އއ. މަތިވެރީގައި ހިންގާ ކާސާ މިއާ މޯލްޑިވްސް ގެސްޓްހައުސް ރިޗް ކްލަބް މޯލްޑިވްސް އަށް 50 އަހަރަށް ކުއްޔަށް ދިނުމަށް ނިންމީ ގާނޫނުގެ ތެރެއިން ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

އއ މަތިވެރީގެ ދެބިމެއް ރިޗް ކްލަބް މޯލްޑިވްސް އަށް ދިނުމަށް އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އެ ބިން 10 އަހަރަށް ކުއްޔަށް ނަގާފައިވާ ހ.މާކޮށާރުގެ އަބްދުއްރައްޒާގު އަލީ އެކަމަށް އެދި ސިޓީ ހުށަހެޅުމުން ބަންޑާރަ ނައިބުގެ ލަފަޔާއެކު އެވެ.

އެ ބިން ރިޗް ކްލަބް އަށް ކުއްޔަށް ދީފައިވަނީ 50 އަހަރަށެވެ. ކުއްޔަށް ދިނުމުގެ އެއްބަސްވުމުގައި ސޮއިކުރީ އިއްޔެ އެވެ.

ކާސާ މިއާ މޯލްޑިވްސްގެ ނަމުގައި މަތިވެރީގައި ހިންގާ ގެސްޓްހައުސް ހުރި ބިން ރިޗް ކްލަބް މޯލްޑިވްސް އަށް ކުއްޔަށް ދިނުމާ ގުޅޭ ގޮތުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު ވިދާޅުވީ އެ ބިމުގެ މައްސަލާގައި ހަގީގަތް އޮޅުވާލުމަށް މަސައްކަތް ކުރާކަމަށެވެ.

މަތިވެރީގެ ދެ ބިމާ ގުޅޭ މައްސަލަ ކުރިއަށް ދިޔަގޮތް:

  • އއ. މަތިވެރީގެ ދެބިމެއް ހ. މާކޮށާރުގޭ އަބްދުއްރައްޒާގު އަލީއަށް 10 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެ ކޮންޓްރެކްޓުގައި ސޮއިކުރި.

