ޑަބްލިއު ކޮންސްޓްރަކްޝަންއިން ހަދަމުންދިޔަ އިމާރާތެއް ކަމަށްވާ މ. ނަލަހިޔާމަންޒިލްގެ މަތިން ބަސްތާއެއް ވެއްޓި ބަންގްލަދޭޝްގެ ކުޑަކުއްޖެއް ކަމަށްވާ ރައުޝަން ޖިއާން މަރުވި މައްސަލައިގެ ޝަރީއަތުގެ މަރުހަލާ ނިމި ހުކުމް ކުރުމާ ހިސާބަށް ގޮސްފި އެވެ.

ޖިއާންގެ މަރުގެ މައްސަލައިގައި ދައުވާ ކުރަނީ އޭނާ މަރުވި ހާދިސާ ހިނގި ދުވަހު ކޮންސްޓްރަކްޝަން ސައިޓުގައި މަސައްކަތްކުރަމުން ދިޔަ އިންޑިއާއަށް ނިސްބަތްވާ ހަތަރު ބިދޭސީން ކަމަށްވާ ރައްޖާވް އަލީ، މުތަމަނި ރަމަޗަންދުރަން، ކެޝަހިލަލް ޗައުހާން، ގުލާމް މުހައްމަދު އަދި ޑަބްލިއު ކޮންސްޓްރަކްޝަންގެ އެމްޑީ އާދަމް ޝަފީގަށާއި، އެ ކުންފުނީގެ ސީނިއާ ސައިޓު ސުޕަވައިޒަރު މޫސާ ހަސަންގެ މައްޗަށެވެ. މި ހަ މީހުންގެވެސް ވަކީލަކީ ކުރީގެ ޑެޕިއުޓީ ޕީޖީ ހުސެއިން ޝަމީމެވެ.

ފާހަގަ ކުރެވުނު ބައެއް ކަންކަން

މިއަދު މެންދުރުފަހު ފަށައިގެން ހަތަރު ގަޑިއިރަށް ކުރިއަށްދިޔަ މި މައްސަލައިގެ ފަހު ޝަރީއަތުގެ އަޑުއެހުމުގައި އޮތީ މައްސަލައާ ބެހޭގޮތުން ހުލާސާކޮށް ވާހަކަދެއްކުމެވެ. ދައުލަތުން ވަކި ވަކިން ކޮންމެ މީހެއްގެ މައްސަލައިގެ ހުލާސާ ބަޔާން އިއްވުމުން، ދިފާއުން ވަކީލު ޝަމީމް ވަނީ ކޮންމެ މީހެއްގެ މައްޗަށް ކުރެވޭ ދައުވާތަކުގެ ދިފާއު ހުލާސާކޮށް ކިޔައިދެއްވައިފައެވެ.

ޖިއާން މަރުވި މައްސަލައިގައި ޕްލޭނިން މިނިސްޓްރީގެ އިންޖިނިއަރުންނާއި އާކިޓެކްޓުން ވަނީ ނަލަހިޔާމަންޒިލްއާ ގުޅޭ ރިޕޯޓެއް ހަދައިފައެވެ. ދައުލަތުން ދައުވާ ކުރި ހުރިހާ އެންމެނާ ދެކޮޅަށް ހެކީގެ ގޮތުގައި ހުށަހެޅި އެ ރިޕޯޓުގައި ބުނެފައި ވަނީ ނަލަހިޔާމަންޒިލުގައި ސަލާމަތީ ފިޔަވަޅުތައް އަޅާފައި ހުރީ އެކަށީގެންވާ މިންވަރަށް ނޫން ކަމަށެވެ. އެ ރިޕޯޓާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ޝަމީމް ވަނީ ދައުލަތުގެ އިދާރާތަކުން ތައްޔާރު ކުރާ ލިޔެކިޔުންތައް ހުންނަން ޖެހޭނީ ދިވެހި ބަހުން ކަމަށް ގާނޫނުގައި ބަޔާންކޮށްފައި އޮންނަކަން ފާހަގަކުރައްވައިފައެވެ. އަދި ޕްލޭނިން މިނިސްޓްރީގެ އޮފިޝަލުން ހެދި ރިޕޯޓު އޮތީ އިނގިރޭސީ ބަހުންކަން ފާހަގަކުރެއްވިއެވެ. އެހެންކަމުން، އެ ރިޕޯޓު އެކުލަވާލާފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ވިދާޅުވެ، އޭގެ މައްޗަށް ބުރަވެ ޝަރީއަތުން ގޮތެއް ނުނިންމޭނެ ކަމަށް ޝަމީމް ވިދާޅުވިއެވެ.

