މިއަދު ހަވީރު މާލޭ ޓީޖެޓީ ސަރަހައްދުގައި އޮތް ތެޔޮ ބައުޒަރަކާއި އެ ސަރަހައްދު ފަޅުގައި އޮތް ލޯންޗެއްގައި ރޯވެ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ފިހުނު މީހުންގެ ހާލު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައްލަވާލައްވައިފިއެވެ.

ރައީސް ވަނީ ހާދިސާ ހިނގި ސަރަހައްދަށް ވަޑައިގެން، އަލިފާން ނިއްވުމުގައި މަސައްކަތް ކުރި ފަރާތްތަކާ ވެސް ބައްދަލުކުރައްވައިފައެވެ.

އަދި އެއަށްފަހު، އައިޖީއެމްއެޗަށް ވަޑައިގެން، ހާދިސާގައި އަނިޔާވެގެން ހޮސްޕިޓަލަށް ގެންދިޔަ ފަރާތްތަކުގެ ހާލު ބައްލަވާލެއްވިއެވެ.

މިއަދުގެ ހާދިސާގައި ހަތް މީހަކު ފިހިގެން، ހޮސްޕިޓަލުގައި އެޑްމިޓްކޮށް އަންނަނީ ފަރުވާދެމުންނެވެ. އެކަކަށް އައިސީޔޫގައި ފަރުވާދެމުން އަންނަ ނަމަވެސް، އެއްވެސް މީހެއްގެ ހާލު ސީރިއަސް ނޫންކަމަށް އައިޖީއެމްއެޗުން ބުންޏެވެ.

ފިހުނު މީހުންގެ އިތުރުން، ދުމުގެ އަސަރުކޮށްގެން ގެންދިޔަ މީހަކަށާއި، ކަނާތުގެ އިނގިލިތަކުގައި ރެނދުލައިގެން ގެންދިޔަ މީހަކަށް ވެސް އެ ހޮސްޕިޓަލުން މިއަދު ފަރުވާ ދިނެވެ. އެ ދެމީހުން މިހާރު ވަނީ ފަރުވާއަށް ފަހު ދޫކޮށްލައިފައެވެ. ނުވަ މީހަކަށް އައިޖީއެމްއެޗްގައި ވަނީ ފަރުވާ ދީފައެވެ.

އެ ހާދިސާގައި އަލިފާން ރޯވެފައި ވަނީ އއ. އަތޮޅާއި މާލެއާ ދޭތެރޭ ދަތުރުކުރާ "ނެވި 3" ކިޔާ އުކުޅަހު ލޯންޗެއްގައެވެ. ފިހިގެން އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނަ މީހުންގެ ތެރޭގައި ލޯންޗުގެ ކެޕްޓަނާއި ތިން ފަޅުވެރިން ހިމެނެއެވެ.

އޭގެ ތެރޭގައި ހިމެނެނީ އުކުޅަހު ތިން މީހުންނާއި މަތިވެރިއަށް ނިސްބަތްވާ މީހެކެވެ.

ރޯވި އަލިފާން ކޮންޓްރޯލް ކުރެވިފައި ވަނީ ރޯވިތާ ގާތްގަނޑަކަށް ދޮޅު ގަޑިއެއްހާ އިރު ފަހުންނެވެ. މި ހާދިސާގައި ލޯންޗު މުޅިން އަނދައި، ފަޅުތެރެއަށް އަޑިއަށް ގޮސްފައި ވާއިރު، ތިން ބައުޒަރެއްވެސް ވަނީ އަނދާ ހުލިވެފައެވެ.

އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަދި ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވެސް ވަނީ ވަޑައިގެންފައެވެ.

ރައީސް ސޯލިހު ވިދާޅުވީ މިފަދަ އަލިފާނުގެ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި ކުރެވެންހުރި ހުރިހާ ކަމެއް ސަރުކާރުން ކުރާނެ ކަމަށެވެ.

އަދި ޓީޖެޓީ ސަރަހައްދުގައި ރޯވި އަލިފާން ކޮންޓްރޯލް ކުރުމަށް ސިފައިންނާއި އެހެނިހެން ފަރާތްތަކުން ކުރި މަސައްކަތް ފާހަގަކޮށް އެ ހުރިހާ ފަރާތްތަކަށް ރައީސް ވަނީ ޝުކުރު އަދާކުރައްވާފައެވެ.