އަންނަ ޑިސެމްބަރު މަހު އިންޑިޔާގެ ނިއު ދިއްލީގައި އޮންނަ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރު ވުމަށް ދިވެހި ޤައުމީ ޓީމް މެލޭޝިއާގައި އިއްޔެ ކުޅުނު އެކުވެރިކަމުގެ ތިން ވަނަ މެޗު ކާމިޔާބު ކޮށްފި އެވެ.

މެލޭޝިއާގެ ސައިމް ޑާބީ އެފްސީއާ ދެކޮޅަށް ކުޅެ ދިވެހި ޓީމް މިމެޗް ކާމިޔާބު ކުރީ 1-0 ލަނޑުން ނެވެ. މެޗުގައި ދިވެހި ޓީމަށް ލަނޑު ޖަހައިދިނީ ކެޕްޓަން އަލީ އަޝްފާގް (ދަނގަޑޭ) އެވެ.

މި ދަތުރުގައި ގައުމީ ޓީމު ކުޅުނު ފުރަތަމަ މެޗު ނިމުނީ 1- 1 ލަނޑުން ދެ ޓީމް އެއްވަރުވެގެންނެވެ. މެޗުގައި ދިވެހި ޓީމާ ދެކޮޅަށް ނުކުތީ މެލޭޝިއާގައި ކުޅޭ ބިދޭސީ ކުޅުންތެރިންގެ ޓީމެކެވެ. އަދި މިމެޗުގައި ރާއްޖޭގެ ލަނޑު ޖެހީ އިސްމާއިލް މުހައްމަދު (އިއްސެ) އެވެ. އަދި ދެ ވަނަ މެޗުން ރާއްޖެ މޮޅުވީ މެލޭޝިއާގެ އާމްޑް ފޯސް އަތުން 5-0 ލަނޑުންނެވެ.

މެލޭޝިއާ އަށް ދިވެހި ޓީމް މިހާރު ކުރަމުން އެ އަންނަ ދަތުރަށް ފަހު ސީޝެލްސްއާ ދެކޮޅަށް މާލޭގައި އެކުވެރި ކަމުގެ ދެ މެޗް ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން ފުރަތަމަ މެޗް ކުޅުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 23 ވަނަ ދުވަހު އެވެ. އަދި ދެ ވަނަ މެޗް ކުޅުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 26 ވަނަ ދުވަހު އެވެ.

އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި އަންނަ މަހުގެ ދެ ވަނަ ދުވަހު މުބާރާތް ފަށާ އިރު، މުބާރާތުގައި ރާއްޖެ ލައްވާލީ މިސަރަހައްދުގެ ފުޓްބޯޅައިގައި މިހާރު އެންމެ ކުރިއަރަމުން އަންނަ ޤައުމުތަކާ އެކު ގްރޫޕް ބީ ފަޅީގަ އެވެ. އެގޮތުން ރާއްޖެ ފަޅީގައި ހިމެނޭ ޤައުމުތަކަކީ ބަންގްލަދޭޝް އާއި ނޭޕާލް އަދި ޕާކިސްތާނެވެ.


ގްރޫޕް އޭގައި ހިމެނެނީ މުބާރާތް ބާއްވާ އިންޑިޔާ އާއި އަފްޣާނިސްތާނާއި ސްރީލަންކާ އަދި ބޫޓާނެވެ.


އިންޑިއާގައި ސާފް ޗެމްޕިއަން ޝިޕް ބާއްވާ މިއީ ދެ ވަނަ ފަހަރެވެ. މި މުބާރާތް އެންމެ ފަހުން ބާއްވާފައި ވަނީ ބަންގްލަދޭޝްގަ އެވެ. އެ މުބާރާތުގެ ފައިނަލުގައި ރާއްޖެ ބަލިކޮށް އިންޑިއާ ވަނީ ތަށި ގެންގޮސްފަ އެވެ.