އޭގެ އިތުރުން، ދައުވާ ކުރާ ހުރިހާ އެންމެންވެސް ފުލުހުންނަށް ދީފައިވާ ބަޔާންތަކަށް، އެ އެންމެން ޝަރީއަތުގައި އިންކާރުކޮށްފައި ވުމުން އެ ބަޔާންތައް ބޭނުން ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެކަން ހުރިހާ އެންމެންގެ ދިފާއުގައިވެސް އޭނާ ފާހަގަކުރެއްވިއެވެ.

ޖިއާންގެ މައްސަލައިގެ ތަހުގީގުގައި، ބަސްތާ ވެއްޓި ޖިއާންގެ ގައިގައި ޖެހުމުން އޭނާ މަރުވާނެކަން ގަބޫލު ކުރެވޭނެކަން ދައްކަން ފުލުހުން ވަނީ ހާދިސާ ހިނގި ކަމަށް ބުނާ ގޮތް ނަކަލުކޮށް އެކްސްޕެރިމެންޓުތަކެއް ހަދައިފައެވެ. އަދި އެކްސްޕެރިމެންޓުތަކުގައި، ބަސްތާ ވެއްޓުނު އުސްމިނުން ޖިއާންގެ ގައިގައި އައިސް ޖެހޭ އިރު ޖެނެރޭޓުވާނެ އިމްޕެކްޓް ފޯސްގެ އެވަރެޖެއް ހަދައިފައެވެ. އެ އެކްސްޕެރިމެންޓުތައް ހަދާފައި ވަނީ އެކި ބަރުމިނުގެ ބަސްތާ އެކި އުސްމިނުގައި، ހުޅުމާލޭގައި ހުންނަ ފުލުހުންގެ އިމާރާތަކުން ވައްޓައިގެންނެވެ. އެކަމުގެ ރިޕޯޓު ދައުލަތުން ވަނީ ހެއްކެއްގެ ގޮތުގައި ހުށަހަޅައިފައެވެ. ޝަމީމް އެ ރިޕޯޓާ ގުޅިގެން ފާހަގަކުރެއްވީ، އެކްސްޕެރިމެންޓު ހެދި އިރު ފުލުހުން ބަސްތާ ވައްޓާލާފައި ވަނީ ހޮޅިއަކުން ކޮއްޕައިގެން ކަމެވެ. އަދި އަސްލު ހާދިސާ ހިނގި އިރު ބަސްތާ ވެއްޓުނީ ވާގަނޑެއް ކަނޑައިގެން ކަމެވެ. އެ ދެ ހާލަތުގައި އިމްޕެކްޓް ފޯސް ތަވާތުވާނެ ކަމަށް ރިޕޯޓު ހެދި ފުލުހުންގެ އޮފިޝަލު ޝަރީއަތުގެ މަޖިލީހުގައި އެއްބަސްވެފައިވާ ކަމަށް ޝަމީމް ވިދާޅުވިއެވެ.

