މި ސަރުކާރު އައި ފަހުން ދައުލަތުގެ ދަރަނި އިތުރުވެފައި ނުވާނެ ކަމަށާއި ބަޖެޓް ތަންފީޒުކޮށްފައި ވާނީ ލިބުނު ހިލޭ އެހީގެ ތެރެއިން ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

މި އަހަރުގެ ފުރަތަމަ ހަ މަސް ނިމުނުއިރު ރާއްޖޭގެ ރަސްމީ ރިޒާވް ހަތް ޕަސެންޓް ދަށަށް ގޮސްފައިވާ ކަމަށާއި އެ މުއްދަތުގައި ރާއްޖޭގެ ދަރަނި 50 ބިލިއަން ރުފިޔާ އަށް އަރާފައިވާކަމަށް މަރުކަޒީ ބޭންކް އެމްއެމްއޭގެ ތަފާސްހިސާބުތަކުން ވަނީ ދައްކައިފަ އެވެ.

އެކަމާ ގުޅިގެން ސަރުކާރަށް ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް މިރޭ ރާއްޖެ ޓީވީގެ "ފަލަ ސުރުޚީ" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަމީރު ވިދާޅުވީ މިސަރުކާރު އައި އިރު ދައުލަތުގެ ދަރަނި ހުރީ 48 ބިލިއަންގައި ކަމަށެވެ.

"އެއީ ގެރެންޓީޒް ނުހިމަނާ. މިހާރު 50 ބިލިއަނަށް ވުރެ މައްޗަށް ހިނގައްޖެ. އަޅުގަނޑުމެން މިހާތަނަށް ސީދާ ސަރުކާރު އަޅުގަނޑުމެންނާ ހަވާލުވި ފަހުން ދަރަނި އިތުރުވެފައި މިވަނީ ގާތްގަނޑަކަށް 1.9 ބިލިއަން ރުފިޔާ،" އަމީރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ދަރަނި 1.9 ބިލިއަން ރުފިޔާ އިތުރުވި އިރު އޭގެ ތެރެއިން 1.5 ބިލިއަން ރުފިޔާއަކީ މިހާރު ދަރަނީގެ ގޮތުގައި ރެކޯޑު ކުރެވިފައި ވީނަމަވެސް، ފަހުން ހިލޭ އެހީއަކަށް ބަދަލުކުރެވޭނެ ކަމުގެ ޔަގީންކަން ލިބިފައި އޮތް އަދަދެއް ކަމަށެވެ.

"މިހާރު ޓްރެޝަރީ ބޮންޑެއްގެ ގޮތުގައި އަޅުގަނޑުމެން ވިއްކާފައި، ދަރަނީގެ ގޮތުގައި ރެކޯޑު ވިޔަސް، އަޅުގަނޑުމެންނަށް ޔަގީންކަން ލިބިފައި އެބަވޭ އިންޑިއާ ސަރުކާރުން މި ޓްރާންސިޝަން ޕީރިއަޑުގައި އެގޮތަށް ދަރަންޏެއްގެ ގޮތުގައި ރެކޯޑުވެފައި އިނަސް އެބޭފުޅުން މެޗުއަރިޓީގައި އެއީ ހިލޭ އެހީއެއްގެ ގޮތުގައި އަޅުގަނޑުމެންނަށް ހަމަޖައްސައިދޭނެ ކަމަށް،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ މި ސަރުކާރު އައި ފަހުން 325 މިލިއަނެއްހާ ރުފިޔާގެ ޓްރެޝަރީ ބިލް ވިއްކާފައިވާ ކަމަށާއި އަދި ފައިސާ އިތުރުވެފައިވާ ކަމަށެވެ.

"އެހެންވީމަ މިސަރުކާރު އައި ފަހުން ހަގީގަތުގައި ދަރަނި އިތުރުވެފައެއް ނުވާނެ. އަޅުގަނޑުމެން މިހާތަނަށް ހަމަ ބަޖެޓު ހިންގާފައި ވާނީ ބޮޑަށް ހަމަ ހިލޭ އެހީއަށް އަޅުގަނޑުމެންނަށް ލިބިފައިވާ ފައިސާގެ ތެރެއިން. އެހެންވީމަ ދަރަނި އިތުރެއް ނުވާނެ މި ސަރުކާރު އައިފަހުން،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ކަންބޮޑުވުމަކީ 50 ބިލިއަނަށް ދަރަނި އިތުރުވުން ނޫން ކަމަށާއި، ސަރުކާރުގެ މަގްސަދަކީ ރާއްޖޭގެ އިގްތިސާދު ފުޅާކުރުން ކަމަށެވެ. އަދި އިގްތިސޯދު ކުރިއަރާނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ފުޅާވެ، މިޑްލްކްލާސް ފުޅާވެގެން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އެހެންވީމަ އަޅުގަނޑުމެން ދަރަނި އެބްސޮލިއުޓް ނަންބާ އަކަށް ނުބަލާ ބަލަންވީ އަޅުގަނޑުމެންގެ ދަރަނި އިގްތިސޯދު ކުރިއަރާ މިންވަރާ ބަލާއިރު އެ ޕަސެންޓޭޖުން ކިހިނެތްތޯ ހުރީ،" މިނިސްޓަރު ވިދާޅުވިއެވެ.