އިއްޔެ މަރުވި ބަނގުލަދޭޝް މީހާގެ ހަށިގަނޑާ ރާއްޖޭގައި ހުންނަ ބަންގްލަދޭޝް އެމްބަސީން ހަވާލުވެއްޖެ އެވެ.

އޭނާ ނިޔާވެފައި ވަނީ އިއްޔެ ޅ. ނައިފަރުގައި ހުންނަ އަތޮޅު ހޮސްޕިޓަލްގަ އެވެ.

ނައިފަރު ކައުންސިލްގެ ރައީސް މުހައްމަދު ކާރިމް "ސަން" އަށް ރޭ ވިދާޅުވީ މަރުވީ ގަވައިދާ ހިލާފަށް އެ ރަށުގައި އުޅުނު ބިދޭސީއެއް ކަމަށެވެ. އަދި މަރުވި ބިދޭސީ މީހާއާ ބަނގުލަދޭޝް އެމްބަސީން ހަވާލުނުވި ކަމަށްވެސް އޭނާ ވިދާޅުވި އެވެ. އެހެންވެ އޭނާ ވަޅުނުލެވި ގިނައިރު ވަމުންދާ ކަމަށާއި އެކަމާ ގުޅިގެން އޭނާގެ ހަށިގަނޑު މޯޗަރީއަށް މިހާރު ފޮނުވާފައިވާ ކަމަށްވެސް ކާރިމް ވިދާޅުވި އެވެ.

އެހެން ނަަމަވެސް ބަނގުލަދޭޝް އެމްބަސީގެ އޮފިޝަލަކު "ސަން" އަށް މިއަދު ވިދާޅުވީ ނިޔާވި މީހާގެ ހަށިގަނޑާ ބަންގުލަދޭޝް އެމްބަސީން ހަވާލުނުވި ވާހަކައަކީ ދޮގެއް ކަމަށެވެ. އަދި މަރުވި މީހާޔާ ގުޅޭ ގޮތުން، ރާއްޖޭގެ ކަމާ ބަހާ ފަރާތްތަކަށް އެއްޗެއް އެންގުން ލަސްވީ އާއިލާގެ ބަހެއް ލިބުން ލަސްވުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނަމަވެސް މިހާރު އާއިލާޔާ ކޮންޓެކްޓް ކުރެވި އެކަމާ ގުޅިގެން ފުރިހަމަ ކުރަން ޖެހޭ ކަންކަން ކުރިއަށް ދާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

"އެކަމަކު ނިޔާވި މީހާގެ އާއިލާގެ މީހެއްގެ ބަހެއް ނެތި ރައްޖޭގައި އޭނާ ވަޅުލާކަށް ހުއްދައެއް ނުދެވޭނެ އެމްބަސީއަކަށް ވެސް. އެކަމަކު މިހާރު އޭނާގެ އާއިލާގެ މީހުން އެމްބަސީއަށް ގުޅައިފި. އޭނާގެ ހަށިގަނޑު ފޮނުވާލުމަށް މިދަނީ މަސައްކަތް ކުރަމުން،" އޮފިޝަލް ވިދާޅުވި އެވެ.

ނިޔާވި މީހާއާ ހަވާލުވި ނަމަވެސް އޭނާ ވަޅުލުމާއި އެހެނިހެން ކަންތައްތަކުގެ ޒިންމާ ހަގީގަތުގައި ނަގަން ޖެހޭނީ ވަޒީފާދިން ފަރާތުން ކަމަށްވެސް އެމްބަސީގެ އޮފިޝަލް ވިދާޅުވި އެވެ.

"ޓޫރިސްޓެއްގެ ގޮތުގައެއް ނޫން އޭނާ އައީ ދެއްތޯ. އެހެން ވީމާ އޭނާ ގެނައި ބަޔަކު އަސްލު ޒިންމާވުން އޮންނަނީ،" އޮފިޝަލް ވިދާޅުވި އެވެ.

ބިދޭސީ އެ މީހާ އެންމެ ފުރަތަމަ ހިންނަވަރުގެ ސިއްހީ މަރުކަޒުން ފަރުވާ ހޯދީ މެއަށް ތަދުވާތީ އެވެ. ނަމަވެސް ހާލު ސީރިއަސްވެ ފަހުން ޅ. އަތޮޅު ހޮސްޕިޓަލަށް އޭނާ ބަދަލުކުރީ އެވެ. މަރުވީ އެ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށެވެ.

ބިދޭސީ މީހާ ހިންނަވަރުގައި މަސައްކަތް ކުރަމުންދިޔައީ ގާއެޅުމާއި އެހެން ވެސް އެ ޒާތުގެ ކޮންސްޓްރަކްޝަން މަސައްކަތްތަކުގަ އެވެ.