ދީނީ ގޮތުން ހައްދު ފަހަނައަޅާ ދިއުމާ ދެކޮޅަށް ވާހަކަދައްކާތީ އިންޒާރުތައް ދޭ ކަމަށް އައްޑޫ ހިތަދޫ މަސްޖިދުއް ޒިއްނޫރައިންގެ ސީނިއާ އިމާމް ޝެއިހު މުހައްމަދު އަނީލް ވިދާޅުވެއްޖެ އެވެ.

އިއްޔެ އަސުރު ނަމާދުން ފޭބިއިރު ފައިވާނުގެ ވަދު ބަޔަކު ކަނޑާލާފައިވާތީ ޝެއިހު އަނީލް ވަނީ އިއްޔެ ޓްވީޓެއް ކޮށްފަ އެވެ. އެ ޓްވީޓާ ގުޅުވައި ޝެއިހު އަނީލް ވިދާޅުވީ އެކަން ކޮށްފައިވަނީ އާންމުކޮށް މިސްކިތުގެ ޖަމާއަތް ނިމޭފަހުން މިސްކިތަށް އަރައި ވަކިން ޖަމާއަތުގައި ނަމާދު ކުރާ، ގުރޫޕެއްގެ ބަޔަކު ކަމަށް މަންޒަރު ދުއް ބަޔަކު ބުނި ކަމަށެވެ.

"ދީނުގެ ނަމުގައި ހައްދުފަހަނަޅައި ދިޔުމާއި ދެކޮޅަށް އަޅުގަނޑު ދައްކާ ވާހަކަތަކާ ގުޅިގެން މަގުމަތިންނާއި މިސްކިތް ދޮށުން ދިމާކޮށް ފުރައްސާރަ ކުރުމާއި، ސޯޝަލްމީޑިއާ މެދުވެރިކޮށް އިންޒާރު ދިނުމަކީ ތަކުރާރުކޮށް ކުރިމަތިވަމުންދާ ކަންތައްތަކެއް. ފަހަކަށް އައިސް މިކަން އިތުރުވެފައިވޭ." ޝެއިހު އަނީލް ވިދާޅުވި އެވެ.

އިސްލާމްދީނުގެ ނަމުގައި ހައްދުފަހަނަޅައި ދިޔުމުގެ ފިކުރު ފަތުރައި ފުރާވަރުގެ ކުދިން ގޮވައިގެން ރޭގަނޑު އިޝާ ފަހުން ނުވަގަޑިބައި ދިހައެއް ޖަހާއިރު މިސްކިތްތަކުގައި ބަޔަކު ތިބޭކަމީ އައްޑޫގެ ގިނަރަށްރަށުގެ މިސްކިތްތަކަށް އަރާމީހުންނަށް އެނގޭ ހަގީގަތެއް ކަމަށް ޝެއިހު އަނީލް ވިދާޅުވި އެވެ.

އޭގެ އިތުން ރުއްތަކުގައި ކުރެހުމާއި މިސްކިތްތަކުގައި ހުންނަ ފޮތްތަކާއި ޛިކުރު ޕޯސްޓަރުތަކުގައި ހުންނަ ދައުލަތުގެ ނިޝާން ކަނޑާލުމާއި ކަލަންޑަރުތަކުގައި ކުރެހުމާއި މިސްކިތްތަކުގައި ހުންނަ ގުރުއާން ތަރުޖަމާ ފަދަ ތަކެތި ވަގަށް ނެގުން ފަދަ ކަންތައްތަކަކީ އާންމުކޮށް އެމީހުން ކުރާ ކަމެއް ކަމަށް އަނީލް ވިދާޅުވި އެވެ.