ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ބައްސާމް އަދީލް ޖަލީލާ ދެމެދު ކުރެވިގެން ދިޔަ ހަނގުރާމަ ނިމި ބަލި ގަބޫލު ކުރެއްވީ ފުޓުބޯޅައަށް އޭގެން ލިބޭނެ ގެއްލުން ބޮޑުވީމަ ކަމަށާއި، މާޒީގައި ވެދިޔަ ކަންކަން ދޫކޮށް ކުރިއަށް އޮތްތާ ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ.

ކުރީ ސަރުކާރުން ފެށި މިނިވަން ޗެމްޕިއަންޝިޕު ރިބްރޭންޑުކޮށް ބޮޑެތި ބަދަލުތަކާ އެކު އަލުން އަނބުރާ ހޯމް އެންޑް އަވޭ އުސޫލުން ކުޅޭ ލީގެއް އަތޮޅުތެރޭގައި ފެށުމާ ބެހޭ ގޮތުން ނޫސްވެރިންނާ ބައްދަލުކުރެއްވުމަށް މިއަދު ޔޫތް މިނިސްޓްރީގައި ވަނީ ބައްދަލުވުމެއް ބާއްވާފަ އެވެ. މި ބައްދަލުވުމުގައި މަހްލޫފްއާއި ބައްސާމް ވަނީ ފުޓުބޯޅައިގެ މުސްތަގުބަލާއި ގުޅުވައިގެން އުންމީދީ ގިނަ ވާހަކަތަކެއް ދައްކަވާފަ އެވެ.

މިއަދު ދެ ބޭފުޅުން އެއް މޭޒެއްގައި ތިބެ ގިނަ ވާހަކަތަކެއް ދެއްކި ނަމަވެސް މީގެ ކުރިން ދެ ފަރާތުގެ ދެމެދުގައި ވަނީ ބޮޑު ހަނގުރާމައެއް ހިނގާފަ އެވެ. އެއްބޭފުޅަކު އަނެއް ބޭފުޅަކަށް އިޝާރަތްކޮށް ބޮޑެތި ތުހުމަތުތަކެއް ކުރި އިރު ރާއްޖޭގެ ފުޓުބޯޅައިގެ ހާލަތު ދިޔައީ މީގެން ދުވަހަކުވެސް ދެކިފައި ނުވާހާ ދަށަށެވެ. އެކަމަކު ކުޅިވަރު މިނިސްޓްރީއާއި ފުޓުބޯޅަ އިދާރާއާއި ނުގުޅި އޮތުމަކީ ވާނެ ކަމެއް ނޫނެވެ. އެކަން ދިގުލައިގެން ދިޔަ ވަރަކަށް ފުޓުބޯޅަ ދިޔައީ ބިކަ ވަމުންނެވެ. ރައްޔިތުންގެ ރުޅިގަނޑު ވެސް ދިޔައީ ގަދަވަމުންނެވެ.

ޔޫތް މިނިސްޓަރު މަހްލޫފާއި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް --- ފޮޓޯ// ޔޫތް މިނިސްޓްރީ

އެހެންކަމުން މަހްލޫފް ވަނީ ބަލި ގަބޫލު ކުރައްވާ ބައްސާމު ހަނގުރާމައިން މޮޅުވީ ކަމަށް ނިންމަވައިފަ އެވެ. އެފްއޭއެމް އަކީ ސަރުކާރަށް އެއްވެސް ނުފޫޒެއް ފޯރުވޭނެތަނެއް ނޫންކަމުން މަހްލޫފް އޭރު ދެއްކެވި ވާހަކަތަކުން ބައްސާމުގެ މަގާމަށް މާބޮޑު އަސަރެއް ނުކުރި ނަމަވެސް ދެ ބޭފުޅުން އެކު ނުވެ ނޫނީ ނުވާނެ ގިނަ ކަންތައް ތަކެއް ހުރިކަން މިއަދުގެ ބައްދަލުވުމުގައި ދެ ބޭފުޅުންވެސް ފާހަގަ ކުރެއްވި އެވެ. އޭގެން އެއްކަމަކީ ވޯލްޑް ކަޕުގެ ކޮލިފައިންގައި އެންމެ ފަހުން ޗައިނާއާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން ދަނޑުގެ ލައިޓިންގް ހަމަނުވެ ހުރުމުން އެކަން ކުރަން ޖެހުނީ ޔޫތް މިނިސްޓްރީންނެވެ.

"ދަނޑުގެ ލައިޓިން އަޅުގަނޑުމެން ނުހެދިނަމަ އެ މެޗު ކުޅެން ޖެހޭނީ ޗައިނާގައި، ދެން އަޅުގަނޑު އިންނަވީތޯ އެކަން ނުކޮށް. އަޅުގަނޑު ނޭނގޭ ކަމަށް ހަދާފައި އިންނާނީ. އޭރުން ދަނޑެއް ނުދިއްލޭނެ. މެޗު ކުޅޭނީ ޗައިނާގައި،" ބައްސާމާ ގުޅެން މަޖުބޫރުވި ސަބަބުތައް ހާމަ ކުރައްވަމުން މަހްލޫފް ވިދާޅުވި އެވެ.

