އަލިފާން އެންމެ ފުރަތަމަ ހިފީ ތެޔޮ ބައުޒަރުގައި ކަމަށާއި ކްރޫއިން އޭރު ދިޔައީ ލޯންޗަށް ތެޔޮ އަޅައި ނިންމައި ލޯންޗްގެ މަރާމާތު މަސައްކަތެއް ކުރަމުން ކަމަށް ލޯންޗްގެ ވެރިޔާ ބުނެފި އެވެ.

މިއަދު މެންދުރު ފަހު، 3:40 އެހާކަށް ހާއިރު ޓީޖެޓީ ސަރަހައްދުގައި އޮތް ތެޔޮ ބައުޒަރެއްގައި ރޯވި ހާދިސާގައި ލޯންޗަކާއި އިތުރު ދެ ބައުޒަރެއްގައި ރޯވެ، ހަތް މީހަކު ވަނީ ފިހިފަ އެވެ.

އެ އަލިފާނުގައި އަނދައިގެން ދިޔަ މާލެ އާއި އއ. އަތޮޅާ ދެމެދު ދަތުރު ކުރާ "ނެވި -3" ލޯންޗުގެ ވެރިޔާ އަބްދުﷲ ޒިޔާދު މިރޭ "ސަން" އަށް ބުނީ، އެންމެ ފުރަތަމަ ރޯވީ، ލޯންޗު ކައިރީ އޮތް ތެޔޮ ބައުޒަރުގައި ކަމަށެވެ. އޭރު ލޯންޗަށް ބައުޒަރުން ތެޔޮއަޅާ ނިމިފައިވާ ކަމަށް އޭނާ ބުންޏެވެ.

"އޭރު ލޯންޗު ކެޕްޓަންއާއި ތިން ފަޅުވެރިން ތިބީ ލޯންޗް އެތެރޭގައި... އެމީހުން ތިބީ އޭރު ލޯންޗުގެ މަރާމާތެއް ކުރަން އޭގެ މަތިގަނޑު ނަގައިގެން،" އަލިފާނުގެ ހާދިސާ އާ ގުޅިގެން މިހާރު މާލެ އައިސްފައިވާ ޒިޔާދު ބުންޏެވެ.

އަލިފާނުގެ ހާދިސާ ހިނގި އިރު، އޭނާ ހުރީ އއ. މަތިވެރީގައި އެވެ. އޭނާ ބުނީ، ފިހުނު މީހުންގެ ތެރެއިން ދެ މީހަކު ހާލު ސީރިއަސް ކަމުގެ މައުލޫމަތު ލިބިފައިވާ ކަމަށެވެ.

ޒިޔާދު އަދި ބުނީ، އާންމު ގޮތެއްގައި ލޯންޗަށް ތެޔޮ އަޅަނީ އެމްއައިއެޗްއައި ފިއުލް ސާވިސް އިން ކަމަށާއި ނަމަވެސް މިއަދު ތެޔޮ އަޅާފައިވަނީ ކޮން ކުންފުންޏެއްގެ ބައުޒަރަކުން ކަމެއް އަދި މުޅިން ޔަގީން ނުވާ ކަމަށެވެ.

ގާތްގަނޑަކަށް 60 މީހުންގެ ޖާގައިގެ ހަތަރު އިންޖީނު އަޅާފައިވާ އެ ލޯންޗް އަނދައިގެން ދިޔުމުގެ ސަބަބުން ހަތަރު މިލިއަން ރުފިޔާއަށް ވުރެ ބޮޑު ގެއްލުމެއް ވެފައިވާ ކަމަށް އޭނާ ބުންޏެވެ. އަދި އެ ލޯންޗް ވަނީ އިންސުއަރެންސް ކޮށްފައި ކަމަށް ވެސް އޭނާ ބުންޏެވެ.

"ނެވި ފެރީ"ގެ ހިދުމަތުގައި އިތުރު ދެ ލޯންޗް އަންނަނީ ބޭނުން ކުރަމުން އެވެ. ޒިޔާދު ބުނީ، މިއަދު އަނދައިގެން ދިޔައީ އޭގެ ތެރެއިން އެންމެ ބޮޑު ލޯންޗެއް ކަމަށެވެ. އަލިފާން ނިއްވާލެވުނު އިރު، އެ ލޯންޗް ވަނީ ޓީޖެޓީ ފަޅުތެރެއަށް އަޑިއަށް ގޮސްފަ އެވެ.

އެ ހާދިސާގައި ނުވަ މީހަކަށް އަސަރުކޮށް އައިޖީއެމްއެޗްގައި ފަރުވާދިން އިރު ހަތް މީހަކު ވަނީ ފިހިފަ އެވެ. އެެހެން ނަމަވެސް އެއްވެސް މީހެއްގެ ހާލު މާ ސީރިއަސް ނޫން ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.