01 Oct 2019, 09:30
މަޝްހޫރު ޓެކް ކުންފުނި ގޫގަލް އާއި ފެޝަން ކުންފުނި ލީވައިސް ގުޅިގެން ޒަމާނީ ޓެކްނޮލޮޖީ ހިމެނޭ ޑެނިމް ޖެކެޓުތަކެއް ތައާރަފުކޮށްފިއެވެ.
ލީވައިސް އިން ތައާރަފުކޮށްފައިވާ އާ ޓްރަކާ ޖެކެޓްތަކަކީ ގޫގަލްގެ ޖަކާޑް ޓެކްނޮލޮޖީ ހިމަނާފައިވާ އުފެއްދުންތަކެވެ.
ލީވައިސް އިން ބުނިގޮތުގައި އެ ޖެކެޓްތަކަކީ 2017 ވަނަ އަހަރު އާންމުކުރި ކޮންސެޕްޓަކަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ޖެކެޓުތަކެކެވެ. ނަމަވެސް އެ ކޮންސެޕްޓްގައި އާ ބައެއް ހާޑްވެއާ ހަރުކޮށްފައިވާނެ ކަމަށް ލީވައިސް އިން ބުންޏެވެ.

ޖެކެޓުގެ އަތުކުރީގައި ބްލޫޓޫތަށް ގުޅާލެވޭ ހާއްސަ ޓެގެއް ހިމެނޭނެ --- ފޮޓޯ : މެޝެބަލް
އެ ޖެކެޓުގެ އަތްކުރީގައި ހާއްސަ ޓެގެއް ހަރުކޮށްފައިވާނެއެވެ. އެ ޓެގު މަސައްކަތްކުރާނީ ބްލޫޓޫތު މައުސްޕެޑެއްގެ ގޮތުގައެވެ. އެ ޓެގުން މިއުޒިކް ކޮންޓްރޯލް ކުރުމާއި ބައެއް އެޕްލިކޭޝަން ކޮންޓްރޯލް ކުރެވޭނެއެވެ.
ތަފާތު ސްވައިޕް ޖެސްޗާތައް ބޭނުންކޮށްގެން ފޯނުގެ އެޕްލިކޭޝަންތަކާ ކުޅެވޭނެއެވެ. އެގޮތުން މިއުޒިކް އެޕްލިކޭޝާން އިތުރުން ފޯނު ކޯލުތައްވެސް އެ ޓެގް ބޭނުންކޮށްގެން ކުރެވޭނެއެވެ.
އެކުންފުނިން ބުނާގޮތުގައި ޖެކެޓުގެ އެންމެ ހާއްސަ އެއް ސިފަ އަކީ ސްވައިޕްކޮށް ކެމެރާ އެޕްލިކޭޝަން ބޭނުންކުރުމެވެ. އޭގެ ސަބަބުން ޖެކެޓު ބޭނުންކޮށްގެން ސެލްފީ ނަގާލެވޭނެ ކަމަށް އެކުންފުނިން ބުނެއެވެ.
ލީވައިސް އިން ބުނީ މިހާރު އެންމެ ބޮޑު ދަތި ކަމަކީ އެ ޖެކެޓު ވިއްކުމުގެ މަސައްކަތް ކަމަށެވެ. ސަބަބަކީ އެ ޖެކެޓު ވިއްކަން ފަށާ އަގަކީ 198 ޑޮލަރެވެ. އަދި އެ ޖެކެޓުގެ އަގު 350 ޑޮލަރަށް އަރާ ކަމަށްވެސް ލީވައިސް އިން ވަނީ ބުނެފައެވެ.