16 Jun 2010, 14:29
19:00
ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި، މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ބިލު ރައްޔިތުންގެ މަޖިލީހުގައި އަވަސް ކުރުމަށް ސަރުކާރުން ވެދެއްވެން އޮތް ހުރިހާ އެހީތެރިކަމެއް ވެދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ރާއްޖޭގެ ލޯފަން މީހުންގެ ޙައްޤުތައް ހޯދައިދިނުމަށް މަސައްކަތްކުރާ މަދަނީ ޖަމްޢިއްޔާއެއް ކަމުގައިވާ "ވިޒުއަލް އިމްޕެއަރމަންޓް ސޮސައިޓީ އޮފް މޯލްޑިވްސް"ގެ ބައެއް މެންބަރުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު މެންދުރުފަހު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނަށް ސަރުކާރުން ވަރަށް ބޮޑު އަހަންމިއްޔަތު ކަމެއް ދެއްވާ ކަމަށާއި، މި ބިލު ފާސްވެގެން ދިޔުމުން، އެ ފަރާތްތަކުގެ ވަރަށް ގިނަ ޙައްޤުތަކެއް ރައްކާތެރިވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ވިދާޅުވި އެވެ.
މީގެ އިތުރުން މި ޖަމްޢިއްޔާއަށް ދިމާވެފައިވާ ދަތިތަކާ ބެހޭގޮތުންނާއި، އެޖަމްޢިއްޔާގެ ޙަރަކާތްތަކާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ މަޢްލޫމާތު އޮޅުންފިލުއްވި އެވެ.
ވިޜުއަލް އިމްޕެއަރމަންޓް ސޮސައިޓީ އޮފް މޯލްޑިވްސްގެ މެންބަރުން ދެއްކެވި ވާހަކައިގައި، ރާއްޖޭގައި ލޯފަން މީހުންނަށް އުނގެނުމުގެ ފުރުޞަތު މަދުކަން ފާހަގަކުރެއްވި އެވެ. އަދި މިކަމަށް ސަރުކާރުގެ އެހީތެރިކަން ހޯދުމާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއާ މަޝްވަރާކުރެއްވި އެވެ.