އިން މީގެ ކުރިން ބުނެފައިވާ ގޮތުގައި 63،000 އަށް ވުރެ ގިނަ ބިދޭސީން ރާއްޖޭގައި ގަވައިދާ ހިލާފަށް ދަނީ އުޅެމުންނެވެ.