މިއަދު ހަވީރު މާލެ މާލޭ ޓީޖެޓީ ސަރަހައްދުގައި އޮތް ތެޔޮ ބައުޒަރަކާއި އެ ސަރަހައްދު ފަޅުގައި އޮތް ލޯންޗެއްގައި ރޯވެ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ނުވާކަމަށް އައިޖީއެމްއެޗް އިން ބުނެފިއެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް "ސަން" އަށް ވިދާޅުވީ ހާދިސާގައި ފިހިގެން ހަތް މީހަކަށް އެ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށެވެ. ނަމަވެސް އެއްވެސް މީހެއްގެ ހާލު ސީރިއަސް ނޫންކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ހަތް މީހުންނަށް ވެސް އެޑްމިޑްކޮށްގެން ފަރުވާދެމުން އަންނަ އިރު، އެކަކަށް ފަރުވާދެމުން އަންނަނީ އައިސީޔޫގައެވެ. އޮފިޝަލް ވިދާޅުވީ އޭނާއަށް އައިސީޔޫގައި ފަރުވާދެނީ ހާލު ސީރިއަސް ވެގެން ނޫން ކަމަށާއި، ހާލު ސީރިއަސް ވެދާނެ ކަމަށް ބަލައި ސަލާމަތީ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ.

އޭގެ އިތުރުން ދުމުގެ އަސަރުކޮށްގެން އެކަކަށް ފަރުވާ ދީފައިވާއިރު، އަތުގެ އިނގިލިތައް ފްރެކްޗާ ވެގެން ވެސް އެކަކަށް ވަނީ ފަރުވާ ދީފައެވެ. ހާދިސާގައި ޖުމްލަ ނުވަ މީހަކު ފަރުވާއަށް ހޮސްޕިޓަލަށް ގެންގޮސްފައި ވާއިރު އޭގެ ތެރޭގައި ހިމެނީ ހަތް ދިވެހީންނާއި ދެ ބިދޭސީންނެވެ.

ހާދިސާގައި އަލިފާން ރޯވެފައި ވަނީ އއ. އަތޮޅާއި މާލެއާ ދޭތެރޭ ދަތުރުކުރާ "ނެވި 3" ކިޔާ އުކުޅަހު ލޯންޗެއްގައެވެ. ފިހިގެން އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނަ މީހުންގެ ތެރޭގައި ލޯންޗުގެ ކެޕްޓަނާއި ތިން ފަޅުވެރިންން ހިމެނެއެވެ.

އޭގެ ތެރޭގައި ހިމެނެނީ އުކުޅަހު ތިން މީހުންނާއި މަތިވެރިއަށް ނިސްބަތްވާ މީހެކެވެ.

ރޯވި އަލިފާން ކޮންޓްރޯލް ކުރެވިފައި ވަނީ ރޯވިތާ ގާތްގަނޑަކަށް ދޮޅު ގަޑިއެއްހާ އިރު ފަހުންނެވެ. މި ހާދިސާގައި ލޯންޗު މުޅިން އަނދައި، ފަޅުތެރެއަށް އަޑިއަށް ގޮސްފައި ވާއިރު، ތިން ބައުޒަރެއްވެސް ވަނީ އަނދާ ހުލިވެފައެވެ.

އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަދި ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ ވެސް ވަނީ ވަޑައިގެންފައެވެ.

ރައީސް ސޯލިހު ވިދާޅުވީ މިފަދަ އަލިފާނުގެ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި ކުރެވެންހުރި ހުރިހާ ކަމެއް ސަރުކާރުން ކުރާނެ ކަމަށެވެ.

އަދި ޓީޖެޓީ ސަރަހައްދުގައި ރޯވި އަލިފާން ކޮންޓްރޯލް ކުރުމަށް ސިފައިންނާއި އެހެނިހެން ފަރާތްތަކުން ކުރި މަސައްކަތް ފާހަގަކޮށް އެ ހުރިހާ ފަރާތްތަކަށް ރައީސް ވަނީ ޝުކުރު އަދާކުރައްވާފައެވެ.