ދައުލަތުން އެ މައްސަލައިގައި ދައުވާ ކުރި ހުރިހާ އެންމެނާ ދެކޮޅަށް ހުލާސާ ބަޔާން އިއްވަމުންވެސް، ވަނީ ކޮންސްޓްރަކްޝަން ސައިޓު ކޯޑަންކޮށްފައި ނެތް ކަމާއި، އެއްވެސް މީހަކު ހެލްމެޓު އަޅާފައި ނެތް ކަމާއި، އެއްވެސް މީހަކު ކޮންސްޓްރަކްޝަން މަސައްކަތެއް ކުރާކަން ދޭހަވާ ގޮތަކަށް ފޭރާން ލާފައި ނެތްކަން ފާހަގަކޮށްފައެވެ. އެކަމާ ގުޅިގެން ޝަމީމް ވިދާޅުވީ، ކޮންސްޓްރަކްޝަން މަސައްކަތެއް ކުރިއަށްދާ ތަނެއްގައި ވަކި ގޮތަކަށް ފޭރާން ލާން ޖެހޭ ކަމެއް ހެލްމެޓު އަޅަން ޖެހޭ ކަމެއް އެއްވެސް ގާނޫނެއްގައި ނުވަތަ ގަވާއިދެއްގައި އޮތް ކަމެއް ދައުލަތަކަށްވެސް އަދި ޝަރީއަތުގެ މަޖިލީހުގައި ހެކިބަސް ދިން ޕްލޭނިން މިނިސްޓްރީގެ ހަބީރުންނަކަށްވެސް ބުނެނުދެވޭ ކަމަށެވެ.

ދައުވާތައް ކޮށްފައިވާ ގޮތާ މެދު ދިފާއުގެ ފާޑުކިޔުން

ދައުލަތުން ރައްޖާވްގެ އަލީގެ މައްޗަށް ކުރަނީ މީހަކު މަރުވެ ދިއުމުގެ ފަރުވާ ކުޑަ އަމަލެއް ކުރުމުގެ ދައުވާއެވެ. އޭނާ އަކީ ރައުޝަންގެ ގަޔަށް ވެއްޓުނު ބަސްތާ އުފުލަން ބޭނުންކުރި ސަވާޖީ އޮޕަރޭޓުކުރަން އިން މީހާއެވެ. އޭނާ ސަވާޖީ އޮޕަރޭޓު ކުރަން ފެށީ، ސަވާޖީ އޮޕަރޭޓު ކުރުމުގެ މަސައްކަތާ ހަވާލުވެގެން ހުރި މީހާ މަސައްކަތުން ބްރޭކަށް ދިޔަ ވަގުތުގައެވެ. ބަސްތާ ވެއްޓުނީ ރައްޖާވުގެ އަތުން ވިންޗުގެ ވާގަނޑު ދޫވުމުގެ ސަބަބުން ކަމަށް ދައުލަތުން ބުނެއެވެ. ދައުލަތުން އެ މައްސަލައިގައި ހުލާސާ ބަޔާން އިއްވަމުން ބުނީ ރައްޖާވް ކުރި ފަރުވާ ކުޑަ އަމަލަކީ، އޭނާ ސަވާޖީ އޮޕަރޭޓު ކުރަން ނުޖެހޭ އިރު، އޭނާ އަމިއްލައަށް އިސްނަގައިގެން އެކަން ކުރުމުން ނުރައްކަލެއް ކުރިމަތިވެދާނެކަން އެކަށީގެންވާ ސަބަބުތަކުން ގަބޫލު ކުރެވޭ އިރު، އެކަމަށް އެއްވެސް ފަރުވާލެއް ނުބަހައްޓައި ސަވާޖީ އޮޕަރޭޓު ކުރުން ކަމަށެވެ.

