30 Sep 2019, 19:58
މާލޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ގެއްލުންވެ ހާލުގައި ޖެހުނު ފަރާތްތަކަށް އެހީވުމަށް، އައްޑޫގައި ހުންނަ އެއިމްސް ޑައިގްނޯސްޓިކް ކެއާގެ މުވައްޒަފުންގެ އެއް ދުވަހުގެ މުސާރަ ހަދިޔާކޮށްފިއެވެ.
އަބަދަށްފެހި މަގު، ހ. ތިލަފުށީ ގޭގައި ހުރި ކެމިކަލް ގުދަނުގައި ރޯވެ، ހިނގި ބިރުވެރި އަލިފާނުގެ ހާދިސާގައި އެކަކު މަރުވެ، އެ ސަރަހައްދުގެ 26 ގެއަކަށް އެކިވަރުގެ ގެއްލުންވެ، 700 އަށްވުރެ ގިނަ މީހުން ވަނީ ހާލުގައި ޖެހިފައެވެ.
އެއިމްސް އިން ކުރި ފޭސްބުކް ޕޯސްޓެއްގައި ބުނެފައި ވަނީ އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު ފަރާތްތަކަށް އެހީވުމަށް އެއިމްސްގެ މެނޭޖްމަންޓް ހިމެނޭ ގޮތުން ހުރިހާ ސްޓާފުންގެ އެއް ދުވަހުގެ މުސާރަ ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީއަށް ހަދިޔާކުރަން ނިންމާފައިވާ ކަމަށެވެ.
އެގޮތުން އެހީގެ ގޮތުގައި ޖުމްލަ 32،500 ރުފިޔާ އެއިމްސް އިން ވަނީ ހަދިޔާކޮށްފައެވެ.
އަލިފާނުގައި ހާލުގައި ޖެހުނު މީހުންނަށް އެހީވުމަށް ބީއެމްއެލްގައި ރުފިޔާ އެކައުންޓެއް ވެސް ވަނީ ހުޅުވައިފައެވެ. އެ އެކައުންޓަށް މިހާތަނަށް ގިނަ އަދަދެއްގެ ފައިސާ ވަނީ ލިބިފައެވެ.
ފަހުގެ ތާރީހެއްގައި މާލޭގައި ހިނގި އެންމެ ބޮޑު އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު ފަރާތްތަކަށް އެހީވުމަށް އަމިއްލަ ފަރާތްތަކުން ވެސް ވަނީ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ.