ތެހެރާން (ސެޕްޓެމްބަރ 30) : ދުނިޔޭގެ އެހެން ގައުމުތަކުގެ ޒައީމުން މެދުވެރިކޮށް ސައޫދީން އީރާނަށް ސުލްޙައިގެ ސިޓީތަކެއް ފޮނުވައިފިކަން އީރާނުން ކަށަވަރުކޮށްދީފިއެވެ.

އީރާން ސަރުކާރުގެ ތަރްޖަމާން އަލީ އައްރުބައިޢީ ވިދާޅުވީ އީރާނާ ހަނގުރާމަ ކުރަންބޭނުން ނުވާކަމާއި އީރާނާ ސުލްހަ ވާން ބޭނުންކަން ބަޔާންކޮށް ސައޫދީ އިސްވެރިން، ރައީސް ޑރ. ހަސަން ރޫހާނީ އަށް އެއްސިޓީއަށްވުރެ ގިނަ ސިޓީ ދާދިފަހުން ފޮނުއްވާފައިވާ ކަމުގައެވެ. އީރާނުގެ ލޭބާ ނޫސް އެޖެންސީއަށް ދެއްވި ބަސްދީގަތުމެއްގައި ރުބައިޢީ ވިދާޅުވީ އީރާނާ ޑިޕްލޮމެޓިކް ގުޅުންތައް ކަނޑާލައި އީރާނާ އަމިއްލައަށް ދުޝްމަންވެ އީރާނަށް ގޯނާކުރުމަށްޓަކައި އެމެރިކާއާ ގުޅިގެން އުޅެނީ ސައޫދީ ސަރުކާރުން ކަމަށާ އެ ސުލޫކު ބަދަލުކޮށް މައިތިރިވެ ރަނގަނޅު އަވަށްޓެރި އެއްގެގޮތުގައި އުޅެން ސައޫދީ ބޭނުންވާނަމަ އީރާނުން އެކަމަށް މަރްހަބާ ކިޔާނެކަމުގައެވެ.

ނަމަވެސް ސައޫދީ ވެރިން އީރާނުގެ ރައީސަށް ފޮނުވި ސުލްޙައިގެ ސިޓީތަކާއި އެސިޓީތައް ރައްދުކޮށްދިނުމުގައި މެދުވެރިއަކަށްވި ދުނިޔޭގެ ލީޑަރުންގެ ނަންތައް ރުބައިޢީ ހާމަކުރައްވާފައެއް ނުވެއެވެ. އީރާނުން މިހެން ބުނެފައިވާއިރު އީރާނާ ދެކޮޅަށް ސައޫދީ ގެންގުޅޭ ދުޝްމަންކަމުގެ އިސް މޭސްތިރި ކަމުގެ ގޮތުގައި ސިފަކުރެވޭ އެގައުމުގެ ވަލީއުލްއަހްދު މުހައްމަދު ބިން ސަލްމާން ވަނީ އީރާނާ ދެކޮޅަށް ހަނގުރާމަ ފަށައިފިނަމަ ދުނިޔޭގެ އިގްތިސާދު ހަލާކުވެގެން ހިނގައިދާނެ ކަމަށް ވިދާޅުވެ އީރާނާ ހަނގުރާމަކުރަން ބޭނުންނުވާކަން ބަޔާންކުރައްވައި ވާހަކަ ދައްކަވާފައެވެ.

އެމެރިކާގެ ސީބީއެސް ޓީވީ ނެޓްވާކުން ގެނަސްދޭ "60 މިނިޓް" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މުހައްމަދު ބިން ސަލްމާން ވަނީ އީރާނާ ދެކޮޅަށް އިތުރު ފިޔަވަޅުތައް އެޅުމަށް ދުނިޔެއަށް ގޮވާލައްވާފައެވެ. ނަމަވެސް އީރާނާ ހަނގުރާމަ ފަށައިފިނަމަ އީރާނުން ގަލްފުގެ ތެލުގެ ހުރުހާ މަރުކަޒުތަކެއް ހަލާކުކޮށްލާނެތީ އެކަމުގެ ސަބަބުން ދުނިޔެ ތެލަށްޖެހި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް ބޮޑުވެ ސައޫދީ އިގްތިސާދުގެ އިތުރުން ދުނިޔޭގެ އިގްތިސާދުވެސް އިނދަޖެހޭނެކަމަށް މުހައްމަދު ބިން ސަލްމާން ވިދާޅުވިއެވެ.