ދިފާއީ ވަކީލު ޝަމީމް ވިދާޅުވީ، ރައްޖާވްގެ މައްޗަށް ދައުވާ ސާބިތުވާނީ، އޭނާ އަމަލެއް ކުރި ކަމާއި، އެ އަމަލުގެ ނަތީޖާއެއް އޮތް ކަމާއި، އޭނާ ކުރި އަމަލާއި ނަތީޖާއާ ގުޅުމެއް އޮތްކަން ދައުލަތަށް ސާބިތު ކުރެވިގެން ކަމަށެވެ. އެކަމަކު، ރައްޖާވް ކުރި އަަމަލެއް ދައުލަތަށް ސާބިތުކޮށްނުދެވޭ ކަމަށް ޝަމީމް ވިދާޅުވެފައިވެއެވެ. ފުލުހުންނަށް ބަޔާން ދެމުން ހާދިސާ ހިނގި ގޮތް ރައްޖާވް ކިޔައިދީފައިވާ ކަމަށް ދައުލަތުން ބުނާ ނަމަވެސް، އެ ބަޔާން ދިވެހިން ލިޔެފައި އޮތުމުން، އެ ބަޔާނުގައިވާ އެއްޗެއް އޮތީ އޭނާ ކިޔައިދިން ގޮތަށް ކަމެއް އޭނާއަށް ނޭނގޭތީ، އެ ބަޔާނަށް ރައްޖާވް ޝަރީއަތުގައި އިންކާރުކޮށްފައިވާކަން ޝަމީމް ފާހަގަ ކުރެއްވިއެވެ. އަދި އެ މައްސަލައިގައި ދެން ތިބި ބިދޭސީންވެސް ބަޔާނަށް އިންކާރުކޮށްފައިވާކަން ފާހަގަކުރެއްވިއެވެ. ރައްޖާވް އެ ބަޔާނަށް އިންކާރުކޮށްފައި ވުމުން، ރައްޖާވް ކުށަށް އިއުތިރާފުވެފައިވާ ކަމަށް ދައުލަތުން ބުނި ނަމަވެސް، އެގޮތަށް ނުބެލެވޭނެ ކަމަށް ޝަމީމް ވިދާޅުވިއެވެ. އޭގެ އިތުރުން، ރައްޖާވްއާ ދެކޮޅަށް ދައުލަތުގެ ހުށަހެޅި އެއްވެސް ހެއްކަކުން އޭނާ ކުރި ކަމަށް ބުނާ ކުށުގެ އަމަލެއް ސާބިތު ނުވާ ކަމަށް ޝަމީމް ވިދާޅުވިއެވެ.

ބަހުސްގެ ބޭނުމަށް، ރައްޖާވް ކުށުގެ އަމަލު ކުރި ކަމަށް ބުނި ނަމަވެސް، އޭނާއަށް ކުރަން ޖެހޭނީ އިހުމާލުގެ ދައުވާ ކަމަށާއި، އޭނާގެ މައްޗަށް ފަރުވާކުޑަ އަމަލެއް ކުރުމުގެ ދައުވާ ނުކުރެވޭނެ ކަމަށް ޝަމީމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ނަލަހިޔާ މަންޒިލުގެ ތިރީގައި ޕޭމަންޓު މަތީގައި ބޯޑު ބަހައްޓާފައި ހުރުމުން ރައްޖާވްއަށް އެކަށީގެންވާ ސަލާމަތީ ފިޔަވަޅު އެޅިފައި ހުރި ކަމަށް ގަބޫލު ކުރެވޭނެ ކަމަށެވެ. އެހެންވެ، އެފަދަ ހާލެއްގައި އެކަން ވާނީ އިހުމާލުގެ އަމަލަކަށް ކަމަށް ވިދާޅުވިއެވެ.

މުތަމަނި ރަމަޖަންދުރަންގެ މައްޗަށް ކުރަނީ މީހަކު މަރުވެދިޔުމުގައި ފަރުވާކުޑަ އަމަލެއް ކުރުމުގައި ބައިވެރިވުމުގެ ދައުވާއެވެ. އޭނާ އަކީ ބަސްތާ، ނަލަހިޔާމަންޒިލުގެ ނުވަަ ވަނަ ފްލޯއަށް އެރުވި އިރު ތިރީގައި ހުރެގެން ބަސްތާ އަރުވަން ރައްޖާވް އަލީއަށް އެންގި މީހާއެވެ. ދައުލަތުން ބުނި ގޮތުގައި އޭނާ ކުރި ކުށުގެ އަމަލަކީ ރައްޖާވް އަލީގެ ފަރުވާކުޑަ އަމަލުގައި ބައިވެރިވުމެވެ. އަދި ރަމަޗަންދުރަންގެ އެހީއާ ނުލައި ރައްޖާވްއަށް ކުށުގެ އަމަލު ނުކުރެވޭނެ ކަމަށް ދައުލަތުން ބުންޏެވެ.