  • މި ދެ ބިމަކީ ރާއްޖޭގެ ޓޫރިޒަމާ ބެހޭ ގާނޫނުގެ ދަށުން ތަރައްގީކުރާ ބިންތަކެއްކަމުގައި ކަނޑައެޅީ 2017 ޖުލައި 10 ވަނަ ދުވަހު.
  • މީހުން ދިރިއުޅޭ ރަށްރަށުގައި ޓޫރިސްޓު ހޮޓާ/ގެސްޓްހައުސް ތަރައްގީކުރުމަށް ކައުންސިލް މެދުވެރިކޮށް ބިން ކުއްޔަށް ދިނުމަށް ބިން ކަނޑައެޅުމާ އުސޫލާ އެއްގޮތަށް އެމެންޑެޑް އެންޑް ރީސްޓޭޓެޑް އެގްރިމެންޓް އެކުލަވާލީ 2017 ނޮވެމްބަރު ފަސްވަނަ ދުވަހު
  • އެ ދެ ބިން ކުއްޔަށް ދިނުމަށް ކައުްނސިލާއި އަބްދުއްރައްޒާގާއެކު ވެފައިވާ އެއްބަސްވުންތަކެއް މަތިވެރި ކައުންސިލްގެ ގަރާރަކުން ބާތިލް ކުރި. އެކަން ކައުންސިލުން މިނިސްޓްރީ އަށް އެންގީ 2017 ނޮވެމްބަރު 29 ގައި
  • މީރާ އިން ކުރި އޮޑިޓަކުން ފާހަގަވީ އަބްދުއްރައްޒާގަށް މަތިވެރިން ކުއްޔަށް ދިން ބިމުގައި ކާސާ މިއާ މޯލްޑިވްސް ގެ ނަމުގައި ގެސްޓްހައުސް އެއް ހިންގަމުންދާކަން ފާހަގަވި
  • މިނިސްޓްރީގެ ރެކޯޑުތައް ދައްކާގޮތުން އެ ގެސްޓްހައުސް ހިންގަމުންދަނީ ނަގަންޖެހޭ ހުއްދަތައް ނުނަގާ.
  • އެ މައްސަލާގައި މިނިސްޓްރީ އިން ވަނީ ފުލުހުންގެ ޓީމަކާއެކު މަތިވެރިއަށް ގޮސް ގެސްޓް ހައުސް އިންސްޕެކްޓް ކޮށްފައި. 2018 ސެޕްޓެމްބަރު 25ގެ ނިޔަލަށް މިނިސްޓްރީ އިން ވަނީ ގެސްޓްހައުސް ބަންދު ކުރުމަށް މުހުލަތެއް ދީފައި. އަދި އެ މުއްދަތާ ހަމައަށް ގެސްޓްހައުސް ބަންދުކޮށް މިނިސްޓްރީ އާ ހަވާލު ކުރުމަށް އެންގުނު
  • އަބްދުއްރައްޒާގަށް ބިން ކުއްޔަށް ދިން އެއްބަސްވުން ބާތިލް ކަމަށް ކަނޑައަޅައި މަތިވެރި ކައުންސިލުން އަބްދުއްރައްޒާގަށް ފޮނުވި ނޯޓިސް އަކީ ކޮންޓްރެކްޓާ ބެހޭ ގާނޫނާ ހިލާފު ނޯޓިހެއްކަމަށް ކަނޑައަޅައިދިނުމަށް އެދި އަބްދުއްރައްޒާގު ވަނީ މަތިވެރި ކޯޓަށް މައްސަލައެއް ހުށަހަޅާފައި. އެ މައްސަލަ ހުށަހެޅުމުން ކޯޓުން ކަނޑައެޅީ މަތިވެރި ކައުންސިލްގެ ގަރާރު ބާތިލް ކަމަށް
  • މަތިވެރީގައި ހިންގާ ލޯކަލް ގެސްޓްހައުސް، ކާސާ މިއާ ގެ ދެ ބިން ޓޫރިޒަމް މިނިސްޓްރީއަށް ނަގައި އެ ދެ ބިން ރިޗް ކްލަބް މޯލްޑިވްސްގެ ނަމަށް ބަދަލުކޮށްދިނުމަށް ރިޗް ކްލަބް މޯލްޑިވްސް އިން އެދުނު. އެއީ 2018 ނޮވެމްބަރު އެއްވަނަ ދުވަހު
  • އެއާއެކު މަތިވެރިން އަބްދުއްރައްޒާގަށް ދޫކޮށްފައިވާ ދެ ބިން މީހުން ދިރިއުޅޭ ރަށްރަށުގައި ޓޫރިސްޓު ހޮޓަލާއި ގެސްޓުހައުސް ތަރައްގީކުރުމަށް ކައުންސިލް މެދުވެރިކޮށް ބިން ކުއްޔަށް ދިނުމަށް ބިން ކަނޑައެޅުމާ ބެހޭ އުސޫލާ އެއްގޮތަށް ބަދަލުކޮށް، ޓޫރިޒަމް މިނިސްޓްރީ އާއި ރިޗް ކްލަބް މޯލްޑިވްސް އާއި ދެމެދު ސޮއިކުރުމަށް އެމެންޑްމެންޑް އެންޑް ރީސްޓޭޓެޑް ޑްރާފްޓެއް އެކުލަވާލާ އެ ޑްރާފްޓަށް ލަފާ ހޯފުމަށް އޭޖީ އަށް ފޮނުވުނު
