އައްޑޫ ސިޓީއެއްގެ ގޮތުގައި ތަރައްގީ ކުރުމަށް މި އަހަރު 750 މިލިއަން ރުފިޔާ ވަރު ބަޖެޓްކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހަންމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މިދިޔަ ހޮނިހިރު ދުވަހު އެއާޕޯޓުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ 17 ވަނަ ސާކް ސަމިޓަށް އައްޑޫ ތަރައްގީ ކުރުމަށް 233 މިލިއަން ރުފިޔާއާ އެކު ބަޖެޓުގައި އެކި ލައިންތަކުގައި ހިމެނިގެން، އައްޑޫގެ ބަނދަރުތަކާއި ފެނާއި ނަރުދަމާ އާއި ސުކޫލްތައް ތަރައްގީކޮށް އަދި ގަމު އެއާޕޯޓަށް ގެނައި ބަދަލުތަކަށް 750 މިލިއަން ރުފިޔާ ވަރު ހަރަދުވެފައިވާނެ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.

"ބަޖެޓުގެ އެކި އެކި ލައިންތަކުގައި، އެއީ ފޭދޫ ބަނދަރާއި މީދޫ ބަނދަރާއި ފެނާއި ނަރުދަމާ އާއި ދެން ކޮންވެންޝަން ސެންޓަރުގެ އިމާރާތާއި ހިތަދޫގެ ބޮޑުމަގާއި ހޮސްޕިޓަލަށް ގެނެވުނު ބަދަލާއި އަދި އެއާޕޯޓަށް ކުރެވުނު މަސައްކަތާއި އަދި މަދަރުސާތަކުގައި ވެސް ކުރެވުނު މަސައްކަތާއި މި ހުރިހާ ކަމެއް ލައިގެން އަޅުގަނޑު ހަދާންވަނީ 750 މިލިއަން ރުފިޔާ ވަރު މި ބަޖެޓުގައި ހިމެނިފައި އެބައޮތޭ،" ސަން އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވި އެވެ. "މުޅި ޖުމްލަ އިސާހިތަކު އަނެއް ބަޖެޓު އަންނަންވާ އިރަށް އެނގިގެންދާނެ، ހަމަ ގައިމު ވެސް،"
ރައީސް ދެއްވި ނޫސްކޮންފަރެންސުގައި ދަތުރުފަތުރަށް ކުރި ހަރަދެއް އަދި ސަމިޓާ ގުޅިގެން މުނިފޫހިފިލުވުމަށް ކުރި ހަރަދަކީ ކިހާވަރެއް ކަމެއް ވިދާޅެއް ނުވެ އެވެ. ނަމަވެސް ފައިނޭންސް މިނިސްޓަރު އަހުމަދު އިނާޒު މިއަދު ވިދާޅުވީ ވަރަށް އަވަހަށް ސަމިޓަށް ކުރި ހަރަދުގެ ތަފުސީލު ހާމަކުރައްވާނެ ކަމަށެވެ.

President Nasheed (mp3)

ސާކްގެ އަށް ގައުމުގެ ވެރިން އައްޑު އަށް ވަޑައިގަތުމަށް އެއާޕޯޓް ތަރައްގީކޮށް އައު ވީވީއައިޕީ ލޯންޖެއް ހެދުމާ އެއްކޮށް ގާތްގަނޑަކަށް 40 މިލިއަނެއްހާ ރުފިޔާ ހަރަދުވެފައި ހުންނާނެ ކަމަށް ގަން އެއާޕޯޓުން ލަފާކުރެ އެވެ. އީކުއެޓޯރިއަލް ކޮންވެންޝަން ސެންޓާ ]އީސީސީ[ އިމާރާތްކޮށް ޑިޒައިން ކުރުމަށް އެކަނި ވެސް 130 މިލިއަން ރުފިޔާ ހަރަދުވެފައިވެ އެވެ.