ކާބުލް (ސެޕްޓެމްބަރު 30): އަފްގާނިސްތާނުގައި މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި ވޯޓު ލީ 25 ޕަސެންޓު މީހުން ކަމަށް އެ ގައުމުގެ އިލެކްޝަން ކޮމިޝަނުން ލަފާކޮށްފިއެވެ.

އަފްގާނިސްތާނުގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ އަދަދު 9.6 މިލިއަނަށް އަރައެވެ. އަދި ވޯޓުގައި ބައިވެރިވީ އެންމެ 25 ޕަސެންޓު މީހުންކަމަށް ލަފާކުރީ އެގައުމުގައި ވޯޓުލާން ހަދާފައިވާ 4،000 ސެންޓަރުގެ ތެރެއިން 3،736 ސެންޓަރަށް ހާޒިރުވި މީހުން ބެލުމަށް ފަހުގައެވެ.

އެ އިންތިހާބުގައި ގިނަ އަދަދެއްގެ މީހުން ވޯޓުލާފައި ނުވަނީ ހަމަލާއެއް ދީފާނެ ކަމުގެ ބިރު އޮތުމުންނެވެ.

އަފްގާނިސްތާނުގައި މިހާރު އޮތީ ސައްހަ ނޫން ސަރުކާރެއް ކަމަށް ބުނާ ތާލިބާން ޖަމާއަތުން ވަނީ އެ އިންތިހާބަށް ހުރަސް އަޅަން ހަމަލާތައް ދޭނެކަމަށް ބުނެފައެވެ. އަދި އިންތިހާބު ބޭއްވުމުގެ ކުރިން އެ ޖަމާއަތުން މިދިޔަ މަހު ދިން ހަމަލާތަކުގައި އެކަނިވެސް 900އަށް ވުރެ ގިނަ މީހުން މަރުވިއެވެ.

އޭގެ ސަބަބުން އިންތިހާބު ކުރިއަށް ދިޔަ އިރު އަފްގާނިސްތާނުގައި ސަލާމަތީ ކަންކަން ބެލެހެއްޓުމަށް އެއް ލައްކަ ސިފައިންނާއި ފުލުހުން ނެރުނެވެ.

އެ އިންތިހާބުގައި 14 ކެންޑިޑޭޓުން ވާދަކުރައްވާއިރު އެންމެ ގާތުން ވާދަކުރައްވާނެކަމަށް ބެލެވެނީ ރައީސް އަޝްރަފް ޣަނީއާއި ގައުމުގެ ޗީފް އެގްޒެކެޓިވްގެ މަގާމުގައި ހުންނެވި ކުރީގެ ޚާރިޖީ ވަޒީރު އަބްދުﷲ އަބްދުﷲ އެވެ.