"މިއަދުވެސް އަޅުގަނޑު މި އެޕްރޫވް ކޮށްދިނީ އުމުރު ފުރާތަކުގެ ގައުމީ ޓީމު މުބާރާތަށް ދާން ޓިކެޓްގެ ހުރިހާ ކަމެއް. އެތައް މިލިއަން ރުފިޔާއެއްގެ ވާހަކަ މިދައްކަނީ. ހަމަ އަޅުގަނޑަށް އިނދެވޭނެ އެކަން ނުކޮށް. އެކަން ނުކުރީމަ މާދަމާ ބައްސާމް ވިދާޅުވާނެ މިނިސްޓްރީން އެކަން ނުކުރީމަ ނުދެވުނީއޭ. ރައްޔިތުން ބުނާނެ މަހްލޫފްއާ ހެދި ގައުމީ ޓީމަށްވެސް ނުދެވުނޭ. މީގައި އެއްވެސް ކޮޅެއްގައި ނުޖެހޭނޫންތޯ،"

ކުރިން ބައްސާމް އަދި މަހްލޫފާ ދެމެދު އެންމެ ބޮޑަށް ހަނގުރާމަ އުފެދުނީ ނިއުރޭޑިއަންޓްގެ ސަސްޕެންޝަން މައްސަލައިގަ އެވެ. ކުޅުންތެރިންގެ މުސާރައިގެ މައްސަލައިގައި ނިއުރޭޑިއަންޓަށް އެފްއޭއެމުން ކުރި ސަސްޕެންޝަނާ ބެހޭ ގޮތުން މަހްލޫފް އޭރު ދެއްކެވީ އެފްއޭއެމް ޒާތީވީ ވާހަތަކަކެވެ. ނަމަވެސް މަހްލޫފްގެ ރާގު މިހާރު އެކަމަށް ބަދަލުވެފައިވާ އިރު އޭނާ މިއަދު ވިދާޅުވީ އެކަން ހިނގީ ކުލަބުގެ ޒިންމާދާރުކަން ކުޑަ ކަމުން ކަމަށެވެ.

މީގެ އިތުރުން އެފްއޭއެމްގެ ލީޑާޝިޕް ބަދަލު ކުރުމަށް މަހްލޫފް ކުރިން މަސައްކަތް ކުރި ދުވަސްވަރު އެންމެ ގަދަޔަށް ދެކެވުނު އެއްވާހަކަ އަކީ އެފްއޭއެމްގެ އިމާރާތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމް ދީދީގެ އޮފީހެއް ހިންގެވި ކަމަށާއި އެފްއޭއެމްގެ ތެރެއިން ކަޅު ފައިސާގެ ދަބަސްތައް ނެރުނުކަމުގެ ވާހަކަތަކެކެވެ.

އެކަމަށް ރައްދު ދެއްވަމުން މަހްލޫފް މިއަދު ވިދާޅުވީ، "އެތާންގައި އެ އޮފީސް އިނޭ، އެ ހަގީގަތް މިއަދު ބަދަލެއް ނުވާނެ ނޫންތޯ، ނަމަވެސް އެ ހުރިހާ ވާހަކަ އެއް ދައްކައިގެން ވެސް ކުލަބުތަކަށް ކޮންވިސެއް ނުވިތާ އެފްއޭއެމް ބަދަލު ކުރަން ޖެހޭ ކަމަކަށް،" މިނިސްޓަރު ވިދާޅުވި އެވެ.

"ދެން މިއަދު އަޅުގަނޑުމެން ކިހިނެއްހޭ އެކަމާ ހެދިއޭ ކިޔާފައި އަޅުގަނޑަކަށް ނުދެވޭނެ އެފްއޭއެމްއާ ވާހަކަ ނުދައްކައެއް."

ބައްސާމް އެފްއޭއެމްގެ ރައީސް ކަމުގެ ދައުރު ހަމަވާނީ އަންނަ އަހަރުގެ ނޮވެމްބަރު 20ގަ އެވެ. އެއަަށްފަހު އޮންނަ އިންތިހާބާ ހަމައަށް ސަރުކާރުގެ އިތުބާރު ބައްސާމަށް ވެސް ހޯދޭނެ ކަމަށް މިނިސްޓަރު މަހްލޫފް ވިދާޅުވިއެވެ. އަދި އިންތިހާބާ ހަމައަށް އެފްއޭއެމާ އެކު މަސައްކަތް ކުރައްވާނެ ކަމަށާއި ވަކި ކޮޅަކަށް ޖެހިގެން ހުރެ މަސައްކަތް ކުރުމަކީ ރައްޔިތުން ބަލައިގަންނާނެ ކަމެއް ނޫންކަމަށެވެ.

"އެއަށް ވުރެ މި ގައުމު ބޮޑު. އަޅުގަނޑުގެ އީގޯއަށް ވުރެ ކިހިނެއް ގައުމު ކުޑަ ކޮށްލައިގެން ހުންނާނީ. އެހެނެއް ނުވާނެ ދެއްތޯ،" މިނިސްޓަރު ވިދާޅުވި އެވެ.