ޝަމީމް ވިދާޅުވީ، ރަމަޗަންދުރަންގެ މައްސަލައިގައިވެސް ދައުލަތަށް ކުށުގެ އަމަލެއް ސާބިތުކޮށްދެވިފައި ނުވާ ކަމަށެވެ. ރައްޖާވް އަލީ އަތުން ވިންޗުގެ ވާގަނޑު ދޫވާން ރަމަޗަންދުރަން ކުރީ ކީއްތޯ އޭނާ ސުވާލު ކުރެއްވިއެވެ. އޭނާ އަމަލެއް ކުރި ނަމަވެސް، ހާދިސާގައި ހިނގި ނަތީޖާއާ އޭނާގެ އަމަލާ ގުޅުމެއް ނެތް ކަމަށް ޝަމީމް ވިދާޅުވިއެވެ. އޭނާވެސް ފުލުހުންނަށް ދިން ބަޔާނަށް އިންކާރުކޮށްފައިވާކަން ޝަމީމް ފާހަގަކުރެއްވި އެވެ. އަދި އޭނާގެ މައްޗަށް ކުރި ދައުވާ ކުރަން ޖެހޭނީވެސް ގާނޫނުލް އުގޫބާތުގެ 30 ވަނަ ބާބުގެ ދަށުންވާ މާއްދާތަކުން ނޫން ކަމަށާއި 80 ވަނަ ބާބުގެ ދަށުން ކަމަށް ވިދާޅުވެ، ދައުވާކޮށްފައިވާ ގޮތަށް ފާޑުވިދާޅުވިއެވެ.

ކެޝަހިލަލް ޗައުހާންއާއި ގުލާމް މުހައްމަދުގެ މައްޗަށް ކުރީ ކުރިމަތިވެދާނެކަން އެނގޭ ނުރައްކަލެއްގެ އިންޒާރު، އެކަށީގެންވާ ސަބަބެއް ނެތި ނުރައްކަލެއްގައިވާ މީހާއަށް ނުދިނުމުގެ ދައުވާއެވެ. އެ ދެމީހުންގެ މައްޗަށް އެ ދައުވާ ކުރީ، ނަލަހިޔާމަންޒިލުގެ ތިރީގައި ހުރެފައި، އެތަނަށް އެއްޗެހި އަރުވާކަން އެނގި ހުރެ، އެތަނުންލާފައި ނުދިއުމަށް ޖިއާންއަށް އިންޒާރުދީފައި ނުވުމުންނެވެ. ދައުލަތުން ބުނެފައި ވަނީ އެ ދެ މީހުންވެސް ޖިއާންއަށް އިންޒާރު ނުދޭކަމަށް ޝަރީއަތުގެ މަޖިލީހުގައި އެކަކު އަނެކަކާ ދެކޮޅަށް ހެކިބަސް ދެމުން ބުނެފައިވާ ކަމަށެވެ. އަދި ނުރައްކާ ބޯޑު ބަހައްޓާފައި ވަނީ މަގުގެ ހުޅަނގު ފަަރާތުގައި، ޕޭމަންޓާ ދުރުން އެއްކައިރިއެއްގައި ކަމަށް ޕްލޭނިން މިނިސްޓްރީގެ ރިޕޯޓުން އެނގޭ ކަމަށް ދައުލަތުން ބުންޏެވެ.