  • މަތިވެރި ކޯޓުގެ ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާތީ އެކަމަށް ރިއާޔަތް ކުރުމަށް އޭޖީ އިން ލަފާ ދިން. އަދި އެއްބަސްވުންތަކަކީ އަބްދުއްރައްޒާގާއި މިނިސްޓްރީ އާއި ދެމެދު ސޮއިކުރެވޭ އެއްބަސްވުންތަކެއް ކަމަށް ހަދައި، ކަމާ ބެހޭ މާއްދާތައް އިސްލާހު ކުރުމަށް ވެސް އޭޖީ އިން ލަފާ ދިން
  • މަތިވެރީގެ ދެ ބިމާގުޅިގެން ހައިކޯޓުން ވަކި ގޮތެއް ނުނިންމަނީސް އެކަމާ ގުޅޭ އެއްވެސް މުއާމަލާތެއް ނުކުރުމަށް އަންގާފައިވަނިކޮށް ހައުކޯޓުގައި އިސްތިއުނާފުކޮށްފައިވާ މައްސަލައިގެ ފޯމު ބާތިލްކޮށްދިނުމަށް 2019 އޮގަސްޓް ހަޔެއްގައު މަތިވެރި ކައުންސިލުން އެދުނު
  • އެ ފޯމު ބާތިލްކުރިކަން ހައިކޯޓުން މަތިވެރި ކައުންސިލަށް އެންގީ 20 އޮގަސްޓް 2019 ގައި
  • އޮގަސްޓް ތިންްވަނަ ދުވަހު މަތިވެރި ކައުންސިލާއި އަބްދުއްރައްޒާގާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމަށް އިސްލާހު ގެނައުމުގެ އެއްބަސްވުމުގައި ސޮއިކުރެވުނު
  • އޭގެފަހުން އެ ބިމުގައި އަބްދުއްރައްޒާގު ކޮށްފައިވާ އިންވެސްތްމެންޓް ރިޗް ކްލަބް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ބަދަލުކޮށްދިނުމަށް އޮގަސްޓް ތިނެއްގައި ސިޓީ ފޮނުވި
  • މަތިވެރި ކައުންސިލާއި ރިޗް ކްލަބް މޯލްޑިވްސް އާ ދެމެދު މަތިވެރީގެ ދެބިން ކުއްޔަށް ދިނުމަށް އެއްބަސްވި
  • މި ދެބިން މީހުން ދިރިއުޅޭ ރަށްރަށުގައި ޓޫރިސްޓު ހޮޓާ/ގެސްޓްހައުސް ތަރައްގީކުރުމަށް ކައުންސިލް މެދުވެރިކޮށް ބިން ކުއްޔަށް ދިނުމަށް ބިން ކަނޑައެޅުމާ އުސޫލާ އެއްގޮތަށް ބަދަލުކޮށް ޓޫރިޒަމް މިނިސްޓްރީ އާއި ރިޗް ކްލަބް މޯލްޑިވްސް އާއި ދެމެދު ސޮއިކޮށް އެމެންޑެޑް އެންޑް ރީ ސްޓޭޓަޑްގެ ޑްރާފްޓެއް އޭޖީ އޮފީހަށް ފޮނުވި
  • އެ އެގްރީމެންޓުގައި ސޮއިކުރުމަށް ގާނޫނީ ހުރަހެއް ނެތްކަމަށް އޭޖީ އިން ލަފާދިން
  • މި ބިން ރިޗް ކްލަބަށް ކުއްޔަށް ދިނީ 50 އަހަރަށް، އެއީ ކައުންސިލް މެދުވެރިކޮށް މީހުން ދިރިއުޅޭ ރަށްރަށުގައި ޓޫރިސްޓު ގެސްޓުހައުސް ތަރައްގީކުރުމަށް ބިން ކުއްޔަށްދޭ މުއްދަތު ބަޔާންކުރާ އުސޫލުގެ ދެވަނަ މާއްދާގެ (ރ) ގެ ދަށުން
  • އެ ބިމުގައި 10 މިލިއަން ރުފިޔާގެ އިންވެސްޓްމެންޓެއް ކޮށްފައިވާކަން މިނިވަން އިވެލުއޭޝަނަކުން އެނގުނު
  • ޓޫރިޒަމް މިނިސްޓްރީ އާއި ރިޗް ކްލަބް މޯލްޑިވްސް އާއި ދެމެދު ކައުންސިލް އުސޫލާ އެއްގޮތަށް ސޮއިކުރެވުނީ 29 ސެޕްޓެމްބަރު 2019 ގައި

ގެސްޓުހައުސް ހުރި ބިން ކުއްޔަށް ދިން ކުންފުންޏަކީ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ މަސްލަހަތު އޮންނަ ކުންފުންޏެކެވެ.