އެސިސްޓެންޓް ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް ސީނިއާ ޕަބްލިކް ޕްރޮސިކިއުޓާގެ މަގާމުގައި ހުންނެވި ޝަމްރާ ޝަމީމް ހަމަޖައްސައިފި އެވެ.

ޕީޖީ އާއިޝަތު ބިޝާމް މިއަދު ވަނީ ޝަމްރާއަށް މަގާމުގެ ލިޔުން ހަވާލުކޮށްދެއްވައިފައެވެ.

ޝަމްރާއަކީ ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ޕީޖީ އޮފީހަށް ޚިދުމަތް ކުރައްވަމުން އަންނަ ބޭފުޅެކެވެ. ޝަމްރާ ވަނީ ޖިނާއީ ބައެއް ބޮޑެތި މައްސަލަތަކުގައި ދައުލަތުގެ ފަރާތުން ވަކާލާތު ކުރައްވާފައެވެ.

އެސިސްޓެންޓް ޕީޖީގެ މަގާމަށް ޝަމްރާ ހަމަޖައްސާފައި މިވަނީ އެސިސްޓެންޓް ޕީޖީ ކަމުގައި ހުންނެވި އާއިޝަތު ފަޒްނާ އަހްމަދު މަގާމުން އިސްތިއުފާ ދެއްވާފައި ވަނިކޮށެވެ.

އެސިސްޓަންޓް ޕީޖީގެ މަގާމަށް މިއަދު ޝަމްރާ ހަމަޖައްސާފައި ވާއިރު، މިހާރުވެސް އެ އޮފީހުގައި ދެ އެސިސްޓަންޓް ޕީޖީ އެބަތިއްބެވެ. އެއީ ޖިހާދާ އަނީސް އާއި ހުސައިން ނާޝިދެވެ.