އިއްދައިގެ ހަރަދާއި ދަރިންގެ ހަރަދުގެ ގޮތުގައި ދޭން ގާނޫނުން ލާޒިމް ކުރާ މިންވަރު ބޮޑު ކުރަން އެޓާނީ ޖެނެރަލްގެ އޮފީހުން ހުށަހަޅައިފި އެވެ.

މިހާރު ކުރިއަށްދާ، “ޖުޑީޝަލް ސިމްޕޯޒިޔަމް އޮން ފެމިލީ ޖަސްޓިސް”އަށް ސަރުކާރުން ހުށަހެޅި ކަރުދާހާ ގުޅޭ ގޮތުން އެޓާނީ ޖެނެރަލްގެ އޮފީހުން ބުނީ، އެ ކަރުދާހުގައިވާ އެންމެ މުހިއްމު ކަމަކީ އަނިބިމީހާއަށާއި، ދަރިންނަށާއި، އިއްދައިގައި އިންނަ އަންހެނާއަށް ޝަރުއި ހަމަތަކުގެ މަތިން ދޭންޖެހޭ ހަރަދުގެ މިންވަރު ބޮޑުކުރުމަށް ހުށަހަޅާފައިވުން ކަމަށެވެ.

އެގޮތުން، ޝަރީއަތުން ނަގައިދެވޭ ހަރަދުގެ އެންމެ މަދު އަދި އެންމެ ބޮޑު މިންވަރެއް ކަނޑައެޅުން ވެސް އެ ކަރުދާހުގައި ހިމެނޭ ކަމަށް އެ އޮފީހުން ބުންޏެވެ. އަދި ހަރަދު ލެއްވުމާއި ހަރަދު ތަންފީޒުކުރުމުގެ އިޖުރާއަތުތައް ހަރުދަނާ ކުރުމަށް ވެސް ވަނީ ހުށަހަޅައިފަ އެވެ.

ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދާ ސިމްޕޯޒިޔަމަށް ސަރުކާރުން ހުށަހެޅި ކަންތައްތަކުގެ ތެރޭގައި ދެން ހިމެނެނީ ވަރި، ޙަޟާނަތު، ޚަރަދާ ގުޅޭ މައްސަލަތައް އެއް ދައުވާ ފޯމާއެކު ހުށަހަޅައި، އެއް މައްސަލައިގެ ތެރެއިން އެ ކަންކަމަށް ގޮތެއް ކަނޑައެޅޭނެ ނިޒާމެއް ކޯޓުތަކުގައި ހަމަޖެއްސުމެވެ.

އޭޖީ އޮފީހުން ބުނީ އެ ބަދަލު ގެންނަން ހުށަހެޅީ، އެއް ބާވަތުގެ މައްސަލަތައް ވަކި މައްސަލަތަކެއްގެ ގޮތުގައި ކުރިއަށް ގެންދިއުމުން ހަރަދު ހަމަޖައްސައިދިނުމުގެ މައްސަލަ ދިގުލައި، އެކަމުގެ ސަބަބުން ބައެއް ކުޑަކުދިންގެ ހައްގަށް އުނިކަން އަންނަފަދަ ހާލަތްތައް މެދުވެރިވާތީ ކަމަށެވެ.

މީގެ އިތުރުން ކުއްޖާގެ ހަޟާނަތު ހަވާލުކުރެވިފައިވާ ފަރާތުން، ހަޟާނަތު ނިގުޅައިގެންފި ކަމަށް ބުނެ ހުށަހެޅޭ މައްސަލަތައް އަވަސް މުއްދަތެއްގައި ކޯޓުން ގޮތެއް ކަނޑައެޅުމަށް ސަރުކާރުގެ ފަރާތުން ވަނީ ހުށަހަޅައިފަ އެވެ.