ޝަމީމް ވިދާޅުވީ، އެ ދެ މީހުންނަށްވެސް އެކަށީގެންވާ އިންޒާރު ދެވުނު ކަމަށް ގަބޫލު ކުރެވުނީ އެތަނުގައި ނުރައްކާ ބޯޑު ބަހައްޓާފައި ހުރުމުން ކަމަށެވެ. އަދި ޝަރީއަތުގެ މަޖިލީހުގައި ފުލުހުންގެ އޮފިޝަލަކު ދިން ހެކިބަހުންވެސް މަގުގެ ޕޭމަންޓުގެ މެދުގައި ނުރައްކާ ބޯޑު ބަހައްޓާފައި ހުރިކަން ސާބިތުވާ ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ދައުވާ ކުރާ މާއްދާގެ ބޭނުމަކީ މީހެއްގެ ބޮލުގައި ބޮޑު ޒިންމާއެއް އެޅުވުން ނޫންކަން ގާނޫނުލް އުގޫބާތާ މެދު ޕޯލް ރޮބިންސަން ލިޔުއްވާފައިވާ ކޮމެންޓްރީއިންވެސް އެނގޭ ކަމަށެވެ. އަދި ބޯޑު ބެހެއްޓުމުން އެކަނި އެކަށީގެންވާ ފިޔަވަޅު އެޅުނީ ކަމަށް ގަބޫލު ކުރެވޭނެ ކަަމަށް ވިދާޅުވިއެވެ.

ޑަބްލިއު ކޮންސްޓްރަކްޝަންގެ ސީނިއާ ސައިޓް ސްޕެޝަލިސްޓް މޫސާ ހަސަންގެ މައްޗަށް ކުރީ މީހަކު މަރުދިޔުމުގައި ފަރުވާކުޑަ އަމަލެއް ކުރުމުގެ ދައުވާއެވެ. ދައުލަތުން އެ ދައުވާ ކުރަނީ ކޮންސްޓްރަކްޝަން ސައިޓުގައި އެކަށީގެންވާ ފިޔަވަޅު އަޅާފައި ނުވާ ކަމަށް ބުނެއެވެ. މާލޭ ޕްލޭނިން ގަވައިދުގައިވާ ގޮތަށް، އެއްޗެހި މައްޗަށް އަރުވާ އިރު ޖަހަން ޖެހޭ ކަތިބިތްގަނޑު ނަލަހިޔާމަންޒިލުގައި ޖަފާފައި ހުރީ ގަވައިދާ ހިލާފަށް ކަމަށް ދައުލަތުން ބުނެއެވެ. މޫސާ ހަސަން އިހުމާލުވީ އެކަމުގައި ކަމަށް ދައުލަތުން ބުންޏެވެ. ޕްލޭނިން މިނިސްޓްރީގެ ރިޕޯޓާ ހަވާލާދީ ދައުލަތުން ބުނަނީ އެ ކަތިބިތްގަނޑުގައި ކަފައިގެން ބޮޑު ލޯވަޅެއް ހަދާފައި ނެތް ނަމަ ބަސްތާ ވެއްޓޭނީ ކަތިބިއްގަނޑު މައްޗަށް ނުވަތަ ކޮންސްޓްރަންޝަ ސައިޓުގެ ތެރެއަށް ކަމަށާއި މަގުމައްޗަށް ނޫން ކަމަށެވެ. ޕްލޭނިން މިނިސްޓްރީގެ ރިޕޯޓު އިނގިރޭސި ބަހުން އޮތުމުން އެ ރިޕޯޓުގެ މައްޗަށް ޝަރީއަތުން ބުރަ ނުވެވޭނެ ކަމަށް ޝަމީމް ވިދާޅުވި ނަމަވެސް، ދައުލަތުން ފާހަގަކުރީ މަތީ މަރުހަލާ ކޯޓުތަކުގައިވެސް އިނގިރޭސި ބަހުންނާއި އަރަބި ބަހުން ލިޔެފައި ހުންނަ ލިޔެކިޔުންތައް ޝަރީއަތުން ބަލައިގެންފައިވާ ކަމެވެ.

