14 Nov 2011, 11:24
ސާކް ސަމިޓާ ގުޅިގެން އައްޑޫ ސިޓީގެ ހިތަދޫގައި ބަހައްޓާފައިވާ ބުދުތައް ހިމެނޭ މޮނިއުމަންޓް ]ބިނާ[ގައި ރޭ ފަތިހުގެ ވަގުތެއްގައި ބަޔަކު އަލިފާން ޖަހައިފި އެވެ.
ސަން އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހިތަދޫ ޕަވާ ޕާކް ސަރަހައްދުގައި ހުރި އެ ބިނާގެ ތިރީގައި ހުރި ބުދުތަކުގެ އެއްފަޅި ވަނީ އަނދައި ކަޅުވެފަ އެވެ.
އެ ބިނާގައި ރޯކޮށްލާފައި ވަނީ ޕެޓްރޯލް ފަދަ އެއްޗެއް ބޭނުންކޮށްގެން ކަމަށް ވެސް މައުލޫމާތު ލިބިފައިވެ އެވެ.
ޕޮލިސް މީޑިއާ އޮފިޝަލް އަހުމަދު ޝިޔާމު ވިދާޅުވީ ރޭގެ ފަތިހު 4 ޖަހާއެހާކަންހާއިރު ބުދު ހިމެނޭ މޮނިއުމަންޓް ކައިރީގައި ބަޔަކު އަލިފާން ރޯކޮށްގެން އެ މޮނިއުމަންޓް އަންދާލަން މަސައްކަތް ކޮށްފައިވާ ކަމަށެވެ. ނަމަވެސް މާގިނަ އިރުތަކެއް ނުވެ ފުލުހުން އަލިފާން ގަނޑު ނިވާލައިފައިވާ ކަމަށާއި މޮނިއުމަންޓަށް އަލިފާނުގެ އަސަރު ކޮންމެ ވެސް ވަރަކަށް ކޮށްފައިވާ ކަމަށް ޝިޔާމް ވިދާޅުވި އެވެ.
ޝިޔާމް ވިދާޅުވީ އެ މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
މިދިޔަ ބުދަ ދުވަހުގެ ރޭ އައްޑޫ ސިޓީގެ ބަޔަކު ނުކުމެ ވަނީ ބުދުތައް ހިމެނޭ މޮނިއުމަންޓް ވައްޓާލައި އޭގެ މަތީގެ ބައެއް ހަލާކުވެސް ކޮށްލާފައިފަ އެވެ. ނަމަވެސް، ފުލުހުން ވަނީ އޭގެ އިރުކޮޅެއް ފަހުން އެ ބުދުތައް އަލުން ހަދައި އިހު ހުރި ގޮތަށް ބަހައްޓައި، ބުދުތުކަށް ޙިމާޔަތްދީފަ އެވެ.
ބުދުތައް ވައްޓާލިކަމުގެ ތުހުމަތުގައި ފުލުހުން ވަނީ ދެ މީހަކު ހައްޔަރުކޮށްފަ އެވެ.
ނަމަވެސް އަދާލަތު ޕާޓީން ގޮވާލާފައި ވަނީ އެ މީހުން ކުށެއް ނުކުރާ ކަމަށާއި ގާނޫނާ ހިލާފަށް ބަހައްޓާފައި ހުރި އެއްޗެއް ވައްޓާލުން ކުށަކަށް ނުވާނެ ކަމަށެވެ. އަދި ވަގުތުން އެ ދެ މީހުން ދޫކޮށްލުމަށް ވެސް އަދާލަތުން ގޮވައިލި އެވެ.