ސަރުކާރު ހިއްސާވާ ކުންފުނިތައް ގިނަކަމަށް ގަބޫލުކުރައްވާ ކަމަށާއި، ކުންފުނިތައް މަދުކުރުމަކީ ކުރަން ޖެހިދާނެ ކަމެއް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަމީރު ވިދާޅުވީ މިހާރުވެސް ބައެއް ކުންފުނިތައް އުވާލަން ފޮނުވާފައިވާ ކަމަށާއި، ކުރިއަށް އޮތް ތަނުގައިވެސް އިތުރު ކުންފުނިތައް އުވާލަން ފޮނުވާނެ ކަމަށެވެ.

"އޭގެ ތެރެއިން އަޅުގަނޑު ހަމަ ފާހަގަކޮށްލަން ބޭނުންވޭ ޚަޒާނާ މޯލްޑިވްސް ކިޔާ ކުންފުންޏެއް ވެސް ވާނެ ލިކުއިޑޭޝަން ޕްރޮސެސްގައި. އެ މަސައްކަތް އެބަ ދޭ،" މިނިސްޓަރު ވިދާޅުވި އެވެ.

ޚަޒާނާ މޯލްޑިވްސް އަކީ އިސްލާމިކް ފައިނޭންސިން ކުރިއެރުވުމަށް 2016 ވަނަ އަހަރު ސަރުކާރުން އުފައްދާފައިވާ ކުންފުންޏެކެވެ.

މިނިސްޓަރު ވިދާޅުވީ ކުންފުނިތައް އުވާލުމުގެ މަސައްކަތް ކުއްލިއަކަށް ނުކުރި ނަމަވެސް، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އަދަދު ގިނަކަން ގަބޫލުކުރައްވާ ކަމަށާއި އެއީ އެކަންތައްތައް ކުރިއަށް ގެންދަން ޖެހޭ ގޮތް ނޫންކަމަށެވެ.

"ކުރިއަށް ތަނުގައި އެކަހަލަ ސިޔާސަތެއް ވެސް ގެންނަން ޖެހިދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އަދަދު 30 އަށް ވުރެ އިތުރުވެފައި ވާއިރު، އޭގެ ތެރެއިން ގިނަ ކުންފުނިތައް ހިންގަނީ ގެއްލުމުގަަ އެވެ.