ސައޫދީ ތެލުގެ މައި ކުންފުނިކަމަށްވާ "އަރާމްކޯ" ގެ ތެލުގެ މަރުކަޒުތަކަށް ޔަމަންގެ ހޫޘީން ދާދިފަހުން ދިން ހަމަލާތަކާއެކު އެ މަރުކަޒުތަކުގެ ބޮޑުބައެއް ހަލާކުވެ ސައޫދީ ތެލުގެ އުފެއްދުން 50 އިންސައްތައަށް ދަށަށް ގޮސްފައިޥާއިރު އެކަމުގެ ޒިންމާ ސައޫދީ އާއި ސައޫދީ ބަރޯސާވާ އެމެރިކާ އަޅުވާފައިވަނީ އީރާންގެ ބޮލުގައެވެ.

އީޜާނުގެ ޚާރިޖީ ވަޒީރު މުހައްމަދު ޖަވާދު ޒަރީފް ވަނީ އެކަން ދޮގުކުރައްވައި އީރާނުން ސައޫދީއަށް އެހަމަލާ ދިންނަމަ ސައޫދީ ތެލުގެ މަރުކަޒުތަކުގެ ވަސްވެސް ނުހުންނާނެކަން ސައޫދީ ވެރިން ދަންނަންޖެހޭނެ ކަމަށް ވިދާޅުވެ ސައޫދީ އަށް ރައްދު ދެއްވާފައެވެ.

ސައޫދީ "އަރާމްކޯ" ގެ ތެލުގެ މަރުކަޒުތަކަށް ދިން ހަމަލާތަކުގެ ރައްދު އީރާނަށް ދިންނަމަ ސައޫދީން ބޯފެނަށް ބަރޯސާވާ ޑެސިލިނޭޝަން ޕްލާންޓްތައް، އީރާނުން ހަލާކުކޮށްލާނެކަމުގެ ބިރު ސައޫދީ ވެރިން އިހްސާސްކުރާކަމަށް ރިޕޯޓްތައް ބުނެއެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާންޚާން ވަނީ އެމެރިކާއާއި ސައޫދީ ވެރިންގެ އެދުމުގެ މަތިން އީރާނަށް ސުލްހައިގެ މެސެޖެއް ދިނުމަށްޓަކައި ރައީސް ހަސަން ރޫހާނީ އާ ނިއުޔޯކްގައި ބައްދަލުކުރެއްވި ކަމަށް ވިދާޅުވެފައެވެ. އަދި މިދިޔަ ހަފްތާގެ ފަހުކޮޅު ސައޫދީ އަށް ކުރެއްވި ކުއްލި ޒިޔާރަތަކަށްފަހު އިރާގުގެ ބޮޑުވަޒީރު މިއަދު ވަނީ ސައޫދީން އީރާނާ ސުލްހަ ވާންބޭނުންކަމަށް ވިދާޅުވެ އަލްޖަޒީރާއަށް ބަޔާނެއް ދެއްވާފައެވެ.

އިރާގަކީ އީރާނާ ވަރަށް ގާތް ގުޅުންތަކެއް މިހާރު އޮންނަ ގައުމެކެވެ. އީރާނާ ކުރިމަތިލުމަށްޓަކައި ސައޫދީ ފަރުދާގެ އަނެއްފަރާތުން އިސްރާއީލާވެސް ސިއްރު ގުޅުންތަކެއް ގާއިމްކޮށްފައި ކަމަށް ރިޕޯޓްތައް ބުނެއެވެ. (ނޫސްއެޖެންސީތައް)