ޝަމީމް ފާހަގަ ކުރެއްވީ، ކުރިންވެސް އޭނާ ފާހަގަ ކުރެއްވި ނުކުތާއެވެ. ޕްލޭނިން މިނިސްޓްރީގެ ރިޕޯޓަކީ ރާއްޖޭގައި ހަދާފައިވާ ގާނޫނަކާ ހިލާފަށް ހަދާފައިވާ ގާނޫނެއް ކަމަށް ވިދާޅުވެ، އެކަން އޭނާ ތަކުރާރު ކުރެއްވިއެވެ. އަދި ކަތިބިތްގަނޑު ޖެހުމުގެ ޒިންމާ އަކީ މޫސާ ހަސަންގެ ޒިންމާއެއް ކަމަށް ދައުލަތަށް ސާބިތުކޮށްދެވިފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ. ޝަމީމް ވިދާޅުވި ގޮތުގައި އެކަން ސާފުކުރަން ފުލުހުން ޑަބްލިއުއަށް ފޮނުވި ސިޓީގައި އަހާފައި ވަނީ ނަލަހިޔާމަންޒިލުގެ "ކޮންކްރީޓާއި ފިނިޝިން" މަސައްކަތާ ހަވާލުވެގެން ހުރީ ކާކުތޯއެވެ. ކޮންކްރީޓާއި ފިނިޝިން މަސައްކަތާ ހަވާލުވެގެން ހުރީ މޫސާ ހަސަނު ކަމަށް ވިޔަސް ކަތިބިތްގަނޑު ޖެހުމާ ހަވާލުވެގެން ހުރީ އޭނާ ކަމެއް އެ ސިޓީއިން ނޭނގޭކަން ޝަމީމް ފާހަގަކުރެއްވިއެވެ. އަދި ދައުލަތުން ހުށަހަޅާފައިވާ އެއްވެސް ހެއްކަކުން، މޫސާ ހަސަންއަކީ ކަތިބިތްގަނޑު ޖެހުމުގެ ޒިންމާއާ ހަވާލުވެގެން ހުރި މީހާ ކަމެއް ސާފެއް ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ. ޝަމީމް ވިދާޅުވި ގޮތުގައި އެ މައްސަލައިގައި ހަސަން މޫސާގެ މައްޗަށް ދައުވާކޮށްފައި ވަނީ ކަތިބިތްގަނޑު ޖެހުމާ ހަވާލުވެގެން ހުރީ މޫސާ ހަސަން ކަމަށް ދައުލަތުން "އެސިއުމް"ކޮށްގެން ކަމަށެވެ.

ޑަބްލިއު ކޮންސްޓްރަކްޝަންގެ މެނޭޖިންގ ޑިރެކްޓަރު ކަމަށް ބުނާ އާދަމް ޝަފީގުގެ މައްޗަށްވެސް ކުރީ މީހަކު މަރުވުމުގައި އިހުމާލުގެ އަމަލެއް ކުރުމުގެ ދައުވާ އެވެ. އޭނާގެ މައްޗަށްވެސް އެ ދައުވާ ކުރަނީ ކަތިބިއްގަނޑު ގާނޫނާ އެއްގޮތަށް ޖެހުމުގައި އިހުމާލުވެފައިވާ ކަމަށް ބުނެއެވެ. ގާނޫނުލް އުގޫބާތާ މެދު ޕޯލް ރޮބިންސަން ލިޔުއްވާފައިވާ ކޮމެންޓްރީއާ ހަވާލާދީ ދައުލަތުން ބުނެފައި ވަނީ ކަމަކަށް މީހަކު އިހުމާލުވެފައިވާ ކަމަށް ބުނެވޭނީ އެ މީހެއްގެ ޒިންމާއަކުން އެ މީހަކު "ގްރޮސްލީ ޑީވިއޭޓް" ވުމުން ކަމަށެވެ. ދައުލަތުން ބުނީ އާދަމް ޝަފީގުގެ ޒިންމާއެއްވާ އިރު އޭނާ އެ ޒިންމާއިން "ގްރޮސްލީ ޑީވިއޭޓެޑް"ވެފައިވާ ކަމަށެވެ. އަދި އާދަމް ޝަފީގަކީ ޑަބްލިއުގެ އެމްޑީ ކަމަށް ލިޔެކިޔުންތަކުންވެސް އެނގޭ ކަމަށާއި، ޝަރީއަތުގެ މަޖިލީހުގައި އޭނާ އެކަން ދޮގުކޮށްފައި ނުވާ ކަމަށެވެ. އަދި އޭނާ އަކީ ޑަބްލިއުގެ އެމްޑީ ނޫން ނަމަ ދައުވާއަށް ޖަވާބުދާރީވީ ކޮން ގޮތަކުންތޯ ސުވާލު އުފެއްދޭނެ ކަމަށް ދައުލަތުން ބުންޏެވެ.

