30 Sep 2019, 13:28
މިސަރުކާރުގެ މިނިސްޓަރުންނަށް ކަންތައްތައް ނުކުރެވޭ ނަމަ އެ މިނިސްޓަރުން "ގެއަށް ދާން ޖެހޭ" ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާ މެމްބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ވިދާޅުވެއްޖެ އެވެ.
މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އަނދުން ހުސައިން ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ގާނޫނު އަސާސީން ލިބޭ ބާރުގެ ދަށުން ވަކި މުއްދަތެއްގެ ތެރޭގައި ކަންތައްތަކެއް ކުރުމަށް އެންގުމުން ސަރުކާރުގެ މިނިސްޓްރީތަކުން "ބޮޑު ނަގުލަށް ހިފަލައިގެން" ތިބުން އެއީ ރައްޔިތުންގެ މަޖިލީހުން ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ.
"ބޮޑެތި އަލިފާނުގެ ހާދިސާތައް ހިނގައި، އެތައްތަނެއްގައި ރޯވެ، 400 އެއްހާ މީހުން މަގުމަތިވީއުރު، ސަރުކާރުގެ މެގަ ކުންފުނިތައް ތިބީ ބަލަން. ބައެއް މީހުން ތިބީ އަތް ޖަހަން. 15 ދުވަސް ވެގެން ދަނީ، އަދި ތަން ސާފުކޮށް ނުނިމޭ. ދެ މަސް ދުވަސްތެރޭ ގުދަންތައް މާލެއިން ބޭރު ކުރަން ރައީސުލްޖުމްހޫރިއްޔާ އެންގީމައި އެކަން ވާން ޖެހޭ. އެކަން ނުވާނަމަ، އެތަންތާގައި ތިބޭނެ ކަމެއް ނެތް. ކަމާ ބެހޭ މީހުން ތިބެންވީ ގޭގައި،" އެމްޑީޕީ ޕާލިމަންޓަރީ ގުރޫޕުގެ ޑެޕިއުޓީ ލީޑަރު އަނދުން ހުސައިން ވިދާޅުވި އެވެ. "ހެޔޮވަރު ބޯހިޔާވަހިކަން ދެއްވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީމައި، އެކަން ހިނގަން ޖެހޭ. އެކަން ނުކުރެވޭ މިނިސްޓަރުންވެސް ދާންވީ ގެއަށް،"
މި ސަރުކާރުގައި ތިއްބެވީ ކޯލީޝަން ޕާޓީތަކުގެ މިނިސްޓަރުން ކަން ފާހަގަ ކުރައްވާ އަނދުން ހުސައިން ވިދާޅުވީ، އެ މިނިސްޓްރީތަކުން ރައީސް ސޯލިހަށް ކަންކަން ނުކުރެވޭ ކަމަށް ދައްކަން މަސައްކަތް ކޮށްގެން ނުވާނެ ކަމަށެވެ. އަދި އެކަން ބަަލަން މަޖިލީހުން ނުތިބޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކޯލިޝަން ޕާޓީތަކަށް އަދުންގެ އިންޒާރު!
ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ނުސީދާކޮށް ރައްދު ދެމުން އަނދުން ހުސައިން ވިދާޅުވީ، ކޯލިޝަންގެ ޕާޓީތަކުން އެމްޑީޕީގެ ރައީސް އަދި މަޖިލިސް ރައީސް މުހައްމަދު ނަޝީދާއި ރައީސް އިބްރާޙިމް މުހައްމަދު ސޯލިހާ ދެމެދު ދޭތެރެ ޖައްސަން ކުރާ މަސައްކަތް ހުއްޓާލަން ޖެހޭ ކަމަށެވެ.
"މަަޖިިލިސް [އަދި[ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި ރާއްޖޭގެ ރައީސްއާ ޖައްސަން އެހެން ޕާޓީތަކުގެ ވެރިން ކުރާ މަސައްކަތް ހުއްޓާލަން ޖެހޭ. މިކަމަކީ ހަމަ ސީދާ ފޫނެއް ފަޔަށް ފެން ފުރުން،" އަނދުން ހުސެއިން ވިދާޅުވި އެވެ. "އެމްޑީޕީގެ ޕޯޑިއަމް މުޅި ރާއްޖޭގެ ހުރިހާ ރަށެއްގައި ހުންނާނެ. އެހެންވީމަ އެމްޑީޕީިއަށް ގޮވޭނެ އެއްޗިސް މާ ގިނަ ވާނެ، އެމްޑީޕީގެ ރައީސަށް ގޮވޭނެ އެއްޗިސް މާ ގިނަ ވާނެ. މި މަޖިލީހުގެ ރައީސަށް ގޮވޭނެ އެއްޗިސް މާ ގިނަ ވާނެ. އަޅުގަނޑުމެން ބަލަން ތިބޭކަށް ނެތިން،"
ކޯލިޝަން ޕާޓީތަކަށް ސަރުކާރުން ދީފައިވާ ހިއްސާއާ މެދު ދެވަނަ ވިސްނުމަކަށް ދިޔުމަށް އެމްޑީޕީގެ މަޖިލިސް މެމްބަރުންނާއި ޕާޓީ ކައުންސިލުން ރައީސަށް ލަފާ ދޭން ޖެހިދާނެ ކަމުގެ އިންޒާރުވެސް އަދުން ހުސައިން ދެއްވި އެވެ.
"އަޅުގަނޑުމެން ހިތްހަމަ ޖެހިގެނެއް ނޫން މި ތިބީ. ސަރުކާރުން [އެހެން ޕާޓީތަކަށް] ދީފައިވާ ހިއްސާ އަކީ އެކަށީގެން ނުވާ ބޮޑު ހިއްސާއެއް. އެމްޑީޕީގެ މަޖިލިސް މެމްބަރުންނާއި ޕާޓީގެ ކައުންސިލުން ރައީސުލްޖުމްހޫރިއްޔާ އަށް ލަފާ އަރުވަން ޖެހިދާނެ [ޕާޓީތަކުގެ ހިއްސާއާ މެދު ދެވަނަ ވިސްނުމަކަށް ދާން]. އެހެންވީމަ ފަހަތަށް ޖެހިވަޑައިގެން އިމުގައި ހުންނަވަން އަޅުގަނޑު އެދެން،" ކޯލިޝަން ޕާޓީތަކަށް އިންޒާރު ދެމުން އަނދުން ވިދާޅުވި އެވެ.