ކަނޑުމަތިން ފެނުނު ގަބުރު ހަތަރު ދުވަސްވީ އިރު އަދިވެސް އެއީ ކާކުކަން އަދި ކޮން ގައުމެއްގެ މީހެއްކަން ހޯދިފައި ނުވާ ކަމުގައި ޕޮލިހުން ބުނެފި އެވެ.

ވ. އަތޮޅު ފޮއްތެޔޮ ކައިރިން ގިނަ އަދަދެއްގެ ޒަހަމްތަކާ އެކު ބިޑިއަޅުވައި، މަރާލުމަށް ފަހު އެއްލާލައިފައި އޮއްވާ ފެނުނު ކަމަށް ފުލުހުން ބުނާ މީހާއާ ބެހޭ ގޮތުން މައުލޫމާތު ސާފުކުރުމަށް އެއްވެސް މީހަކު ގުޅާފައި ނުވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުންގެ މީޑިޔާ އޮފިޝަލް އަހުމަދު ޝިޔާމް މިއަދު ވިދާޅުވީ އެ މީހާ ވަޅުލުމުގެ ކުރިން ދެނަގަންނަން ޖެހޭ ކަންކަން ސާފުކުރަމުން އަންނަ ކަމަށެވެ.

"މިހާރު ވެސް އެކަމުގެ ތަހުގީގު ކުރިއަށް އެބަދޭ. ގަބުރު ބާއްވަފައި އޮތީ ގަލޮޅު ]ސަހަރާގެ[ މޯޗަރީގައި. ޑީއެންއޭ ޓެސްޓުތަކުގެ ސާމްޕަލްތައް ވެސް އެބަހުރި. އަދި ވެސް ކޮން ގައުމެއްގެ މިހެއްތޯ ބަލަމުން މިގެންދަނީ،" ޝިޔާމް ވިދާޅުވި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ވ. އަތޮޅު ފޮއްތެޔޮ ކައިރިން އޮޔާދަނިކޮށް ފެނުނު، މަރުވެފައިވާ ފިރިހެން މީހާ އަށް ވަރަށް ބޮޑު އަނިޔާތަކެއްކޮށް އޭނާގެ އަތުގައި ބިޑިއަލުވާފައި އޮތްކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

މަރުވެފައިވާ ގަބުރު އޮޔަދަނިކޮށް ނަގައިގެން މާލެ ގެނެސްފައި ވަނީ އެ ދުވަހު އެހިސާބުން ދަތުރު ކުރި ދޯންޏެއްގެ ބަޔެކެވެ.