ރައްދުގައި ޝަމީމް ވިދާޅުވެފައި ވަނީ، އާދަމް ޝަފީގަކީ ޑަބްލިއުގެ އެމްޑީ ކަމެއް ދައުލަތަށް ސާބިތުކުރެވިފައި ނުވާ ކަމަށެވެ. އެގޮތުން، އެކަން ސާބިތު ކުރުމަށް ރަސްމީ ލިޔުމެއް ހޯދައި ޝަރީއަތަށް ހުށަހެޅުމުގައި އިހުމާލުވެފައިވާ ކަމަށް ޝަމީމް ވިދާޅުވިއެވެ. އަދި އޭނާ އަކީ އެމްޑީކަން އޭނާ ދޮގު ނުކުރާކަމަށް ދައުލަތުން ބުނަން ޖެހެނީ ސާބިތު ކުރެވޭނެ ލިޔުމެއް ނެތުމުން ކަމަށް ވިދާޅުވިއެވެ. ދައުވާ ސާބިތު ކުރުމުގެ ކަންކަމަކީ ދައުލަތުން ކުރަން ޖެހޭ ކަމެއް ކަމަށާއި ދިފާއުން ކުރަން ޖެހޭ ކަމެއް ނޫންކަން އޭނާ ފާހަގަކުރެއްވިއެވެ. އެހެންވެ، އޭނާ އާދަމް ޝަފީގު އަމިއްލައަށް އޭނާ އަކީ އެމްޑީ ނޫން ކަމަށް ބުނަން ޖެހޭ ސަބަބެއް ނެތް ކަމަށް ވިދާޅުވިއެވެ. ދައުވާއަށް ޖަވާބުދާރީވީ ކޮން ގޮތަކުންތޯ ދައުލަތުން ބުނި ބުނުމަށް ޝަމީމް ވިދާޅުވީ، ޝަފީގަކީ އެމްޑީއަށް ވިޔަސް ނުވިޔަސް، ކްރިމިނަލް ކޯޓުން ޗިޓު ފޮނުވުމުން ކޮންމެ މީހަކުވެސް އަމަލު ކުރާނެ ގޮތަށް އޭނާވެސް ކޯޓަށް އައިސް ޖަވާބުދާރީވާނެ ކަމަށެވެ. އެހެންކަމުން، ޝަފީގަކީ އެމްޑީކަން ސާބިތުކޮށް ނުދެވޭތީ، ކަތިބިއްގަނޑު ޖެހުމުގައި ޝަފީގުގެ ޒިންމާއެއް އޮތްކަން ދައުލަތަށް ސާބިތުކޮށްނުދެވޭ ކަމަށް ޝަމީމް ވިދާޅުވިއެވެ.

ހުލާސާ ބަޔާންދީ ނިމުމުން، މިއަދުގެ އަޑުއެހުން ނިންމަވާލައްވަމުން މައްސަލަ ބައްލަވާ ގާޒީ އަލީ ރަޝީދު ހުސެއިން ވިދާޅުވީ، އަންނަ މަހުގެ 14 ވަނަ ދުވަހު މައްސަލައިގެ ހުކުމް އިއްވާނެ ކަމަށެވެ.

ޖިއާން މަރުވި ހާދިސާ ހިނގާފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު 16 ވަނަ ދުވަހު އެވެ. އެ މައްސަލައިގައި ދައުވާކޮށް، ޝަރީއަތް ހިންގައި ހުކުމާ ހަމައަށް ވާސިލުވެވިފައި މިވަނީ ގާތްގަނޑަކަށް 10 މަސް ފަހުންނެވެ.