ފެމިލީ ކޯޓުން ކުރަމުން އަންނަ ކައިވެނި ކޮށްދިނުމާއި އެކަމާ ގުޅޭ ކަންތައްކަށް ހާއްސަ އޮފީހެއް ގާއިމް ކުރުމަށް އޭޓާނީ ޖެނެރަލްގެ އޮފީހުން ހުށަހަޅައިފި އެވެ.

މިއަދުގެ ނިޔަލަށް ބަނޑޮސް އައިލެންޑް ރިސޯޓްގައި ކުރިއަށްދާ އާއިލީ އަދުލުގެ ނިޒާމްގެ ކަންކަން ހަރުދަނާ ކުރުމުގެ މަހާސިންތާ، “ޖުޑީޝަލް ސިމްޕޯޒިޔަމް އޮން ފެމިލީ ޖަސްޓިސް”އަށް އެޓާނީ ޖެނެރަލްގެ އޮފީހުން ފޮނުވި، ކަރުދާހުގައި ހިމަނާފައިވާ ގޮތުގައި، ކައިވެނިކޮށްދިނުމާއި ކައިވެނި ރަޖިސްޓަރީކުރުމަށް "ކައިވެނީގެ ރަޖިސްޓްރާގެ އޮފީސް" އެއް ގާއިމްކުރުމަށް ވަނީ ހިމަނައިފަ އެވެ.

އޭޖީ އޮފީހުން ބުނި ގޮތުގައި އެ އޮފީހުން ހުށަހަޅާފައި ވާނީ، ސަރުކާރުގައި މިހާރު ހުރި މިނިސްޓްރީއެއްގެ އިދާރީ އޮނިގަނޑުގެ ތެރޭގައި ހިމަނައިގެން އެ އޮފީސް އުފެއްދުމަށް ކަމަށެވެ.

އެ އޮފީހުގެ ޒިންމާތަކުގެ ތެރޭގައި ހިމެނެނީ، ޝަރުއީ މައުޛޫނުކަން ނޫނީ ކައިވެނިކޮށް ދިނުމުގެ ހުއްދަ ދޫކުރުމާއި އެފަދަ ފަރާތްތަކުގެ ރަޖިސްޓަރީއެއް ބެލެހެއްޓުމެވެ.

މިކަމުގެ ސަބަބުން، ކައިވެނީގެ ރަޖިސްޓްރާގެ މަސައްކަތްތަކުގައި ކައުންސިލްތަކުގެ ބައިވެރިވުމެއް އޮވެ، މެޖިސްޓްރޭޓުން ނެތް ރަށްރަށުގައި ވެސް ކައިވެނި ކުރުމުގެ ހިދުމަތް ފަސޭހައިން ލިބިގެންދާނެ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.