01 Oct 2019, 08:53
ހިންދީ ސިނަމާގެ އެންމެ ވަރުގަދަ އެއް ފިލްމު "ޝޯލޭ"ގައި ކާލިއާގެ ކެރެކްޓާ ކުޅުނު އެކްޓަރު ވިޖޭ ޚޯޓޭ މަރުވެއްޖެއެވެ.
އިއްޔެ އޭނާ މަރުވިއިރު އުމުރަކީ 77 އަހަރެވެ. ބޭރުގެ މީޑިއާތަކުން ބުނާ ގޮތުގައި ވިޖޫ މަރުވީ ގިނަ ދުވަސްތަކެއް ވަންދެން ބަލިވެ އުޅުމަށްފަހު އިއްޔެ ހެނދުނު ނުހޭލައިގެން ބެލިއިރުގައެވެ. އޭނާގެ ހަށިގަނޑުގެ ގިނަ ގުނަވަންތަކެއް ވަނީ ފެއިލްވެފައެވެ.
"ކުރިންވެސް އޭނާ އޮތީ ހޮސްޕިޓަލުގައި ބާއްވާފައި. އެކަމަކު އޭނާ ބޭނުންނުވީ ހޮސްޕިޓަލުގައި އޮވެގެން މަރުވާން. ބޭބެގެ އެދުމުގެ މަތިން ގެއަށް ބަދަލުކުރީ މީގެ ދުވަސްކޮޅެއް ކުރިން،" ވިޖޭއަށް ބޮޑުބޭބެ ކިޔާ ކުއްޖަކު ބުނެފައިވެއެވެ.
ވިޖޭ މަރުވުމާ ގުޅިގެން ފިލްމު އިންޑަސްޓްރީގެ ގިނަ ފަންނާނުންނެއް އަންނަނީ އޭނާގެ އާއިލާއަަށް ތައުޒިޔާ ކިޔަމުންނެވެ. އަދި އޭނާގެ ފޭނުން އަންނަނީ ޓްވިޓާގައި ތައުޒިއާ ކިޔައިފައެވެ.
އޭނާ ވަނީ ގިނަ އަދަދެއްގެ ހިންދީ އަދި ތަމަޅަ ފިލްމު ކުޅެފައެވެ. ވިޖޭ ފިލްމީދާއިރާއަށް ވަނީ 1964 ވަނަ އަހަރުގައެވެ. ވިޖޭ އެންމެ ފަހުން ކުޅުނީ މިދިޔަ އަހަރު ނުކުތް ފިލްމު "ޖާނޭ ކިޔު ދޭ ޔާރޯ"އެވެ.