30 Sep 2019, 22:23
ފިއުލް ސަޕްލައިޒް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (އެފްއެސްއެމް) ގެ ބައުޒަރުތައް ބޭނުންކޮށްގެ މާލޭ ޓ-ޖެޓީގައި ދެމުން ގެންދިޔަ ތެޔޮ އަޅައިދިނުމުގެ ހިދުމަތް ވަގުތީ ގޮތުން ހުޅުމާލެއަށް ބަދަލުކޮށްފިއެވެ.
އެފްއެސްއެމް އިން ކުރި ފޭސްބުކް ޕޯސްޓެއްގައި ބުނީ އެ ހިދުމަތް ވަގުތީ ގޮތުން ހުޅުމާލޭގައި ހުންނަ އެފްއެސްއެމް ޕަމްޕް ސްޓޭޝަނަށް ބަދަލުކޮށްފައިވާ ކަމަށެވެ.
އެފްއެސްއެމްގެ ރީފިލިން ހިދުމަތް ހުޅުމާލެއަށް ބަދަލުކޮށްފައި މިވަނީ މިއަދު ހަވީރު ޓީ-ޖެޓީގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގާފައި ވަނިކޮށެވެ.
އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ ޓީޖެޓީ ސަރަހައްދުގައި އޮތް ތެޔޮ ބައުޒަރަކާއި އެ ސަރަހައްދު ފަޅުގައި އޮތް ލޯންޗެއްގައި ރޯވެގެންނެވެ. ރޯވި އަލިފާން ކޮންޓްރޯލް ކުރެވިފައި ވަނީ ރޯވިތާ ގާތްގަނޑަކަށް ދޮޅު ގަޑިއެއްހާ އިރު ފަހުންނެވެ. މި ހާދިސާގައި ލޯންޗު މުޅިން އަނދައި، ފަޅުތެރެއަށް އަޑިއަށް ގޮސްފައި ވާއިރު، ތިން ބައުޒަރެއްވެސް ވަނީ އަނދާ ހުލިވެފައެވެ.
މި ހާދިސާގައި ހަތް މީހަކު ފިހިގެން އައިޖީއެމްއެޗްގައި އަންނަނީ ފަރުވާ ހޯދަމުންނެވެ.